ހަބަރު

ފަގީރުންނަށް ސަރުކާރުން ބޭންކް އެކައުންޓް ހުޅުވައިދޭން މަޝްވަރާ ކުރަނީ

ފަގީރުންނަށް ހައްގުވާ ޒަކާތުގެ ފައިސާ އެ މީހުންނާ ހަވާލުކުރުމުގެ ގޮތުން ކޮންމެ ފަގީރަކަށް ބޭންކް އެކައުންޓެއް ހުޅުވުމަށް އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ ފަގީރުންގެ ލިސްޓުގައިވާ ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ބެންކް އެކައުންޓެއް ހުޅުވަދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ޒަކާތުގެ ފައިސާ ބެހުމުގައި އިތުރަށް ލުއި ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ބެންކާވެސް މަޝްވަރާ ކުރަމުން މި ކަން ކުރާނެ ގޮތަކާ ބެހޭ ގޮތުން. އޭރުން ކޮންމެ ފަގީރަކަށް ބެންކް އެކައުންޓެއް ހުޅުވަ ދީގެން ބެންކަށް ފައިސަ ޖަމާކޮށްލަދޭ ކަހަލަ ވިސްނުމެއް އަޅުގަނޑުމެން މި ގެންގުޅެނީ،" އަހުމަދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ކޮންމެ ފަގީރަކަށް ބެންކް އެކައުންޓެއް ހުޅުވުމުގެ ސަބަބުން ފަގީރުންގެ ލިސްޓުގައި ތިބީ އެކަމަށް ހައްގުވެރި ފަރާތްތައްކަން އިތުރަށް ކަށަވަރު ކުރެވިގެން ދާނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. އޭގެ ސަބަބުން އިތުރު ޒަކާތާއި މުދަލު ޒަކާތް ބެހުމުގައި އޭގެ ފަސޭހަވެގެންދާނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި މިއަހަރު ވެސް 3،180 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އިސްލާމިކް މިނިސްޓްރީ އިން ނިންމާފައި ވަނީ، ބޮލަކަށް، 1،250 ރުފިޔާގެ މަގުން ޒަކާތް ބެހުމަށެވެ.