- ޒަކާތް ރިޕޯޓް ފޮނުވަން ކައުންސިލްތަކުން އިސްކަމެއް ނުދޭ
- މިނިސްޓްރީގެ ލިސްޓަށް ބައެއް ކައުންސިލްތައް އަމަލެއް ނުކުރޭ
- ޒަކާތް ބެހުމުގެ ނިޒާމު ހަރުދަނާ ކުރަން ފިޔަވަޅު އަޅަނީ
ފިތުރު ޒަކާތާއި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މާލެ އާއި އަތޮޅުތަކުގައި އުޅޭ ފަގީރުންނަށް ބެހި ގޮތުގެ ތަފްސީލުތައް ނުލިބި އޮތީ ބައެއް ރަށްތަކުގެ ކައުންސިލުން އެކަމާ ގުޅޭ ރިޕޯޓު ނުފޮނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނީ 2016 ވަނަ އަހަރު އެ މިނިސްޓްރީ ޒަކާތުގެ ފައިސާ ބެހި އިރު، އޭގެ ތެރެއިން 13.5 މިލިއަން ރުފިޔާގެ ފައިސާ ބަހާފައި ވަނީ ސީދާ ފަގީރުންނަށްކަން ކަށަވަރު ނުކުރެވޭ ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި އޮތުމުންނެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އަތޮޅުތަކު ތެރެއަށް ފޮނުވި ފައިސާގެ ތެރެއިން ބާކީ ފައިސާއެއް ހުރި ނަމަ އެ ފައިސާ އަނބުރާ ޖަމާ ކުރި ގޮތުގެ ތަފްސީލު ހޯދުމަށް ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެ ތަފްސީލު އިސްލާމިކް މިނިސްޓްރީން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު މިއަދު ވިދާޅުވީ އެ މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އަތޮޅުތެރޭ ހުރިހާ ރަށްތަކުގެ ކައުންސިލްތަކަށް ޒަކާތުގެ ފައިސާ ފޮނުވުމަށް ފަހު އެ ރަށުގެ ފަގީރުންނަށް ބެހުމަށް އަންގާ ކަމަށެވެ. އަދި ބަހާ ނިމުމުން އެ ލިބުނު ފަރާތްތަކުގެ ތަފްސީލު އެނގޭ ގޮތަށް ބެހި ގޮތުގެ ރިޕޯޓެއް އެ ކައުންސިލްތަކުން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރިޕޯޓު ހުށަހެޅުމުގެ މުއްދަތު ފަހަނައަޅާ ދިޔަ އިރު ވެސް ބައެއް ކައުންސިލްތަކުން ޒަކާތުގެ ފައިސާ ބެހި ގޮތުގެ ރިޕޯޓު މިނިސްޓްރީއަށް ހުށަނާޅާ ކަމަށާއި އެހެންކަމުން ޒަކާތް ހައްގުވާ ފަރާތްތަކަށް ފައިސާ ދެވުނުކަން ކަށަވަރުކޮށްދޭނެ ލިޔެކިޔުމެއް މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޮޑިޓަރުންނަށް އެ ލިޔުންތައް ނުދެއްކުނީ އެހެން ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޒަކާތުގެ ފައިސާ ލިބުންނުތޯ އެ ފަރާތްތަކުން ސޮއިކޮށްފައި ފޮނުވަން ޖެހޭ ރިޕޯޓެއް ނުފޮނުވާ 18 ވަރަކަށް ކައުންސިލުން. އޮޑިޓް އޮފީހުން އެދުނަސް ކައުންސިލްތަކުން ރިޕޯޓު ނުދެނީސް އެ ބެހި ގޮތުގެ ތަފްސީލެއް އަޅުގަނޑުމެނަކަށް ނުދެވޭނެ. އެހެންވެ އޮޑިޓް އޮފީހުގެ ރިޕޓުގައި ބުނެފައި ވަނީ އެ ފައިސާ ލިބުނުކަން ޔަގީން ކުރަން އުނދަގޫވާ ވާހަކަ،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ރަށްތަކުގެ ފަގީރުންނަށް ފައިސާ ބެހުމަށް ފަހު ބާކީވާ ފައިސާ އަނބުރާ ފިނޭންސް މިނިސްޓްރީގެ އެކައުންޓަށް އެ ރަށުގެ ކައުންސިލުން ޖަމާކުރަން ޖެހޭ ކަމަށާއި އެއަށް ފަހު އިސްލާމިކް މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީއަށް ވެސް ޖަމާ ކުރި ކަމުގެ ސްލިޕް ފޮނުވަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން އެ ސްލިޕް ބައެއް ނުފޮނުވާ ކަމަށާއި އަދި ބައެއް ކައުންސިލްތަކުން ސްލިޕް ފޮނުވާފައި ހުރި ހަމައެކަނި ފިނޭންސް މިނިސްޓްރީއަށް ކަމަށް އަހުމަދު ވިދާޅުވި އެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީ އޮޑިޓް ކުރާ އިރު އެ ލިޔެކިޔުންތައް ވެސް މަދުވާ ކަމަށާއި ބާކީވީ ފައިސާ ޖަމާކުރި ކަމަށް އެނގެން ނުހުންނާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޒަކާތް ބެހި ގޮތުގެ ތަފްސީލު އިސްލާމިކް މިނިސްޓްރީއާ ހިއްސާ ނުކުރަނީ ކޮން ކައުންސިލްތަކެއް ކަމަށް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ނަމަވެސް އަހުމަދު ވިދާޅުވީ އެ ކައުންސިލްތަކާ ވާހަކަދައްކައިގެން ސްލިޕްތައް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"ހަގީގަތުގައި މިއީ އެންމެ ދުވަހެއްގެ ކަމެއް. ނަމަވެސް މި ލިޔެކިޔުންތައް ބަރާބަރަށް ފޮނުވުމުގެ މުހިންމުކަން ބައެއް ކައުންސިލްތަކަށް ނޭންގެނީ. އެހެންވެ މީހާ ދުވަސްވާ އިރު ވެސް އެ ރިޕޯޓުތައް ހުށަނާޅާ ހުރީ،" އަހުމަދު ވިދާޅުވި އެވެ.
ކައުންސިލްތަކުން ސްލިޕް ހޯދުން ލަސްވާ ސަބަބު ވިދާޅުވަމުން މިނިސްޓަރު އަހުމަދު ޒިޔާދު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ފަގީރުންގެ ލިސްޓަށް ބައެއް ކައުންސިލްތަކުން އަމަލު ކުރަން ބޭނުން ނުވާ ކަމަށާއި އެފަދަ ކައުންސިލްތަކުން އަމިއްލަ ލިސްޓެއް އެކުލަވާލާ ކަމަށެވެ. އަދި އެ ކައުންސިލްތަކުން ކަނޑައަޅާފައިވާ ލިސްޓުގައި މުއްސަދިން ވެސް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ރަށްތަކުގައި ޒަކާތް ބެހެނީ ފަގީރުންނަށް ނުވަތަ ނޫންތޯ ކަށަވަރު ކުރަން ދަތިތަކެއް ހުންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޒަކާތް ބެހުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް މިނިސްޓްރީން އަންނަނީ ރާވަމުން އެވެ. އަދި ޒަކާތާ ބެހޭ ގާނޫނުގެ ޑްރާފްޓުވެސް އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ކުރިޔަށް އޮތްތާ އެ މަައްސަލަތައް މަދުވާނެ ކަމަށް ވިދާޅުވި އެވެ.