ބޮލީވުޑް

ޓީވީ ތަރި ޝަކްތީ ހުސްހަށިބައި ވެއްޖެ

Jun 21, 2017
1

ދެހާސް ސާދަވަނަ އަހަރު ކަލާޒް ޗެނަލުން ދައްކަން ފެށި ޑްރާމާ "މެރި އާޝިގީ ތުމްސޭ ހީ" އަކީ، މަޝްހޫރު ޓީވީ އެކްޓަރު ޝަކްތީ އަރޯރާ ބެލުންތެރިންގެ މެދުގައި ވިދާލި ޝޯ އެވެ.

ދެހާސް ހަވަނަ އަހަރުން ފެށިގެން އެކި ޓީވީ ސީރީޒްތައް ކުޅެމުން އައި ނަމަވެސް ޝަކްތީގެ މަޝްހޫރުވެ، އޭނާގެ ރީތި ކަމުގެ ޖާދޫގައި އެތަކެއް އަންހެނުންތަކެއް ޖެހި އޭނާ މަގުބޫލު މޫނަކަށް ވެގެން ދިޔައީ "މެރި އާޝިގީ ތުމްސޭ ހީ" ގައި ކުޅުނު ރަންވީރުގެ ރޯލުންނެވެ.

އެ ޝޯއިން ޝަކްތީ ވިދާލައި އޭނާ އަށް މަރުދޭ އެތަކެއް ފޭނުންނެއް ތިބި ނަމަވެސް ޝަކްތީ އޭރު ވެސް އުޅުނު ވަރަށް ސީރިއަސްކޮށް ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. ޓީވީ ބަތަލާ ނޭހާ ސަކްސޭނާ އާއި ޝަކްތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގާތްގަނޑަކަށް ހަތަރު އަހަރަށް ވުރެން ގިނަ ދުވަސްވެދާނެ އެވެ.

ނަމަވެސް ޝަކްތީ އާއި ނޭހާ މިވަނީ އެ ދެތަރިންގެ ހަތަރު އަހަރުވީ ލޯބީގެ ގުޅުން ކައިވެންޏާއި ހަމައަށް ގޮސްފައި ވަނިކޮށް ނިންމާލާފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝަކްތީ އާއި ނޭހާ ކައިވެނިކުރަން ހުރިހާ ކަމެއް ހަމަޖައްސާފައި އޮތް ނަމަވެސް އިންޑިއާގައި ބޭނުންކުރަމުން އައި ކުރީގެ ނޫޓްތައް ބޭނުންކުރުން ކުއްލި އަކަށް ހުއްޓާލުމުން، ކައިިވެނީގެ އެކި ހަފްލާތަކަށް ފައިސާ ދައްކަން އާ ނޫޓު ނުލިބުމުގެ ސަބަބުން އެ ދެތަރިން ވަނީ ކައިވެނި ފަސްކޮށްފަ އެވެ.

ލޯބީގެ ގޮތުން ގުޅިގެން ޝަކްތީ އާއި ނޭހާ އުޅުނުއިރު އެ ދެމީހުން ގުޅުން އޮތީ ވަރަށް ހާމަކޮށެވެ. އެކުގަައި ވަނީ ރިއަލިޓީ ޝޯ ނަޗް ބަލިޔޭގައި ވެސ 2015 ވަނަ އަހަރު ބައިވެރިވެފަ އެވެ.

ވަރަށް ލޯބިން އުޅުނު މި ދެތަރިން ކުއްލި އަކަށް ރުޅިވި ހަބަރު ފެތުރުނު ނަމަވެސް އެ ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހިގެން އުޅޭތާ ވަރަށް ދުވަސްވެފައިވާ ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި ޑިސްޓަންޓް ރިލޭޝަންޝިޕެއްގައި އުޅުން ޖެހުމުން މިދެތަރިން ދެމެދުގައި މައްސަލަތައް މިފަހަކަށް އައިސް ޖެހޭލެއް ވަނީ ގިނަވެފަ އެވެ. އަދި މިދެމީހުން ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް ކަމަށް ވަނީ އެންގޭޖްކުރިތާ ހަތަރު އަހަރުވެފައިވާތީ ނޭހާ އަވަހަށް ކައިވެނިކުރަން ކިޔުމެވެ. ނަމަވެސް ޝަކްތީ ޓީވީ ޝޯތައް ކުޅެމުން އަންނަތާ އެހާ ގިނަ އަހަރުތައް ވީ ފަހުން އޭނާ އަށް ކިރިޔާ ވެސް ކާމިޔާބީގެ ރަހަ ލިބިފައިވަނީ "މެރި އާޝިގީ ތުމްސޭހީ" އަށް ފަހު އެވެ. އަދި މިހާރު އިންޑަނޭޝިއާގެ ޓީވީ ޝޯއެއް
އޭނާ ކުޅެމުން އަންނައިރު، އެ ޝޯގެ ސަބަބުން އޭނާގެ މަގުބޫލުކަން އެ ގައުމުގައި ވެސް ވަނީ ވަރަށް ބޮޑުވެފައިވާތީ އޭނާގެ ކެރިއަރު ރަނގަޅު މިސްރާބެއްގައި ދަނިކޮށް އަދި ކައިވެނިކުރާކަށް ބޭނުމެއްނުވެ އެވެ.

