ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ފަހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަކީ އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" އެވެ.
މި ދެތަރިން ރުޅިވެ ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވި އެތަކެއް ދުވަހެއް ވަންދެން އޮތް އިރު ފިލްމު ރިލީޒްކުރުން ވެސް ވަނީ އެތަކެއް ފަހަރެއް މަތިން ލަސްކޮށްފަ އެވެ.
ދެމީހުންްގެ ދެމެދުގައި ހުރި ނުތަނަވަސްކަމާ އެކު ވެސް އެންމެފަހުން ވަނީ ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފަ އެވެ. ފިލްމުގެ ޝޫޓިން ނިމުމުން މިދެތަރިން ދެން އެކުގައި ފިލްމު ޕްރޮމޯޓްނުކުރާނެ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް މިހާރު އެކުގައި އަންނަނީ ވަރަށް ފޯރި އާއެކު ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު ކެޓްރީނާ އާއެކު ރަންބީރު އަންނަނީ ފިލްމު ޕްރޮމޯޓްކުރުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ފިލްމުގެ ޕްރޮމޯޝަން އިވެންޓުތަކުގައި ވެސް ދެ ތަރިން ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން އަންނައިރު، ކެޓްރީނާ ވަނީ ކުރީގެ ލޯބިވެރިޔާ ރަންބީރަކީ މިހާރު އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ބުނެފަ އެވެ.
"ޖައްގާ ޖާސޫސް" ގެ ޓްރެއިލާ ރިލީޒްކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ކެޓްރީނާ ކުރެން ރަންބީރު ރަނގަޅީ ޕްރޮޑިއުސަރެއްގެ ގޮތުގައި ތޯ ނުވަތަ އެކުވެރިއެއްގެ ގޮތުގައު ތޯ އެހުމުން ވަނީ ރަންބީރަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ބުނެފަ އެވެ.
ކުރީގެ ދެ ލޯބިވެރިއެއްގެ ދެމެދުގައި އޮތް ގުޅުން ނިމި އެކުވެރިންގެ ގޮތުގައި އުޅޭތަން މީގެކުރިން ފެނިފައިނުވާއިރު، ކެޓްރީނާ އާއި ރަންބީރަށް ގާތް އެކުވެރިންގެ ގޮތުގައި ތިބެވޭތޯ ނުވަތަ ނޫންކަން އިނގޭނީ ކުރިއަސް އޮތް ތަނުގަ އެވެ. މިހާރު ބެލެވޭ ގޮތުގައި މިއި ފިލްމު ޕްރޮމޯޓްކުރަން ޖައްސާ ސްޓަންޓެވެ.
މީގެކުރިން ބޮލީވުޑްގެ ތަރިންގެ ތެރެއިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެއްވެސް ތަރިއަކު އެމީހުން ރުޅިވިފަހުން ގާތް އެކުވެރިންގެ ގޮތުގައި އުޅެފައެއް ނުވެ އެވެ.
"ޖައްގާ ޖާސޫސް" ޕްރޮމޯޓްކުރުމަށް ބޭއްވި ފުރަތަމަ އިވެންޓުގައި ކެޓްރީނާ ވަނީ ދެން ދުވަހަކު ވެސް ރަންބީރާ އެކުު ފިލްމު ނުކުޅޭނެ ކަމަށް ބުނެފަ އެވެ. އަދި ރަންބީރު ވެސް އޭނާ އާއެކު ފިިލްމު ކުޅެން ބޭނުންނުވާ ކަމަށް ވެސް ކެޓްރީނާ ވަނީ ބުނެފަ އެވެ. ފަހުން މި ދެތަރިން ވެސް ވަނީ އެއީ އެމީހުން މަޖަލަކަށް ބުނި އެއްޗެއް ކަމަށް ބުނެފަ އެވެ.
މި ފލްމުގެ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ރަންބީރު ކުރެން ފިލްމު ރިލީޒްނުކުރެވި އެހާ ގިނަ ދުވަސްވީ ފަހުން ރިލީޒްކުރެވޭތީ ފިލްމަށް ބޮކްސް އޮފީހުގައި ނާކާމިޔާބު ލިބިދާނެތޯ އެހުމުން ވަނީ، ބޮކްސް އޮފީހުގައި ފިލްމަށް ލިބޭނީ ކޮން ކަހަލަ ކާމިޔާބެއް ކަން ބުނަން ނޭނގޭ ކަމަށާއި ނަމަވެސް މި ފިލްމަކީ މޮޅު ފިލްމެއް ކަން އިނގޭ ކަމަށެވެ.