ބޮލީވުޑް

ޝާހްރުކް "ޓިއުބްލައިޓް" ކުޅެން އެއްބަސްވީ އެންމެ ފޯނު ކޯލަކުން

Jun 21, 2017
3

ޒަމާންތަކެއް ވަންދެން ސުޕަސްޓާ ޝާހްރުކް ޚާން އާއި ސަލްމާން ޚާނާ ދެމެދު އޮތް ރުޅިވެރިކަން ނިމުމަކަށް ގެނައި ފަހުން މިހާރު މިދެތަރިންނަކީ އަނެއްކާ ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

އަލަށް މި ދެތަރިންގެ ދެމެދުގައި އުފެދުނު އެކުވެރިކަމާ އެކު ސަލްމާންގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ޓިއުބްލައިޓް" ގެ މެހެމާނެއްގެ ރޯލުން ޝާހްރުކް ފެނިގެންދާނެ އެވެ.

މި މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ މެހެމާނެއްގެ ރޯލު ކުޅެން ޝާހްރުކް އެއްބަސްވެފައިވަނީ އެންމެ ފޯނު ކޯލެއް ކޮށްގެން ކަމަށް ސަލްމާން މިވަނީ ބުނެފަ އެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނިލުމަށް ޝާހްރުކް ކުރެން އެދެން ވެގެން ސަލްމާން އޭނާ އަށް ފޯނުކޯލު ކުރުމުން އޭނާގެ ވާހަކަތައް ނުނިމެނީސް އެ ރޯލު ކުޅެން އެއްބަސްވެފައިވާ ކަމަށް ވަނީ ސަލްމާން ބުނެފަ އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން ސަލްމާން ވަނީ އެ ރޯލު އޭނާ އަށް ކިޔައި ދިނުމަށްފަހު ކަބީރް ވަނީ އެ ރޯލު ކުޅެން ޝާހްރުކް އެއްބަސްކުރުވަން ޖެހޭ ކަމަށް ބުނެފައި ކަމަށެވެ.

އެގޮތުން ކަބީރްގެ އެދުމުގެ މަތިން ޝާހްރުކަށް ގުޅައިގެން ވާހަކަ ފުރިހަމަ ނުކުރެވެނީސް ފިލްމު ކުޅެން ވަނީ އެއްބަސްވެފަ އެވެ.

"ޝާހްރުކަށް ގުޅައި އަހަރެން ބުނީ ޓިއުބަލައިޓްގައި ކުޑަ.. އެހެން ބުނެވުުނުތާނާ ޝާހްރުކް ބުނެފި މައްސަލައެއް ނެތޭ ތިކަން ވާނެ އޭ،" ޝާހްރުކް މި ފިލްމުގެ ރޯލު ކުޅެން އެއްބަސްވި ގޮތާ ބެހޭ ގޮތުން ސަލްމާން ބުނެފައިވެ އެވެ.

ބަތަލާގެ ރޯލުން ޗައިނާގެ މަޝްހޫރު ބަތަލާ ޒޫ ޒޫ ފެނިގެންދާ މި ފިލްމަކީ 1962 އަހަރު އިންޑިއާ އާއި ޗައިނާ އާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެންކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން ފެނިގެންދާނީ އެއްބަނޑު އެއްބަފާ ކޮއްކޮ، ސޮހެއިލް ޚާން އެވެ.

ޝާހްރުކް އާއި ސަލްމާން އެންމެ ފަހުން އެކުގައި މަސައްކަތް ކޮށްފައި ވަނީ މީގެ ނުވަ އަހަރު ކުރިން ނުކުތް ފަރާ ޚާންގެ "އޯމް ޝާންތީ އޯމް" ގަ އެވެ. މި ދެ ތަރިން އެކުގައި މިހާތަނަށް ހަ ފިލްމެއް ކުޅެފައިވެ އެވެ. ބައެއް ފިލްމުތަކުގައި މުހިއްމު ރޯލުތައް ކުޅެފައިވާއިރު އަނެއްބައި ފިލްމުތަކުގައި ކުޅުނީ މެހެމާނެއްގެ ރޯލެވެ. މިދެތަރިން އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ދެ ފިލްމަކީ "ކަރަން އަރްޖުން" އާއި "ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ" އެވެ.

ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމަކީ މިފަހަކަށް އައިސް ސަލްމާންގެ ފިލްމަކަށް ރިލީޒްވާ އެންމެ ކުރު ފިލްމެވެ. މި ހަފްތާގެ ތެރޭގައި ފިލްމުގެ ދިގުމިނުން ވަނީ 14 މިނިޓް ކަނޑާލާފަ އެވެ. އެގޮތުން މިހާރު މި ފިލްމުގެ ދިގުމިނަކީ ދެ ގަޑި އިރާއި 16 މިނިޓް އެވެ. މިފަހުން ސަލްމާންގެ ނިކުތް ފިލްމުތަކުގެ ތެރެއިން "ބަޖްރަންގީ ބައިޖާން" އާއި "ސުލްތާން" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ދިގުމިނަކީ ގާތް ގަނޑަކަށް ތިން ގަޑިއިރެވެ.