ކުޅިވަރު

ނިއު އަރާ މާޒިޔާއާ ހަމަކޮށްފި

Jun 24, 2017

ޓީސީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ 90 ވަނަ މިނެޓްގައި ޖެހި ލަނޑުން 4-3 ގެ ނަތީޖާ އަކުން ކުރި ހޯދައި، ނިއުރޭޑިއަންޓުން ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފި އެވެ.

އީގަލްސް އަތުން މާޒިޔާ ބަލި ވުމުން، ރޭ ނިއު މޮޅުވުމުން، އެ ޓީމަށްވެސް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް، މާޒިޔާ އަށް ލަނޑުގެ ތަފާތުން ކުރި ލިބެ އެވެ. އަދި މާޒިޔާ އަތުގައި ބާކީ އެއް މެޗުވެސް އެބައޮތެވެ.

މެޗުގައި ނިއުގެ އެންމެ ބޮޑު ތަފާތަކަށްވީ، ދެ މެޗުގެ ސަސްޕެންޝަނަކަށް ފަހު، އެނބުރި އައި، ގޯލްކީޕަރު އަދި ކެޕްޓަން އިމްރާން މުހައްމަދާއި، ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އެވެ. މެޗުން ނިއު މޮޅުކޮށްދިން ލަނޑުވެސް ކާމިޔާބު ކުރީ ގަލާޑޯ އެވެ.

މެޗުގައި، ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ހަމްޒާ މުހައްމަދު (ހަމްޕް) ތަނަވަސް ކޮށްދިން ފުރުސަތަކުން، އަލީ ފާސިރު (ސެންޓޭ) އެވެ. ނިއުގެ ދެ ވަނަ ލަނޑުގައި ވެސް ފެނިގެން ދިޔައީ ބ. އޭދަފުއްޓަށް ނިސްބަތްވާ، މި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން އެވެ. މެޗުގެ 34 ވަނަ މިނެޓްގައި، ހަމްޕް ލަނޑު ޖެހިރު، އެ ބޯޅާ ތަނަވަސް ކޮށްދިނީ ސެންޓޭ އެވެ.

މެޗުގެ 42 ވަނަ މިނެޓްގައި، ޓީސީގެ ލަނޑު ކާމިޔާބު ކުރީ، ހަސަން ނާއިޒް (ދާދު) އެވެ. އެ ލަނޑަކީ، ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އެކެވެ. ބޯޅަ ގޯލަށް ވަނީ އެ ބޯޅަ އަށް ދާދު، ފައިން ކޮށްޕާ ލުމުން، ބޯޅައިގެ މިސްރާބު ބަދަލުވެ، ނިއުގެ ކީޕަރު އިމްރާނަށް ވެސް ބޯޅައިގެ މިސްރާބު އޮޅުމުން ނެވެ.

ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓްތެރޭގައި ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. ސްޓްވާޓް ޕެނަލްޓީ ފޮނުވާލީ ގޯލް ވާތް ފާރާތު ކަނަށެވެ. އިމްރާން ޑައިވް ކުރީ ކަނާތް ފަރާތަށެވެ.

އޭގެ ތިން މިނެޓް ފަހުން، އަނެއްކާވެސް ފެނިގެން ދިޔައީ ހަމްޕް އާއި ސެންޓޭގެ ކޮމްބިނޭޝަންގައި ނިއު އަށް ލީޑް ނަގައިދިން ތަނެވެ. މެޗުގެ 54 ވަނަ މިނެޓްގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ސެންޓޭ ވަނީ އޭނާގެ ދެ ވަނަ ގޯލް، ހަމްޕް ދިން ފުރުސަތަކުން ކާމިޔާބު ކޮށްފަ އެވެ. ލީޑްގައި ނިއު އަށް އޮވެވުނީ، ހަތަރު މިނެޓެއް ހާއިރު އެވެ. އަނެއްކާވެސް ޓީސީ އަށް ޕެނަލްޓީ އެކެވެ.

ޓީސީ ނެގި ކޯނަރެއްގައި، ނިއުގެ އޭރިއާ ތެރެއިން ބޯޅައިގައި ޓީސީގެ އަލީ ނާފިއު، ބޮލުން ޖަހަން އުޅުމުން، ނިއުގެ އަކްރަމް އަބްދުލް ގަނީ މަސައްކަތް ކުރީ އެބޯޅަ ފައިން ދިފާއު ކުރުމަށެވެ. ބޯޅައިގައި ޖަހަން އަކްރަމް، އެއްލި ފައިން ނާފިއު ބޮލުގައި ޖެހިފައި އޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓުމުން ރެފްރީ ނިންމީ ޕެނަލްޓީ އެއް ކަމަށެވެ. މިފަހަރުވެސް ޕެނަލްޓީ ކާމިޔާބު ކުރީ ސްޓެވާޓެވެ.

އޭގެ ފަހުން، ނިއު ފޮނުވާލި ހަމަލާއެއް، ޓީސީގެ ގޯލް ދަނޑީގައި ޖެހި އެބޯޅަ އެނބުރި އައިސް ޖެހުނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި، ޓީސީގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހިފަ އެވެ. ނިއުގެ ކުޅުންތެރިންނާއި ބެންޗުންވެސް ވަނީ، ޕެނަލްޓީ އަކަށް އެޕީލް ކުރިނަމަވެސް، ރެފްރީ ޕެނަލްޓީ ދީފައި ނުވެ އެވެ.

އެކަމާ ބެހޭގޮތުން، މެޗަށް ފަހު ނިއުގެ ކޯޗް ބެނާޑޯ ޓެވަރޭސް ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ 77 ވަނަ މިނެޓްގައި ދިޔަ އެ ބޯޅަ، ޓީސީގެ ކުޅުންތެރިޔާގެ އަތުގައި ޖެހުނުތަން ސާފްކޮށް ފެނިގެން ދިޔަ ކަމަށާއި ޕެނަލްޓީ އެއް ނުދިނުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ.

ނިއު މޮޅުކޮށްދިން ލަނޑު ގަލޯޑޯ ޖެހީ، ހަމްޕް ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. ޕެނަލްޓީ އޭރިއާގެ ހުޅަގު ފަރާތުގައި ހުރެފައި، އޭނާ ބޯޅަ ފޮނުވާލީ، ގޯލްގެ އިރުމަތީ ފަރާތު ކަނަށެވެ. ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.