ޒުވާން ބަތަލާ އާލިއާ ބަޓްގެ މާޗް މަހު ރިލީޒްވި ފިލްްމު، "ބަދްރިނާތްކީ ދުލްހަނީޔާ" އަށް ފަހު އޭނާގެ އިތުރު ފިލްމެއް މި އަހަރު ރިލީޒެއް ނުވާނެ އެވެ.
ނަމަވެސް ކުރިއަށް މިއަހަރުގެ ތެރޭގައި އޭނާ އަތުގައި ކުޅޭނެ ގިނަ ފިލްމުތަކެއް އެބަ ހުއްޓެވެ. އެ ފިލްމުތަކުގެ ތެރެއިން މޭގްނާ ގުލްޒާރުގެ "ރާޒީ" ހިމެނެ އެވެ.
މި ފިލްމުގައި އާލިއާ ފެނިގެންދާނެ ކަމަށް ވަނީ ޕާކިސްތާނު ސިފައިންގެ މީހަކާ އިނދެގެން އުޅޭ ކަޝްމީރު ޖާސޫސެއްގެ ރޯލުންނެވެ. އިންޑިއާގެ އިންޓެލިޖެންސަށް އާލިއާ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ބެލެވޭއިރު، މި ފިލްމަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.
އަންނަ މަހުގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފަވާއިރު، ފިލްމުގެ މަަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ޕަންޖާބާއި ކަޝްމީރު އަދި މުމްބައިގަ އެވެ.
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރު މޭގްނާ ގުލްޒާރު ވަނީ އޭނާ މަސައްކަތް ކުރަމުން ދަނީ ހަތްދިހައިގެ އަހަރުތަކުގައި އިންޑިއާ އާއި ޕާކިސްތާނުގައި ހިނގާފައިވާ ހާދިސާތައް، އެ ހާދިސާތައް ހިނގާފައިވާ ތަންތަނުގައި ޝޫޓްކުރުމަށް ކަމަށެވެ.
"ވަރަށް ގިނަ ރިސާޗްތަކެއް ހެދިގެން މި ފިލްމު މި އުފެއްދެނީ. އޭރު މީހުން ވާހަކަދައްކާ އުޅުނު ގޮތާއި ހެދުން އަޅައި އުޅުނު ގޮތްތައް ވަނީ ވަރަށް ބޮޑަށް ރިިސާޗްކުރެވިފައި،" މޭގްނާ ބުނެފައިވެ އެވެ.
އާލިއާ އަށް ތައުރީފުކުރަމުން މޭގްނާ ވަނީ މި ފިލްމުގައި އޭނާ ކުޅެން ޖެހޭ ރޯލަކީ ވަރަށް އުނދަގޫ އަދި މިހާތަނަށް އޭނާ ކުޅެފައިނުވާ ކަހަލަ ތަފާތު ރޯލެއް ކަމަށެވެ.
މި ފިލްމުގައި އާލިއާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނީ ވިކީ ކޯޝަލް އެވެ.
"ރާޒީ" އަކީ 2015 ވަނަ އަހަރު ނިކުތް "ތަލްވާރްް" އަށް ފަހު މޭގްނާ ޑައިރެކްޓްކުރާ ދެވަނަ ފިލްމެވެ.