ކުޅިވަރު

އަޑިގަނޑެއްގައި އޮތް ވިކްޓަރީން އީގަލްސް ހިފަހައްޓައިފި

Jun 28, 2017

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދިނުމުގެ ސަބަބުން އުނދަގޫ ހާލަތެއްގައި އޮތް ވިކްޓަރީން އީގަލްސް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިފި އެވެ.

މެޗުގެ ކުރިން، ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނެފައިވަނީ، މުސާރަ ނުދެވުމުގެ ސަބަބުން، ކުޅުންތެރިން މެޗަށް އަންނާނެ ކަމުގެ ޔަގީން ކަމެއްވެސް ނެތް ކަމަށެވެ. ނަމަވެސް، ވިކްޓަރީގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިން ވަނީ ދަނޑަށް އައިސްފަ އެވެ.

"ކުޅުންތެރިންނަށް ހުރިހާ ޝުކުރެއް ހައްގު ވަނީ، މިތަނަށް ބަރާބަރަށް އައިކަން، އެއީ ބައިވަރު ކަންކަމެއް ހަމަނުޖެހިފައި ހުރިއިރުވެސް އެމީހުން ފުޓްބޯޅައަށް އޮތް ލޯއްބެއްގެ ބޮޑު ކަމުން ވިކްޓަރީ އަށް މިއަދު ކުޅެން އައީ،" ސުޒޭން ބުންޏެވެ. އައުމުގެ އިތުރަށް އެ ކުރި ހިތްވަރު އެއީ ބައިވަރު ޕްރެކްޓިސްތަކެއް ނުކޮށް އައިސް އެހާ ފަސޭހަ ކަމެއް ނޫން އީގަލްސް ކަހަލަ އޮގަނައިޒް ޓީމަކާ ދެކޮޅާށް މިގޮތަށް މަސައްކަތް ކުރުން އެކަމަށް ޓަކައި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،"

މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު އުފެއްދީވެސް ވިކްޓަރީންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ކެރިކް އެނޑްރެޖް ބޮލުން ފޮނުވާލުމުން ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

މާޒިޔާ މެޗުގައި، ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް، ހަމަލާ އުފެއްދުމުގައި އީގަލްސްއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އީގަލްސް ފުރަތަމަ ހަމަލާ އުފެއްދީ އިބްރާހިމް އައިސަމެވެ. އޭނާ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ، ވިކްޓަރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ ޕަންޗް ކޮށްލައި ހުރަސް ދަނޑި މަތިން ފޮނުވާލާފަ އެވެ.

މާޒިޔާ މެޗުގައި މޮޅު ކުޅުމެއް ދެއްކި، އަހްމަދު ރިޒްވާން އިސްމާއިލް (ރިޒޭ) އަށް ވަނީ، ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އީގަލްސްގެ ކުޅުންތެރިން ތަނަވަސް ކުރި ފުރުސަތެއްގައި، ގޯލް ކުރިމަތީގައި ހުއްޓައި އޭނާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާ ލެވޭ ގޮތެއް ނުވި އެވެ.

ދެވަނަ ހާފުގައި، އީގަލްސްއިން ޕާސް ޖަހައިގެން ކުޅުނު ނަމަވެސް، އެދެވޭ ހަމަލާއެއް އުފެއްދިފަ އެއް ނުވެ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމަށް ބައެއް ފުރުސަތުތައް ލިބުނު ނަމަވެސް، އެބޯޅަތައް ހޯދައި ވިކްޓަރީން ވަނީ ކައުންޓަ އެޓޭކްގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ.

ކައުންޓަ އެޓޭކްގައި އެޓީމުގެ ކެރިކަށް ވަނީ ހުސްކޮށް ބޯޅަ އެއް ލިބިފަ އެވެ. ނަމަވެސް އެބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުގެ ކުރިން އީގަލްސްގެ ކީޕަރު ސޫޖަން ޕެރާރާ ވަނީ ކުރިއަށް ނިކުމެ ބޯޅަ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން ވިކްޓަރީގެ މުހައްމަދު ރިޝްވާން ތަނަވަސް ކޮށްދިން ފުރުސަތެއްގައިވެސް ކެރިކް އަށް ރަނގަޅަށް ބޯޅަ ފޮނުވާ ނުލެވުމުން އެބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިންނެވެ.

އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ، މިއަދު ދެއްކި ކުޅުމާ ބަލާފައި ނަތީޖާ އެއްވަރުވުންވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބަލި ނުވެ ސަލާމަތް ވުމުގައި، ކީޕަރު ސޫޖަން މުހިންމު ދައުރެއް އަދާ ކުރިކަން ސާންތީ ފާހަގަ ކުރި އެވެ.