ކުޅިވަރު

ފައިނަލް ބުރު: ބުދަ ދުވަހު ކުޅުދުފުއްޓާއި ތިނަދޫ ގައި

Jun 28, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލު ބުރުގެ މެޗުތައް، އަންނަ ބުދަ ދުވަހު ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ފައިނަލު ބުރު ފަށާނީ ދެ ގޫރުޕަކަށް ބަހާލައިގެމން، އެ ދެ ރަށުގަ އެވެ. ގުރޫޕް އެކެއް ގެ މެޗުތައް ކުރިއަށް ދާނީ ކުޅުދުއްފުށީގަ އެވެ. އެ ގުރޫޕްގައި، ހިމެނެނީ، ކުޅުދުއްފުށީގެ އިތުރުން، އެންމެ ފަހުގެ ޗެމްޕިއަން، ބ. އޭދަފުއްޓާއި، ށ. މިލަދުންދޫ އާއި އއ. މާޅޮސް އެވެ.

ތިނަދޫ ހިމެނޭ ގުރޫޕް ދޭއް ގައި މުބާރާތުގެ ފުރަތަމަ ޗެމްޕިއަން ސ. ފޭދޫ އާއި އެންމެ ފަހުގެ ރަނަރަފް ތ، ތިމަރައްފުއްޓާއި ދ. ކުޑަހުވަދޫ ހިމެނެ އެވެ.

މި ބުރުން، މުބާރާތުގެ ގަދަ ހަތަރު ޓީމު، ކަނޑައެޅިގެން ދާނެ އެވެ. ކޮންމެ ގުރޫޕަކުންވެސް، ސެމީ ފައިނަލަށްދާ ދެ ޓީމު ހިމެނެނޭނީ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައެވެ. ގަދަ ހަތަރަު ޓީމަށް، ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބިގެންދާނެ އެވެ.

އެފްއޭއެމްއިން ވަނި ސެމީ ފައިނަލުގައި ހޯސްޓް ކުރާ ދެ ރަށަށް އިސްކަމެއް ދީފައެވެ. ހޯސްޓް ކުރާ ދެ ރަށުގެ ތެރެއިން ދެރަށް، ގުރޫޕްގެ ދެ ވަނައިގައި ސެމީ އަށް ދިޔަ ނަމަވެސް، ސެމީ ފައިނަލް ކުޅެން ދަތުރު ކުރަން ޖެހޭނީ، އަނެއް ގުރޫޕްގެ އެއް ވަނަ ޓީމެވެ. އެ ދެ ރަށްވެސް ކަޓައިފިނަމަ، އާންމު އުސޫލުން، ސެމީ ފައިނަލު ކުޅެން ދަތުރު ކުރަން ޖެހޭނީ ގުރޫޕްގެ ދެ ވަނަ ޓީމެވެ. ނުވަތަ އެ ދެ ރަށުގެ ތެރެއިން އެއް ރަށަށް ގަދަ ދޭއްގައި ނުހިމެނިޖެނަމަ، އަނެއް ރަށް ސެމީ ފައިނަލު ކުޅޭނީ ހޯމްގައެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅެން ތާވަލުކޮށްފައި ވަނީ އަންނަ މަހު 20 ވަނަ ދުވުހު އެވެ.