ދިވެހި ސިނަމާ

އެންމެންގެ ރާނީ: ޝިރާނީ ޓީވީން ފެނިލައިފި!

ދިވެހި ފިލްމު އިންޑަސްޓްރީއަށް ނުކުތް އަންހެން ފަންނާނުން ޖަޖު ކުރަން ފަަށައިފިނަމަ ޝިރާނީގެ ނަން ހިމަނަން ޖެހޭނެ އެވެ. ހިތާމަވެރި، އުފާވެރި، ރުޅިގަދަ އަދި ރޯން ވިޔަސް އެފަދަ ދެވަނަ އެއް ނެތް ތަރި އެކެވެ. ޝިރާނީއަކީ އޭނާ ކުޅުނު ހުރިހާ ރޯލަކުން 100 ޕަސެންޓް ދެއްކި އެކްޓްރެސް އެކެވެ. އެންމެ އާދައިގެ ރޯލު ވެސް ނިކަން މޮޅަށް ކުޅުނު އެކްޓްރެސް އެކެވެ. އެއީ ހަމަ ފިލްމު އިންޑަސްޓްރީގެ ރާނީ އެކެވެ. ފިލްމީ ދާއިރާއިން އަރައިގެން ގޮސް މީގެ 13 އަހަރު ކުރިން ޝިރާނީ ގެއްލުނީ އެވެ. ޝިރާނީގެ ހަބަރެއް ދަބަރެއް އޭގެ ފަހުން ނުވެ އެވެ.

ޝިރާނީގެ ހަބަރެއް ހޯދަން އުޅުނު މީހުންނަށްވެސް އެކަން އޮތީ ނުވެފަ އެވެ. އެހެން ނަމަވެސް މުޅިން އާ އެތައް ވާހަކަ ތަކަކާއެކު ރޭ އައިސް ޓީވީން ގެނެސްދިން "އަޒޯނާ" ޝޯ އިން ވަނީ ޝިރާނީ ގެނެސްދީފަ އެވެ. ޝިރާނީގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން އެތައް ވާހަކައެއް އޭނަ ވަނީ ހިއްސާކޮށްފަ އެވެ. ވަރަށް ސަޕްރައިޒިން އެވެ.

އެންމެ ފުރަތަމަވެސް އެނގެން ބޭނުންވަނީ ޝިރާނީގެ ޕާސަނަލް ލައިފް ދޯ އެވެ. ޝިރާނީ މިހާރު އުޅެނީ ކައިވެންޏެއް ކޮށްގެން މާލޭގަ އެވެ. ދެ އަހަރުވެފައިވާ ލޯބި ލޯބި ކުޑަ ފިރިހެން ކުއްޖަކުވެސް އެބަ ހުއްޓެވެ. ހުރިހާ ވަގުތެއް އާއިލާއަށް ހޭދަކުރާ ފުލް ޓައިމް ހައުސް ވައިފެއް އަދި މަންމަ އެކެވެ. ކުރީގެ ކައިވެންޏަކުން ޝިރާނީގެ ފިރިމީހާއަށް ލިބިފައިވާ ދެކުދިން ދެކެވެސް އިންތިހާއަށް ލޯބިވާ އަދި އެ ކުދިންވެސް އިންތިހާއަށް ލޯބިވާ މަންމަ އެކެވެ. އަދި އެކުދިންގެ މަންމަ އާ ވެސް ގުޅިގެން އުޅޭ ހިތް ހެޔޮ ރަހްމަތް ތެރި އެކެވެ.

ޝިރާނީގެ ފަރި ހަރަކާތްތައް ފިލްމުތަކާއި ލަވަތަކުން ފެނިގެން ދިޔަ ނަމަވެސް ފުރާވަރަށް އަރައިގެން އައި އިރު ސްކޫލްގައި އަދި އޭގެ ފަހުގައި ފިލްމު ކުޅެން އުޅުނު އިރުވެސް އެއީ ޖެހިލުން ކުޑަ ހުނަރުވެރި ފަންނާނެކެވެ. ގަސް ގަހާއި ފުރާޅަށް އަރައި އުޅުމަކީ އޭރު ޝިރާނީއަށް އުފަލެކެވެ. ސްކޫލްގައި ކުދިން ބިރުގެންނެވުމަކީވެސް ޝިރާނީ ކޮށް އުޅުނު ކަންތައްތަކެވެ. ކުޑައިރު ނިކަން ރުޅިގަދަހެންވެސް ހީވެ އެވެ.

"ކުދިން ކިޔާނެ ސްކޫލްގައި އުޅުނު އިރު މޮޔަ. ވަރަށް ރުޅި އާދޭ އެހެން ކިޔާތީ. މޮޔަ އޭ ކިޔަންޔާ ރުޅި އަންނާނެ ދޯ. އެއް ދުވަހަކު މޫދުން އަންނަނިކޮށް ކުއްޖަކު ގޮވީ މޮޔައޭ ކިޔާފައި. އޭރު މަގުމަތީ ގާ އަޅާފައެއް ނޫން ހުންނާނީ. އެކުއްޖާ ގައިގައި ޖަހާކަށް ނޫން ބިރުދައްކާލަން އުޅުނީ. އެކަމަކު އެއްލި ގާބުރި ގޮސް ޖެހުނީ އެކުއްޖާ ނިއް ކުރީގައި. ފަހުން ވަރަށް ދެރަވި. މިހާރުވެސް ވަރަށް ދެރަވޭ އެކަމާ،" ކުޑައިރުގެ ހަނދާނެއް އާ ކުރަމުން ޝިރާނީ ކިޔައިދިނެވެ.

މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ޝިރާނީގެ ނިއްކުރީގައި އިންނަ ލަކުނުގެ ސިއްރުވެސް ވަނީ ކިޔައިދީފަ އެވެ.

"މަހޭ ނެތިދާނޭ"، "ހިތުގާ ދޮރުފަތް ހުޅުވާލަދީ"، "އުފް ކަލާ ހަނދާން ވުމުން" މި ލަވަ ތަކަކީ އެއް ގޮތަކަށްވެސް ދިވެހިންގެ ހިތުން ފިލައިގެން ދާނެ ލަވަތަކެއް ނޫނެވެ. ހަމަ އެގޮތަށް "ކަލާޔާ ނުލާ"، "ނަސީބު"، "ޒަހަމް"، "ލައިލާ"، "ޒަލްޒަލާ" އަދި "ފުން އަސަރު" ފާހަގަކޮށްލެވެ އެވެ.