ހަބަރު

ރައީސް ޔާމީން ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

Jun 24, 2017

ޗައިނާގެ ސިޗުއާން ޕްރޮވިންސްގައި ހިނގި ބިންގަނޑު ފޭބުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެންލުން ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ޗައިނާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިހްލާސްތެރި ހަމްދަރުދީއާއި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޓިބެޓާއި ގިއާން ޕްރިފެކްޗާގައިވާ ފަރުބަދައެއްގެ އުސް ހިސާބަކުން ބިންގަނޑު ކަނޑައިގެެން ގޮސް ފޭބީ ޒިންމޯ ނަމަކަށް ކިޔާ އަވަށަކަށް ކަމަށާއި އެހާދިސާގައި 62 ގެ ވަޅުލެވުނު ކަމަށެވެ. އަދި އެހާދިސާގައި ކޯރެއްގެ ދެކިލޯ މީޓަރު ސަރަހައްދެއް ވެސް ބަންދުވެފައިވާ ކަމަށް ޗައިނާގެ އިދާރާތަކާ ހަވާލާދީ ނޫހުން ބުންޏެވެ.

ހިލަޔާއި ކިސަޑުގެ ތެރޭގައި ވަޅުލެވިފައިވާ ގެތަކުގެ ތެރެއިން މީހުން ހޯދައި ސަލަމާތް ކުރުމަށް ޗައިނާގެ ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވާ މީހުންގެ އަދަދު މަދު ވީހާވެސް މަދުކުރެވޭތޯ މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ އެގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އަންގަވާފައެވެ.