"ބަހޫބަލީ 2" ގެ ކާމިޔާބާއެކު ތަމަޅަ އެކްޓަރު ޕްރަބާސް ވަނީ ތަމަޅަ އަދި ބޮލީވުޑްގައި ވެސް ވިދާލާފަ އެވެ.
އެ ފިލްމުގެ ކާމިޔާބާއެކު ޕްރަބާސްއަށް ގިނަ ފިލްމުތަކަކުން ހުށަހެޅުންތައް ލިބެމުން އަންނައިރު، އޭނާއަށް ވަނީ ޑައިރެކްޓަރު ސުޖީތް ރެޑީގެ "ސާހޯ" އިން ވެސް ހުށަހެޅުން ލިބިފަ އެވެ.
މި ފިލްމު އިއުލާންކުރި ހިސާބުން ފެށިގެން އެންމެ ގަދަޔަށް ދެކެވެމުން އައި ވާހަކަ އަކީ ފިލްމުގައި ޕްރަބާސް އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކާ ބެހޭ ގޮތުންނެވެ.
ބޮލީވުޑްގެ މަަޝްހޫރު ތަރިންގެ ތެރެއިން ޝްރަދާ ކަޕޫރާއި ދިޝާ ޕަޓާނީ އަދި ޕޫޖާ ހެގްޅޭއަށް މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހެޅި ކަމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ.
އެންމެފަހުން ފިލްމުގައި ޕްރަބާސް އާއެކު ފެނިގެންދާނެ ކަމަށް ވަނީ "ބަހޫބަލީ" ގައި ފެނިގެންދިޔަ ބަތަަލާ އަނުޝްކާ ޝެޓީ އެވެ. ނަމަވެސް ހަބަރުތައް ބުނާ ގޮތުން އެންމެ ފުރަތަމަ މި ރޯލު ކުޅެން ފިލްމު އުފައްދާ ފަރާތުން ހަމަޖައްސަން ބޭނުންވީ ބަތަލާ ސޯނަމް ކަޕޫރެވެ.
މި ފިލްމާ ގުޅޭގޮތުން ސޯނަމްއާ ވާހަކަ ދެއްކުމުން އޭނާ ވަނީ ފިލްމުގެ ޑައިރެކްޓަރުންނާ ބައްދަލުކޮށް، ފިލްމާމެދު ގޮތެެއް ނިންމާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ބައްދަލުވުން ނުބޭއްވި ފިލްމާ ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް އޮތީ ނުދެކެވި އެވެ.
ސަތޭކަ ފަންސާސް ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދެނީ މަޝްހޫރު ޓްރިއޯ ޝަންކަރް-އެހްސާން-ލޯއި އެވެ.
"ސާހޯ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.