ހަބަރު

އަދީބުގެ ޝުކުރު ގާސިމަށް

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކި ކުރަން އިއްޔެ މަޖިލީހުގައި ނެގި ވޯޓްގައި، އެކަމާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަކާލާތު ކުރެއްވި ނަމަވެސް އެ މައްސަލައިގެ ވޯޓާ ހިސާބުން އެ ޕާޓީން ނެރުނީ، އެ މެންބަރަކު ބޭނުން ގޮތަކަށް ވޯޓު ދޭން ފްރީ ވިޕެކެވެ. އިއްޔެގެ ނިންމުން ފާސްކުރުމަށް 53 މެންބަރަކު ވޯޓު ދެއްވިއިރު، ޖޭޕީގެ ފަސް މެންބަރުން ވޯޓު ދެއްވީ އެ ދެ ފަނޑިޔާރުން ބޭރު ކުރުމަށެވެ.

ދެ ފަނޑިޔާރުން ބޭރު ނުކުރުމާ އެމްޑީޕީން ސީދާ ދެކޮޅު ހަދާ އެ ޕާޓީން ތްރީލައިނެއް ވިޕެއް ޕާލިމަންޓްރީ ގްރޫޕްގެ މައްޗަށް ނެރުނު އިރު، ގާސިމް އިބްރާހިމްގެ ފިނި ނިންމުމަށް ސަރުކާރުގެ ތައުރީފް ވަނީ އޮހިފަ އެވެ. އަދި އެ ވޯޓް ކާމިޔާބު ވުމުގެ އެއް އަސްލަކަށް ގާސިމް ވެސް ސަރުކާރާ އެކު ބައިއަތު ހިފުން ކަމަށް ވެދާނެ އެވެ. 

ރައީސްގެ ފަރާތުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ކޯޑިނޭޓަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ، ޓޫރިޒަމް މިނިސްޓަރު އަދި އިކޮނޮމިކް ކޮމިޓީގެ ކޯޗެއާ އަހުމަދު އަދީބު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި އަމަލު ކުރުމަށް އެއްބަސްވެފައިވާ ގޮތަށް ޖޭޕީގެ މެންބަރުންނަށް ފަނޑިޔާރުން ވަކިކުރަން ވޯޓު ދިނުމުގެ ފުރުސަތު ދެއްވީތީ އުފާ ކުރައްވާ ކަމަށެވެ. އެހެން ކަމަކަށް ވެސް އަދީބު ގާސިމަށް ތައުރީފް ކުރެއްވި އެވެ. އެއީ އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު ހަމަޖެއްސުމަށް ގާސިމް ވެސް ވޯޓު ދެއްވާފައި ވާތީ އެވެ.

"ހޮނަރަބަލް ގާސިމް އިބްރާހިމްގެ މި ނިންމެވުންތަކަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ،" އަދީބު ޓްވީޓް ކުރައްވާފައިވެ އެވެ. 

އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު ހަމަޖެއްސުމަށް ވޯޓްގައި ބައިވެރިވެ ވަޑައިގަތް 55 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވެސް ހާޒިރުވެ ވަޑައިގެންފައެއް ނުވެ އެވެ. އަދި އިއްޔެގެ ޖަލްސާއަށް ހާޒިރުވެ ވަޑައި ނުގަތް، އެމްޑީޕީގެ ހަ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް މިހާރު ވަނީ އެ ޕާޓީން ނިންމައިފަ އެވެ.

އެމްޑީޕީން ދެކޮޅު ހެދި ނަމަވެސް، ދެ ފަނޑިޔާރުން ބޭރު ކުރުމަށް އެ ޕާޓީ ނޫން އެހެން ސިޔާސީ ފަރާތްތަކުގެ ރުހުން އޮތްކަން އިއްޔެގެ ވޯޓުން ވަނީ ހާމަވެފަ އެވެ. އެއީ އަދާލަތު ޕާޓީގެ ހަމައެކަނި މެންބަރު އަނާރާ ނައީމް ވެސް ވޯޓު ދެއްވީ އެ ދެ ފަނޑިޔާރުން ބޭރު ކުރުމަށެވެ. އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ފިޔަވާ ޕީޕީއެމްގެ ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ދެ ފަނޑިޔާރުން ބޭރު ކުރުމަށެވެ.