ރާއްޖެ ކުޅިވަރު

ނިއުގެ ފަރިތަކުރުންތަކުގައި ސެންޓޭ ބައިވެރިވާން ފަށައިފި

ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ނިއު ރޭޑިއަންޓަށް ކުޅެމުންދާ ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެ ޓީމުގެ ފަރިތަކުރުންތަކުގައި އިއްުޔެ ބައިވެރިވާން ފަށައިފި އެވެ.

ވިކްޓަރީ އަށް ކުޅެނިކޮށް 2012 ވަނަ އަހަރު ކުރިމަތިވި އަނިޔާއަކާ ގުޅިގެން، ފަޔަށް ލައްވާފައި އިން ޕްލޭޓެއް ނެގުމަށް ކުރި ޑިސެމްބަރު މަހު ކުރި އޮޕަރޭޝަނާ ގުޅިގެން ސެންޓޭ ވަނީ ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހޭދަކޮށްފަ އެވެ. ސެންޓޭ ވަނީ މިދިޔަ މަހު ލައިޓް ޓްރެއިނިންތައް ހަދަން ފަށައިފަ އެވެ. އެކަމަކު އެހެން ކުޅުންތެރިންނާއެކު ސެންޓޭ ފަރިތަކުރުންތައް ފެށީ އިއްޔެ އެވެ.

މިދިޔަ ސީޒަންގައި ނިއު އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ސެންޓޭ ބުނީ މި މަހުގެ 20 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ކުރިން ފިޓްނަސް ރަނގަޅުކުރުމަށް އޭނާ މަސައްކަތްކުރާނެ ކަމަށެވެ.

"ވަރަށް ގިނަ ދުވަސްވެއްޖެ ނުކުޅެ ހުންނަތާ. އެހެންވީމަ ލީގު ފެށުމުގެ ކުރިން މި އޮތް ދިހަ ދުވަހުގެ ތެރޭގައި ބަލާނީ ފިޓްނަސް ރަނގަޅުކުރަން،" ސެންޓޭ ބުންޏެވެ.

އޭއެފްސީ ކަޕްގައި ބުދަ ދުވަހު މިޔަންމާގެ އަޔެވާދީ ޔުނައިޓެޑާ ދެކޮޅަށް ނިއު ކުޅޭ މެޗަށް އެ ޓީމާއެކު ސެންޓޭ ދާނެ އެވެ. އެކަމަކު އެ މެޗުގައި ސެންޓޭ ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ނިއު އިން ބުނެ އެވެ. އެކަމަކު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭ މެޗުގައި ސެންޓޭ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ނިއު އިން ބުނެ އެވެ.