ދިވެހި ސިނަމާ

ނޯޓީ 40 ގެ އާ ޓްރޭލާ: މިފަހަރު މަޖަލެއް ނޫން!

Jul 1, 2017

ނޯޓީ 40ގެ ޕްރޮޑަކްޝަން ޓީމުން ބުނަނީ މިހެންނެވެ. އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން މިހެން ގޮސް ހުރިހާ ރަހައެއް ހިމެނޭނެ ކަމަށެވެ. އެހެން ނަމަވެސް ގިނަ މީހުންނަށް އުންމީދުކުރެވުނީ "ބައިވެރިޔާ" އެކޭ އެއްގޮތަށް ނޯޓީ 40 ވެސް މަޖާވާނެ ކަމަށެވެ. ހިތާމަ އެހާބޮޑަށް ހިމެނޭނެއޭ ހިތަކަށް ނޭރި އެވެ.

ނޯޓީ 40 ގެ ދެ ވަނަ ޓީޒާ ރޭ ދޫކޮށްލައިފި އެވެ. ވަރަށް ހިތާމަވެރި އަދި ޖަޒުބާތީ އެވެ. ހުސް އަސަރުން ފުރިގެންވާ މަންޒަރެވެ. ކުލުނު ވެސް ފެނިގެންދެ އެވެ. މި ފަހަރުގެ ޓީޒާ ކިތަންމެ އަސަރު ގަދަ ވެފައި ޖާޒުބާތީ ވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ނެރޭ ޓީޒާތައް ތަފާތުވާނެ އެވެ. ކޮންމެވެސް އެހެން އިހުސާސެއް ފެންނާނެ އެވެ. އޭގެ އެންމެ ފުރިހަމަ ގޮތުގަ އެވެ.

އެ ފިލްމުގައި ދެ ދުވަސް ވަރެއް ފެނިގެންދާނެ އެވެ. އެ ދެ ދުވަސްވަރުގައިވެސް ފެނިގެންދާނީ ސީޒަން، ޔޫއްޕެ، މަނިކު، ނިއުމާ އަދި ސައީދު އެވެ. އެއީ އެމީހުންގެ އުމުރުން 22-26 އަހަރުގެ މަންޒަރުތަކެކެވެ. ހީވާ ގޮތުން އެމީހުން ޅަ އިރެކޭ އެއްވެސް ތަފާތެއް ނުފެންނާނެ އެވެ. އެ ލުކް ގެންނަން ޖިމަށް ގޮސް ނިކަން ގަދައަށް ކަސްރަތުވެސް ކުރި އެވެ.

މިހާރު ނަގަމުން ދަނީވެސް އެ މަންޒަރުތަކެވެ. ބާކީ މަންޒަރުތައް އެއްކޮށް ނަގާ ނިންމާލައިފި އެވެ. އެ ބައި ނެގީ ށ. މިލަންދޫގަ އެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު އެވެ. މި ފިލްމުގެ އެހެނިހެން ތަރިންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ)، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނު ވެސް ފެނިގެންދާނެ އެވެ. އަދި މާރިއާ ތެރީސާވެސް ފެނިގެންދާނެ އެވެ.

އެންވިޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމަކީ އަހަރުގެ ބޮޑު ފިލްމަށް ވެގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ޔަގީން ކުރެ އެވެ. އެ ފިލްމުގައި ހަ ލަވައެއްވެސް ހިމެނޭނެ އެވެ.