ޕަންޖާބީ ބަތަލާ ރަކުލް ޕްރީތް ސިންގް ބޮލީވުޑަށް ތައާރަފުވެފައިވަނީ 2013 ވަނަ އަހަރު ނިކުތް "ޔާރިޔާން" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނުތާ ރަކުލް ވެސް އެ ފިލްމާއެކު ބޮލީވުޑުން ގެއްލިފަ އެވެ.
އޭގެފަހުން ސައުތް ފިލްމު އިންޑަސްޓްރީގެ ބައެއް ފިލްމުތައް ކުޅެ ރަކުލް މިހާރު ވަނީ ތެލުގު ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްފަ އެވެ.
ފުރަތަމަ ހިންދީ ފިލްމުގެ ނާކާމިޔާބީ އާއެކު އިތުރު ހިންދީ ފިލްމަކުން ރަކުލް އަށް ފުރުސަތު ނުލިބި ހަތަރު އަހަރެއްހާ ދުވަހު އޮތް ނަމަވެސް އެންމެ ފަހުން އޭނާ އަށް މިވަނީ އިތުރު ފިލްމަކުން ފުރުސަތު ލިބިފަ އެވެ.
ޒުވާން އެކްޓަރު ސިދާތް މަލްހޯތުރާ ލީޑްރޯލުން ފެނިގެންދާ ފިލްމު "އައްޔާރީ" ގެ ބަތަލާގެ ރޯލު ކުޅެން ރަކުލް ވަނީ ހަމަޖައްސާފަ އެވެ.
ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ މި ފިލްމުގައި ރަކުލް ފެނިގެންދާނީ އައިޓީ މީހެއްގެ ރޯލުން ކަމަށްވެ އެވެ. އަދި ސިދާތް އާއި އޭނާ އާ ދެމެދު ލޯބީގެ ގުޅުންތަކެއް ވެސް ފިލްމުގައި ފެނިގެންދާނެ އެވެ.
"އައްޔާރީ" ގައި ރަކުލް ފެނިގެންދާނެކަން މި ފިލްމުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކުން ވަނީ ޔަގީންކޮށްދީފަ އެވެ.
މަނޯޖް ބަޖްޕައީ މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމުގައި ސިދާތް ފެނިގެންދާނީ މިލިޓަރީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުންނެވެ.
ކަޝްމީރުގައި ނަގަންޖެހޭ މި ފިލްމުގެ މަންޒަރުތައް މިހާރު ނަގައި ނިންމާފައިވާއިރު، މި ފިލްމުގައި ހަގީގީ ގިނަ ހާދިސާތައް ހިމެނޭނެ ކަމަށްވެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ދެވަނަ ޝެޑިއުލްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ދިއްލީގަ އެވެ. އަދި ބައެއް މަންޒަރުތައް މުމްބައި، ލަންޑަން އަދި އޮމާންގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މިދިޔަ އަހަރު ނިކުތް "ބާރް ބާރް ދޭކޯ" އަށް ފަހު ސިދާތް ކުޅޭ ފުރަތަމަ ފިލްމެވެ.