ހުޅުލޭގައި ގާއިމުކޮށްފައިވާ މޫސުން ބަލާ ރާޑަރު، ޑޮޕްލާ ވެދަ ރާޑަރު މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށްފަހު އަލުން ބޭނުން ކުރަން ފަށައިފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަވިސް (މެޓް) ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރާޑަރު އަލުން އިފްތިތާހު ކޮށްދެއްވީ އެންވާރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. މިދިޔަ ޑިސެމްބަރު މަހު ފެށި މަރާމާތުގެ މަސައްކަތަށް 6.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބޭ ކަމަށާއި މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށްފަހު މިއަދު މި އަލުން ބޭނުން ކުރަން ފެށުނު ރާޑަރުގެ ސަބަބުން މޫސުމަށް ބަދަލުތައް ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި މެޓް އޮފީހުން ފޯރުކޮށްދެމުންދާ މޫސުމާބެހޭ މައުލޫމާތުގެ ފެންވަރު އިތުރަށް ފުޅާވެ ހިދުމަތްތައް ރަނގަޅުވެ ފޯރުކޮށް ދެމުންދާ މައުލޫމާތު އެކިޔުރޭޓް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ރާޑަރުން 250 ކިލޯ މީޓަރުގެ ރޭޑިއަސް ތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެ އެވެ. ވާރޭވެހެމުންދާ ސަރަހައްދާއި ވާރޭ ވެހެމުންދާ ބޯމިނާއި ވާރޭ ވިލާގަނޑު ދަތުރުކުރާ ބާރުމިނާއި މިސްރާބު ވެސް ދެނެގަނެވެ އެވެ. މި ރާޑަރުގެ ސަބަބުން ވައިގެ ދަތުރުފަތުރު ތަކަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. ކުރިއަށް އޮތް ތަނުގައި މީގެ އިތުރު ރާޑަރެއް ބެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ރާޑަރު ފުރަތަމަ ގާއިމުކުރީ ހުރީ 2008 ވަނަ އަހަރު އެވެ. އަލުން މަރާމާތުކޮށް ހިދުމަތަށް ގެނައީ ގިނަދުވަސްތަކެއް ވަންދެން ހަލާކުވެ ބޭނުން ނުކޮށް ހުއްޓަ އެވެ.
"ގިނަ ދުވަހު ބޭނުން ނުކޮށް ހުރުމުން ވަރަށް ބޮޑު މަރާމާތެއް ކުރަން ޖެހުނު. އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު" މިނިސްޓަރު ވިދާޅުވި އެވެ.