ހަބަރު

ދިރާގުން ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފި

ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން މާލެ އާއި އަތޮޅުތަކު ތެރޭގައި ކުޑަ ކުދިންނަށް އީދު ހަދިޔާ ބެހުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ އީދުގައި ވެސް ކުޑަ ކުދިންނަށް ހަދިޔާ ބެހި އެވެ.

އަތޮޅުތަކު ތެރެއިން އީދު ހަދިޔާ ބެހުމުގެ ހަރަކާތް ދިރާގުން ކުރިޔަށް ގެންދިޔައީ އެ ކުންފުނީގެރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގަ އެވެ. އެގޮތުން އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ދިރާގުގެ މުއައްޒިފުން އީދު ނަމާދުގެ ފަހު، ކުޑަ ކުދިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް އީދު ހަދިޔާ ބެހި އެވެ.

ދިރާގުން ބުނީ އީދުގެ މުނާސަބަތަކުގައި ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިވެ އީދުގެ އުފަލުގައި އެންމެން ބައިވެރިވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން މިއަހަރު ވެސް ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ބޭނުންތެރި ހަދިޔާ ދިނުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ އުފަލެއް ކަމަށެވެ.

ދިރާގުން މީގެ ކުރިން ވެސް ވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި ހިމާޔައްކުރުމަށް ގޮވާލާ، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި އެވެ.