ކެއާ ސޮސައިޓީއިން ހިންގުމަށް ރާވަމުން އަންނަ ވޮކޭޝަނަލް ޓްރެއިނިން ކްލާސްތަކަށް ދިރާގުން އެހީދީފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވޮކޭޝަނަލް ޓްރެއިނިން ކްލާސްތަކަށް ކޮމްޕިއުޓާ ސިސްޓަމާއި ލެޕްޓޮޕް އަދި ހައިސްޕީޑް އިންޓަނެޓް ކަނެކްޝަން ވަނީ ފޯރުކޮށްދީފަ އެވެ. ދިރާގުގެ ފަރާތުން މިތަކެތި ކެއާސޮސައިޓީއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. އެ ކުންފުނިން ބުނީ ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ.
މީގެ ކުރިން ވެސް ދިރާގުން ވަނީ ކުޑަކުދިން ހިމާޔަތް ކުރުމާއި އެ ކުދިންގެ ތައުލީމާއި ތަރައްގީއަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އެގޮތުން މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކެއާ ސޮސައިޓީގައި ބޭއްވި އާލީ އިންޓަވެންޝަން ކްލާހެއް ހިންގުމަށްވެސް އެ ކުންފުނިން އެހީތެރިވި އެވެ.