ވިޔަފާރި

ދިރާގުން އީދަށް ސޯޝަލް މީޑިއާ ހިލޭކޮށް ހާއްސަ ޑޭޓާ ޕެކޭޖުތަކެއް!

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންްފުނި، ދިރާގުން އީދުގެ މުނާސަބަތުގައި އެ ކުންފުނީގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަންނުގައި ހާއްސަ ޑޭޓާ ޕެކޭޖުތަކާއި ސޯޝަލް މީޑިއާގެ އެޕްތައް ހިލޭ ފޯރުކޮށްދިނުން ހިމެނެ އެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަން ތެރޭގައި ވައިބާ މެދުވެރިކޮށް މެސެޖާއި ފޮޓޯ އަދި ވީޑިއޯ ފޮނުވުން މުޅިން ހިލޭ ވާނެ ކަމަށާއި އޭގެ އިތުރުން ފޭސްބުކް ޓްވިޓާ އިންސްޓާގްރާމް ޕިންޓްރެސްޓް އަދި ވަޓްސްއެޕް ބޭނުން ކުރުުން މުޅިން ހިލޭވާނެ ކަމަށެވެ. ސޯޝަލް މީޑިއާ ހިލޭ ކުރުމަށް މި މަހު 27 ގެ ކުރިން އެކްޓިވޭޓު ކުރަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

އީދުގެ ހާއްސަ ޑޭޓާ ޕެކޭޖުތަކު ތެރޭގައި އެއް ޖީބީ ޑޭޓާ 99 ރުފިޔާއަށް ލިބޭ އިރު ހަތަރު ޖީބީ ޑޭޓާ ލިބޭނީ 199 ރުފިޔާއަށެވެ. އަދި 6 ޖީބީ ޑޭޓާ ވެސް އެންމެ 249 ރުފިޔާއަށް ލިބެ އެވެ. އެ ޑޭޓާތައް ނަގާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން އިންސްޓާގްރާމް ބޭނުން ކުރާ ފަރާތްތަކަށް ފޮޓޯ މުބާރާތެއް ވެސް ދިރާގުން ވަނީ ފަށައިފަ އެވެ. އެގޮތުން އީދު ފާހަގު ކުރާ ގޮތުގެ ފޮޓޯ ނެގުމަށް ފަހު "#EidMomentsMV" ހޭޝްޓެގު ކޮށްގެން ޝެއާ ކުރުމުން 10.7 އިންޗިގެ އައިޕެޑް ޕްރޯއެއް ލިބުމުގެ ފުރުސަތު ލިބެ އެވެ. އެ މުބާރާތް ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ކަމަށް ދިރާގުން ބުންޏެވެ

ދިރާގުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ވެސް އީދު ހަދިޔާގެ ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފަ އެވެ. އެގޮތުން އެ ގައުމަށް ގުޅުމަށް ހާއްސަ އައިޑީޑީ ރޭޓުތަކެއް ދިރާގުން ވަނީ ކަނޑައަޅާފަ އެވެ. މި ރޭޓުގެ ދަށުން އަންނަ އަނގާރަ ދުވަހާ ހަމަޔަށް ބަންގްލަދޭޝްއަށް ގުޅުމަށް ހަރަދުވާނީ މިނެޓަކަށް 65 ލާރި އެވެ.

ދިރާގުން މިއަދު ވަނީ އީދު ނަމާދަށް ފަހު ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމުގެ ހަރަކާތެއްވެސް ރާއްޖޭގެ އެކި ކަންކޮޅުގައި ކުރިޔަށް ގެންގޮސްފަ އެވެ.