ކުޅިވަރު

ގަދަ ހަތަރެއް އީގަލްސްއަށް ނުލިބިއްޖެނަމަ ކޯޗެއްގެ ގޮތުގައި ފެއިލުވީ

މާލޭ، ލީގްގެ ގަދަ ހަތަރެއްގެ ތެރެއަށް އީގަލްސް ނުގެންދެވިއްޖެނަމަ، އެއީ އޭނާގެ މައްސަލައެއް ކަމަށާއި އަދި ކޯޗެއްގެ ގޮތުގައި އޭނާ ފެއިލްވީ ކަމަށް ގަބޫލު ކުރާނެ ކަމަށް، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އީގަލްސް، އޮތީ މިވަގުތު، 13 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގަ އެވެ. ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު، ވެލެންސިއާ ފިޔަވައި ހުރިހާ ޓީމަކަށް ވެސް އަދި އެބައޮތެވެ. ލީގްގެ މިހާ ހިސާބަށް އާއިރު، ގަދަ ހަތަރެއްގެ ރޭސް ވަނީ ފޯރިގަދަ ވާ ގޮތް ވެފައެވެ. އީގަލްސް، އާ ޗެލެންޖް ކުރަން އޮތީ، ޓީސީ އާއި ވިކްޓަރީ އެވެ. އީގަލްސް އާއި އެ ދެ ޓީމުގެ ދެމެދުގައި ހުރީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.

ސާންތީ ބުނީ، މިދިޔަ އަހަރު ޕްރެޒިޑެންޓް ކަޕް ޗެމްޕިއަންކަން ހޯދާފައި، މިއަހަރު ގަދަ ހަތަރަކަށް ނުވަދެއް ޖަނަމަ، އެއީ އޭނާ އަށް އޮންނާނެ ބޮޑު ޕްރެޝަރެއް ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގެ ބިއުޓީއަކީ ޕްރެޝަރުކަން ސާންތީ ފާހަގަ ކުރި އެވެ.

"ކޯޗެއްގެ ގޮތުގައި ކޮންމެ ދުވަހަކު އެއަށް އެޓެންޑްވާ މީހަކަށް ދެއްތޯ އެނގޭނީ އޭގެތެރޭގައި ހުރި ކަންކަމާ ބައިވަރު ކަންކަން ނުކުރެވި ހުރި ކަންކަންވެސް... އެވާހަކަ ދައްކާ މީހެއް ނޫން އަޅުގަނޑަކީ،" ސާންތީ ބުންޏެވެ. "ދާދި ފަހުންވެސް އިންޓަވިއު އެއްގައި އަޅުގަނޑު ބުނެފައި އޮންނާނެ، ގަދަ ހަތަރަކަށް އީގަލްސްއަށް ނުވަދެ ވިއްޖެއްޔާ އެއީ އަޅުގަނޑުގެ މައްސަލަ އެއް އެއީ އަޅުގަނޑު ފެއިލްވުން ކަހަލަ ކަމެއް އެއީ، އަޅުގަނޑު ގަބޫލު ކުރަން އެކަން."

ސާންތީ ބުނީ، ގަދަ ހަތަރެއް ނުލިބުިއްޖެނަމަ އެކަމުގައި ޓީމު މައްސަލަތަކެއް ވެސް ހުންނާނެ ކަމަށާއި ނަމަވެސް ފުޓްބޯޅައިގައި އެކަމުގެ ޒިންމާ އޮންނީ ކޯޗަށް ކަމަށެވެ.

"އެހެންވީމަ އެހިސާބަށް [ގަދަ ހަތަރެއްގެ ތެރެއަށް] އީގަލްސް ނުގެންދެވިއްޖެއްޔާ އެއީ ހަމަ އަޅުގަނޑަށް ނުވީ އަޅުގަނޑުގެ މައްސަލަ ހަމަ އަޅުގަނޑު ފެއިލްވާނެ އެހިސާބުން."

އޭނާ ބުނީ، ގަދަ ހަތަރެއް، މިހާތަނަށް ޔަގީން ވެފައި އޮތީ، މިރޭ އީގަލްސްއާ ދެކޮޅަށް ނިކުންނަ، ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް ކަމަށެވެ. އަދި ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަ ވެފައި ވުމުން، ކުރިއަށް އޮތް ހުރިހާ މެޗެއްވެސް އީގަލްސްއިން ދެކެން ޖެހޭނީ ފައިނަލެއްގެ ގޮތުގައި ކަމަށް ސާންތީ ބުންޏެވެ.

އީގަލްސް އަށް އޮތް އެންމެ ބޮޑު ހިތް ހަމަ ޖެހުމަކީ، އެ ޓީމުގެ މިސްރުގެ ޑިފެންޑަރު މިރޭގެ މެޗަށް ފިޓްވެފައި ހުރުމާއީ، މި ސީޒްނަގައި އީގަލްސް އަށް ބަދަލުވި ފަހުންވެސް އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަ ކުރި އަހްމަދު ނާޝިދު (ނާއްޓޭ) ފިޓްވެފައި ހުރުމެވެ. ސާންތީ ބުނީ، މިރޭގެ ފުރަތަމަ 11 އިން ނާއްޓޭ އަށް ފުރުސަތު ދޭނެ ކަމަށެވެ.

މާޒިޔާގެ މެޗުގައި އީގަލްސްއިން އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ، މާޒިޔާގެ ހަމަލާ ތަކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ވައިސް ކެޕްޓަން މުހައްމަދު އުމޭރު އަށް އަށް ކަމަށް ސާންތީ ބުންޏެވެ.

"މާޒިޔާގެ އެންމެ ބޮޑު ތަފާތަކަށް މިވަނީ، އަސަދުﷲ އާއި އުމޭރު، އެ ދެ ކުޅުންތެރިންނަށް ސަމާލުކަން ދީ، ނިއުއާ ދޮކޮޅަށް، ކުޅުނު ޓެކްޓިކަލް ޑިސިޕްލިން ގޭމް ކުޅެން (މިރޭ) އެންމެ ބޮޑު އިސްކަމެއް ދޭނީ."