ބޮލީވުޑް

ފަރްހާންގެ ހަށިގަނޑު ކަހަލަ ރީތި ހަށިގަނޑެއް ބޭނުންތަ؟

Jun 25, 2017
1

މަޝްހޫރު އެކްޓަރު ފަރްހާން އަހްތަރު މިހާތަނަށް މުޅިން ވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ތަފާތު ރޯލުތަކުންނެވެ. ރޮކް ލަވަކިޔުންތެރިއެއްގެ ރޯލުން ބޮލީވުޑަށް ނިކުތް ފިލްމުގައި ފެނިގެން ގޮސްފައިވާއިރު އެ ފިލްމުގެ ފަހުން ކުޅުނު ދެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ އާދައިގެ ރޯލަކުންނެވެ.

ފަރްހާންގެ ކެރިއަރު ވިދާލާފައިވަނީ 2013 ވަނަ އަހަރު ނިކުތް "ބާގް މިއްކާ ބާގް" އިންނެވެ. ދުވުންތެރިޔާ މިއްކާ ސިންގްގެ ހަޔާތުގެ މައްޗަށް އުފެއްދި އެ ފިލްމުގައި އޭނާގެ ރޯލު ފަރްހާން ކުޅެފައިވާލެއް ފުރިހަމަ ކަމުން ބެލުންތެރިން ވަނީ ހައިރާންކޮށްލާފަ އެވެ.

އެ ފިލްމު ކުޅެން ފަރްހާންގެ ހަށިގަނޑަށް ގެނައި ބަދަލަކީ ބެލުންތެރިންގެ ފަރާތުން އޭނާ އަށް ތައުރީފު އެންމެ ބޮޑަށް ލިބުނު އެއް ކަމެވެ. ގައިގެ މަސައްތައް ވަރުގަދަކޮށް ސިކްސް ޕެކްސް ވެސް ހަދާލާފަ އެވެ.

އެ ފިލްމުގެ ފަހުން ތަންކޮޅެއް މަޑުމައިތިރި ރޯލުތަކަކަށްފަހު އަނެއްކާ ވެސް ފަރްހާން އަންނަނީ ވަރަށް ވަރުގަދަ ރޯލެއް ކުޅެން ތައްޔާރުވަމުންނެވެ.

މޯހިތު ސުރީ ޑައިރެކްޓްކުރާ ފިލްމެއްގައި ބޮކްސަރެއްގެ ރޯލު ކުޅެން ފަރްހާން އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމަށް ތައްޔާރުވަމުގެ ގޮތުން ފަރްހާން ވަނީ އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭނާގެ މުޅި ބޮޑީ ސުޕަމޮޑެލްއެއްގެ ހަށިގަނޑެކޭ އެއްގޮތަށް ބަދަލުކޮށްލާފައިވަނީ އެންމެ އަށް ހަފްތާގެ ތެރޭގަ އެވެ.

މޯހިތުގެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ފަރްހާންގެ ހަށިގަނޑަށް ގެނައި ބަދަލާ ގުޅިގެން އޭނާ ޓްރެއިނާ ސާމިރް ޖައުރާ ވަނީ ފަރްހާން ވަނީ އޭނާގެ ފުލް ބޮޑީ ޓްރާންސްފޯމްކޮށްފައި ކަމަށެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ގައިގެ މަސްތައް ވަރުގަދަކޮށް ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް ގެންނަން ފަރްހާން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ ފަތިހު 5:30 ގައި ހޭލައިގެން އޭނާ އެންމެ ފުރަތަަމަ ވެސް ކުރާ ކަމަކީ 22 ކިލޯމީޓަރަށް ސައިކްލިން ކުރުމެވެ. އެއަށްފަހު ދެ ގަޑިއިރު ވަންދެން ކަސްރަތު ކުރާއިރު ހަފްތާ އަކު ދެ ދުވަހު ވޮލީ ވަނީ ކުޅެފަ އެވެ. އަދި އޭނާގެ ޓްރެއިނިންގެ ފަހު އަށާރަ ދުވަހު ހެނދުނު ނާސްތާގައި އެއްވެސް ވަރަކަށް ކާބްސް ނަގާފައިނުވާއިރު، ހެނދުނު ނާސްތާ ގަޑީގައި ކަނީ ހަ ބިހުގެ ހުދު ބަޔާއި މުގުރިހަ އެވެ. އަދި އެ މުއްދަތުގައި އެއްވެސް ވަރަކަށް ބަތް، ރޮށި އަދި ޕާން ކައިފައިނުވާ ކަމަށް އޭނާގެ ޓްރެއިނަރު ވަނީ ބުނެފަ އެވެ.

މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ފަރްހާން ހަށިގަނޑަށް މިހާ ބޮޑު ބަދަލެއް ގެނެސްފައިވަނީ ފިލްމުގެ އޭނާ ކުޅެނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލަށް ވުމުންނެވެ.

" މި ފިލްމުގައި ފަރްހާން ފެނިގެންދާ ގޮތުން ބެލުންތެރިން ވެސް ހައިރާންވާނެ. މިއީ އޭނާގެ ހަށިގަނޑު މިހާ ވަރުގަދަކޮށް ފެނިގެންދާނެ ފުރަތަމަ ފަހަރު" ސާމިރް ބުނެފައިވެ އެވެ.

މީގެ ދެ އަހަރު ކުރިން "ވާޒިރް' ކުޅެން ވެސް ފަރްހާން ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެ ފަހަރު ބަރުދަން އަށް ކިލޯ ބަރުކުރި ނަމަވެސް މި ފަހަރުހާ ގައިގެ މަސްތައް ވަރުގަދަކޮށްފައެއްނުވެ އެެވެ.

އަދި އޭގެކުރިން "ބާގް މިއްކާ ބާގް" އަށް ތައްޔާރުވުމުގެ ގޮތުން ފަރްހާން ވަނީ 13 މަސްދުވަހުގެ ތެރޭގައި ކުރިން އިން ލޫޅާފަތި ހަށިގަނޑު ދޫކޮށް މުޅި މީހާގެ ގައިގެ މަސްތައް ވަރުގަދަކޮށްފަ އެވެ.