ކުޅިވަރު

އިންޑިއާގެ ސުޕަލީގަށް އޭއެފްސީން ރަސްމީ ހައިސިއްޔަތު ދީފި

Jun 29, 2017

ފްރެންޗައިޒް އުސޫލުން އިންޑިއާގައި ކުރިއަށްދާ އިންޑިއަން ސުޕަ ލީގަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ރަސްމީ ހައިސިއްޔަތު ދީފި އެވެ.

މި ހައިސިއްޔަތު ލިބުމުން އޭގެ މާނައަކީ، އިންޑިއަން ސްޕަލީގްގެ ޗެމްޕިއަން ޓީމަށް އޭއްފްސީ ކަޕްގެ ކޮލިފައިން ބުރުން ޖަގާ ލިބިގެންދާނެ އެވެ. ނަމަވެސް އިންޑިއާގައި ހައިސިއްތަތު ބޮޑީ، އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ކުރިއަށް ގެންދާ އައި ލީގެވެ. ސްޕަލީގަކީ ފުޓްބޯޅަ ފެޑްރޭޝަނާ ވަކިން، އަމިއްލަ ފަރާތްކަކުން ކުރިއަށްގެންދާ ލީގެކެވެ.

އައި ލީގް ޗެމްޕިއަން ޓީމަށް އޭޝިއާގެ އެއް ވަނަ ކުލަބު މުބާރާތް އޭއެފްސީ ޗެމްޕިއަންސް ލީގްގެ ޕްލޭއޮފް ބުރުން ޖާގަ ލިބެ އެވެ. ކޮލިފައި ނުވެއްޖެނަމަ އެޓީމަކަށް އޭއެފްސީ ކަޕުން ފުރުސަތު ދެއެވެ.

އިންޑިއާއިން ވަނީ، ސްޕަ ލީގަކީ، އިންޑިއާގެ މައި ލީގަކަށް ހެދުމަށް މިއަހަރު މަޝްވަރާ ކޮށްފައެވެ. ނަމަވެސް، އެކަން އެގޮތަށް ކަނޑައަޅަން ނިންމާފައެއް ނުވެއެވެ.

"ލީގް ކޮމިޓީއާ އެކު އަހަރެމެން ބޭއްވި ބައްދަލުވުމުން ނިކުތް ނަތީޖާއަކީ އައިއެސްއެލް ހަމަ މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށްދާން އައި ލީގްވެސް ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަށްދާ ގޮތަށް ކުރިއަށްދާން." މަޝްވަރާތަކުގައި ބައިވެރިވި އައިލީގް ކުލަބެއްގެ އޮފިޝަލަކު އީއެސްޕީއެންގައި ބުނެފައި ވެއެވެ.

ސްޕަ ލީގްގެ ކޮމިޓީ އާއި އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ ކްޝާލް ޑަސް ވަނީ ނުރަސްމީ މަޝްވަރާތަކުގައި ސްޕަލީގުން ކުލަބުތަކަށް ދޭ ފައިސާ އިންޑިއާގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޓީމުތަކަށް ބެހިގެންދާ ގޮތަށް އަމަލު ކުރުމަށް ހުށަހަޅާފަ އެވެ. އަދި އައިއެސްއެލްގެ އިނާމް ފައިސާ ބޮޑުކޮށް މާކެޓިން އާއި ބްރޮޑްކާސްޓިންވެސް ހަރުދާނާ ކުރުމަށް މަޝްވަރާ ކުރެވުނެވެ.

ނަމަވެސް ވަކި ގޮތެއް ނުނިންމުމުގެ ނަތީޖާ އަކަށްވީ، އިންޑިއާގެ ރަސްމީ ލީގެއް ކަމުގައި ވާނީ އައި ލީގެވެ. އޭއެފްސީ ޗެމްޕިއަންސް ލީގްގެ ޕްލޭއޮފް ޖާގަވެސް އެ ލީގަށް ލިބެނީ އެހެންވެ އެވެ. ނަމަވެސް، އިންޑިއާގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އައި ލީގަށް ވުރެ ސްޕަލީގްގެ މަގުބޫލުކަން ބޮޑެވެ.