ބޮލީވުޑް

އަކްޝޭގެ "ގޯލްޑް" އިން ޓީވީ ތަރި މޯނީ ބޮލީވުޑަށް

Jun 23, 2017

މަޝްހޫރު ޓީވީ ތަރި މޯނީ ރޯއި ވަނީ އޭނާ އެންމެފަހުން ފެނިގެންދިޔަ ޓީވީ ޝޯ "ނާގިން 2" ގައި ނަގަން ޖެހޭ މަންޒަރުތައް ނަގައި ނިންމާލާފަ އެވެ.

ބުރަ ދުވަސްތަކަށްފަހު ކުޅެމުން އައި ޝޯ ނިމުމަކަށް އައުމުން މޯބނީ މިހާރު އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ކުރިއަށް މޯނީ ކުޅޭ ޓީވީ ޝޯގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަނީސް އޭނާ ބޮލީވުޑަށް ނިކުުންނަން އުޅޭ ކަމުގެ ވާހަކަތަކެއް މިވަނީ ދެކެވެން ފަށާފަ އެވެ.

ސުޕަސްޓާ އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ ފިލްމު "ގޯލްޑް" ގައި އޭނާ އާއެކު ބަތަލާގެ ރޯލު ކުޅެން މޯނީ ވަނީ ހަމަޖައްސާފަ އެވެ.

މި ފިލްމަކީ އިންޑިއާ މިނިވަންވި ފަހުން އޮލިމްޕިކްގައި ފުރަތަމަ ގޯލްޑް މެޑަލެއް ހޯދަން ކުރާ މަސައްކަތް ފެނިގެންދާ ފިލްމަކަށްވާއިރު، މޯނީ މި ފިލްމުގައި ފެނިގެންދާނެ ކަމަށް ވަނީ ވަރަށް ތަފާތު ރޯލަކުންނެވެ.

އެކްޓަރު ފަރްހާން އަހްތަރު އާއި ރިތޭޝް ސިދްވާނީގެ ޕްރޮޑަކްޝަން ކުންފުނި، އެކްސެލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމުގެ ޝޫޓިން މޯނީ އޮގަސްޓް މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި 25 ވަރަކަށް ދުވަހުގެ ތެރޭގައި މި ފިލްމުގައި މޯނީ ކުޅޭ މަންޒަރުތައް ނަގަން ނިމޭނެ ކަމަށްވާއިރު، ކުޅިވަރުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ހިމެނެނީ މަދު އަންހެން ތަރި އެކެވެ. އަދި މި ފިލްމުގަިއ އޭނާ ފެނިގެންދާ ހުރިހާ މަންޒަރެއް ވެސް ނަގަނީ އަކްޝޭ އާއެކު އެވެ.

ރާޖޭޝް ދޭވްރާޖް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގައި އިންޑިއާއިން 12 އަހަރު ދުވަހުގެ ތެރޭގައި މެޑަލެއް ހޯދަން ކުރި ބުރަ މަސައްކަތް ފެނިގެންދާނެ އެވެ. އެކި ކުޅިވަރުތައް މި ފިލްމުގައި ފެނިގެންދާނެ ކަމަށްވާއިރު، މުހިންމު ކުޅިވަރެއްގެ ގޮތުގައި ފެނިގެންދާނީ ހޮކީ އެވެ.

އަންނަ އަހަރުގައި ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމު ޑައިރެކްޓްކުރަނީ ރީމާ ކަގްތީ އެވެ.

މޯނީ ޓީވީ ސީރީސް ކުޅެން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އޭރު ސްޓާ ޕްލަސްއިން ދައްކަމުން ދިޔަ ކާމިޔާބު ޝޯ "ކިއުންކީ ސާސްބީ ކަބީ ބަހޫތީ" ގައި މޯނީ ވަނީ މުހިންމު ރޯލަކުން ފެނިގެން ގޮސްފަ އެވެ.

އޭގެފަހުން ގިނަ ޓީވީ ސީރީޒްތަކެއް މޯނީ ކުޅެފައިވާއިރު، އޭނާ ވަނީ ގިނަ ރިއަލިޓީ ޝޯ ތަކުގައި ވެސް ބައިވެރިވެފަ އެވެ.