ނުވަދިހައިގެ އަހަރުތަކުގައި އެންމެ ވިދާލި ބަތަލާ ސްރީދޭވީ ފިލްމުުތަކާ ދުރުގައި އެތަކެއް އަހަރެއް އުޅުނު ނަމަވެސް 2012 ވަނަ އަހަރު "އިންގްލިޝް ވިންގްލިޝް" އާއެކު އެނބުރި އައިސް ވަނީ އޭނާގެ ތަރި ނުއޮއްސޭކަން ހާމަކޮށްފަ އެވެ.
އަދިވެސް ވަރަށް ކާމިޔާބު އަދި ވަރަށް ހުނަރުވެރި ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސްރީދޭވީ އަނެއްކާ ވެސް ގާތްގަނޑަކަށް ފަސް އަހަރުގެ ބްރޭކަކަށްފަހު "މޮމް" ކިޔާ ފިލްމަކުން އެނބުރި އެބަ އާދެ އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހު "މޮމް" ރިލީޒް ކުރާއިރު، އެ ފިލްމުގެ މުހިންމު ރޯލަތަކުން އަކްޝޭ ކަންނާ އާއި ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ.
"މޮމް" އަށް ފަހު ސްރީދޭވީ ދެން ފެނިގެންދާ ފިލްމުވެސް ވަނީ ޔަގީންވެފަ އެވެ. އެއީ 1987 ގައި ސްރީދޭވީ އާއި އަނިލް ކަޕޫރު އެކުގައި ފެނިގެންދިޔަ ބްލޮކްބާސްޓާ ފިލްމު "މިސްޓާ އިންޑިއާ" ދެ ސީކުއަލް އެވެ.
މީގެ ކުރިން އެތައް ފަހަރަކު "މިސްޓާ އިންޑިއާ" ގެ ދެވަނަ ބައެއް އުފައްދާ ކަމުގެ ވާހަކަތައް ދެކެވުނަސް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައެއްނުވެ އެވެ.
ވަރަށް އަވަހަށް އަނިލް އާއި ސްރީދޭވީ "މިސްޓާ އިންޑިއާ 2" ގެ ޝޫޓިން ފަށާއިރު، މި ސިލްސިލާގެ ދެވަނަ ފިލްމެއް އުފެއްދުން އެހާ ލަސްވީ ފުރަތަމަ ފިލްމަށް ވުރެން ދެވަނަ ފިލްމު މޮޅަށް އުފައްދަން ބޭނުންވާތީ ކަމަށް ބުނެ އެވެ.
"މިސްޓާ އިންޑިއާ" ޑައިރެކްޓްކޮށްފައިވަނީ ޝޭކަރް ކަޕޫރު ނަމަވެސް އޭނާ ވަނީ ދެވަނަ ބައި ޑައިރެކްޓްކުރަން ދެކޮޅު ހަދާފަ އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ފިލްމު ޑައިރެކްޓް ކުރާނީ ރާކޭޝް އޯމް ޕްރަކާޝް މެހެރާ އާއި "މޮމް" ގެ ޑައިރެކްޓަރު ރަވީ އުދްޔަވަރް ގުޅިގެންނެވެ.
ދެވަނަ ފިލްމުގައި ސްރީދޭވީ އާއި އަނިލް، އެމީހުން ފުރަތަމަ ފިލްމުގައި ކުޅެފައިވާ ރޯލުތަކުން ފެނިގެންދާ ގޮތަށް އޮތް ނަމަވެސް މި ދެތަރިންގެ އިތުރުން މުޅިން އާ ދެ ތަރިން ވެސް "މިސްޓާ އިންޑިއާ 2" ގައި މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.
"މިސްޓާ އިންޑިއާ" ގައި ނުބައިބައި ރޯލަކުން އަމްރިޝް ޕޫރީ ވެސް ފެނިގެންދެ އެވެ.