މީގެއިތުރުން ވެސް ނޭހާގެ ކެރިއަރު ކުރިއަށް ދަނީ މާ ރަނގަޅަށް ނުވާތީ އެކަމާ ވެސް ޝަކްތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ކެރިއަރު ބިނާކުރުމަށް ވުރެން ބޮޑަށް ނޭހާ ބޭނުންވަނީ ޝަކްތީ އާއި ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށާށެވެ. ނޭހާ ކެރިއަރުގައި މިހާތަނަށް މާ ކާމިޔާބު ޝޯއެއް ކުޅެވިފައި ނެތްއިރު އެންމެފަހުން އޭނާ ފެނިގެން ގޮސްފައިވަނީ 2013 ވަނަ އަހަރު ނިކުތް ޑްރާމާ އަކުންނެވެ. އޭގެފަހުން އިތުުރު ޑްރާމާއެއްގެ މަސައްކަތް އޭނާ ކޮށްފައިނުވާއިރު، ނޭހާގެ ކެރިއަރު ފްލޮޕްވުމުން އެކަމާ ޝަކްތީ ވާހަކަދައްކާތީ އެ ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހި ވަރަށް ގިނައިން ޒުވާބު ކުރާ ކަމަށްވެ އެވެ.

އިންޑަނޭޝިއާއިން އިތުރު ޕްރިޖެކްޓްތަކެއް ލިބުމުން އަދި ދުވަސްކޮޅެއް ވަންދެން އެކޮޅުގައި މަޑުކުރަން ނިންމުމުން އެކަމާ ނޭހާ ހިތްހަމަނުޖެހުނީ އެވެ. ޝަކްތީ އާއި އޭނަ އެންގޭޖްވިތާ ވެސް ހަތަރު އަހަރުވެފައިވާއިރު، އެ ގުޅުން އިތުރު ހަރުފަތެއް ކުރިއަށް ނުގޮސް އެހާ ގިނަ ދުވަސްވުމުން އޭނާ ވެސް ހުރީ އެ ގުޅުން މަތިން ފޫހިވެފަ އެވެ.

ނޭހާ އާއި ޝަކްތީ ރުޅިވިކަމުގެ ވާހަކަތައް ވަރަށް ގަދަޔަށް ދެކެވެމުން އައި ނަމަވެސް ނޭހާ އެކަން ދޮގުކުރާ ކަމަށް އޭނާގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ކޮންމެ އަކަސް ޝަކްތީ އޭނާގެ ފިލްމީ ކެރިއަށް ވަގުތު ދޭން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ޒަވާޖީ ހަޔާތެއް ފަށަން ބޭނުންނުވުމުން އެ ދެމީހުންގެ ދެމެދުގައި ތަފާތު އެކި މައްސަލަތައް ޖެހި ދުވަސްވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނަން ދެމީހުންނަށް ވެސް މަޖުބޫރުވީ އެވެ.

ޝަކްތީ އާއި ނޭހާ ދިމާވެފައިވަނީ 2010 ވަނަ އަަހަރު އެ ދެމީހުން އެކުގައި ކުޅުނު ޑްރާމާ ތޭރޭ ލިޔޭ އިންނެވެ. އޭގެފަހުން ދެމީހުން ގާތް އެކުވެރިންނަށްވެ، ފަހުން އެކަކު އަނެކަކު ދެކެ ލޯބިވެވި ވަނީ ރައްޓެހިވެފަ އެވެ. އަދި ކައިވެންޏާ ހަމައަށް މި ގުޅުން ގޮސްފައި އޮތް ނަމަވެސް މިހާރު މިދެތަރިން މިވަނީ ރުޅިވެފަ އެވެ.