ބޮލީވުޑް

ސްރީދޭވީ ބޭނުމީ ފިލްމު ކުޅުމަށް ވުރެ ޖާންވީ ކައިވެނިކުރަން

Jun 22, 2017

މަޝްހޫރު ބަތަލާ ސްރީދޭވީގެ ފުރާވަރަށް އަރާފައިވާ ދެ އަންހެން ކުދިން އެބަ ތިއްބެވެ. ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރާއި އެހެން ތަރިންގެ ދަރިން ހާ މަޝްހޫރު ދެ ކުދިންނެވެ.

މަންމަގެ ފިޔަވަޅު މަތިން ޖާންވީ އާއި ހުޝީ ވެސް ބޮލީވުޑަށް ނިކުނަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ދޮށީ ދަރިފުޅު ޖާންވީ 19، ކަރަން ޖޯހަރު އުފައްދާ މަރާޓީ ފިލްމު ސައިރަތްގެ ރީމޭކުން ބޮލީވުޑަށް ތައާރަފުވާނެ އެވެ.

ކުރިއަށް އޮތް ތަނުގައި އުންމީދީ ތަރިއަކަށް ޖާންވީ ވާނެ ކަމަށް ގިނަ ފަރާތްތަކަކުން މިހާރު ވެސް ބުނަމުން އައި ނަމަވެސް ސްރީދޭވީގެ އެންމެ ބޮޑު އުފަލަކީ ޖާންވީ މަޝްހޫރު ތަރިއަކަށް ވުމެއް ނޫނެވެ.

އަހަރުތަކެއްގެ ބްރޭކަކަށްފަހު ސްރީދޭވީ ކުޅެފައިވާ ފިލްމު "މޮމް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ސްރީދޭވީ ވަނީ އޭނާ އާއި ދެ އަންހެން ކުދިންނާ ދެމެދު އޮންނަ ގާތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ސްރީދޭވީގެ ދިގު ފިލްމީ ކެރިއަރުގައި ކުޅުނު 300 ވަނަ ފިލްމު، "މޮމް"، އެންމެ ފުރަތަމަ ވެސް ދައްކާލާފައިވަނީ ޖާންވީ އާއި ހުޝީ އަށެވެ. އެ ފިލްމު ބެލުމަށްފަހު އެމީހުން ބަސްހުއްޓިފައި ތިބި ކަމަށް ބުނަމުން ސްރީދޭވީ ވަނީ އޭނާ އާއި ދެ އަންހެން ކުދިންނާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި ދެ ކުދިންނާ އެކު ވަރަށް ގިނަ ވަގުތު އޭނާ ހޭދަކުރާ ކަމަށް ބުނެފަ އެވެ.

ސްރީދޭވީ އާއ ދަރިންނާ ކިތަންމެ ގާތްގުޅުމެއް އޮތް ނަމަވެސް އެހެން މައިންބަފައިންނެކޭ އެއް ގޮތަށް އޭނާ ވެސް ދަރިންނާ މެދު ދެކޭ ހުވަފެން ވަރަށް ބޮޑެވެ.

ޖާންވީ ފިލްމީ ތަރިއަކަށް ވާން ބޭނުންވާއިރު އެކަމަށް ފުރިހަމަ އެއްބާރުލުން ދޭން ސްރީދޭވީ ތައްޔާރަށް ހުރި ނަމަވެސް ޖާންވީ ފިލްމު ކުޅުމަށް ވުރެން އޭނާ ބޭނުންވަނީ ކައިވެންކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކޭށެވެ.

ޖާންވީ ފިލްމު ކުޅެން އެހާ ގަބޫލުނޫން ކަމަށް ބުނަމުން ސްރީދޭވީ ވަނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ޖާންވީ އަށް ހުށަހެޅުން ލިބުނު ނަމަވެސް އެ ފިލްމު ދޫކޮށްލީ އޭނާ ބުނެގެން ކަމަށެވެ.

"އަބަދުވެސް ޖާންވީ ބޭނުންވީ ފިލްމު ކުޅެން. އެކަމަކު އެކަމަކަށް އަހަރެން އެއްބާރުލުމެއް ނުދެން. ފިލްމީ ދާއިރާ ގޯހީކީ އެއް ނޫން، މަންމައެއްގެ ގޮތުގައި އަހަރެން މާ އުފާވާނެ އޭނާ އުފާވެރި ޒަވާޖީ ހަޔާތެއް އުޅޭތަން ދެކެން" ސްރީދޭވީ ބުނެފައިވެ އެވެ.

މިފަހުން އެކްޓަރު ސައިފް އަލީ ޚާން ވެސް ވަނީ އޭނާގެ ދަރިފުޅު ސާރާ އަލީ ޚާން ފިލްމު ކުޅުމަކީ އޭނާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށާއި ފިލްމު ކުޅުމަށް ވުރެން އެހެން ދާއިރާއަކުން ކުރިއަށް ދާން އޭނާ މާ ރުހޭ ކަމަށް ބުނެފަ އެވެ.