ބޮލީވުޑް

ވިކާސްގެ އާ ފިލްމުގައި ޕަރިނީތީ އެއް ނޫޅޭ

Jul 2, 2017

"ކުއީން" ގެ ޑައިރެކްޓަރު ވިކާސް ބޭލް އަލަށް އުފައްދާ ފިލްމު ނުކުޅޭ ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

ވިކާސްގެ އާ ފިލްމުގެ ބަތަލާގެ ރޯލު ޕަރިނީތީ އަށް ހުށަހަޅާފައިވާ ކަމުގެ ވާހަކަތައް ދެކެވިފައިވަނީ އޭނާ ވިކާސް އާއެކު މިފަހުން ފެނިފައިވާތީ އެވެ.

އެކްޓަރު ރިތިކް ރޯޝަން ލީޑްރޯލުގައި ހިމަނައިގެން ވިކާސް އުފައްދާ ފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޕަރިނީތީ ކަމަށް އަޑުތައް އަރާފައިވީ ނަމަވެސް އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެ ފިލްމު ނުކުޅޭ ކަމަށް ބުނަމުން ޕަރިނީތީ ވަނީ ފިލްމު ޑައިރެކްޓަރަކާ އެކު ކޮފީ އަކުން ނުވަތަ ކެއުމަކުން ބޭރުން ބައްދަލުކުރުމުން އެމީހެއްގެ ފިލްމު ކުޅެން ސޮއިކުރީ ކަމަށް އަޑުއަރާ ކަމަށެވެ.

"ވިކާސް އާ އަހަރެން ބައްދަލުކުރީ އެހެން މަސައްކަތަކާ ގުޅިގެން. އަހަންނަށް ވެސް އެނގިފައިވާ ގޮތުގައި އޭނާ ވަރަށް އަވަހަށް އެ ފިލްމުގެ މަސައްކަތް ފަށާ ގޮތަށް އޮތީ" ޕަރިނީތީ ބުނެފައިވެ އެވެ.

މި ފިލްމުގެ އިތުރުން އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދިޔަ ފިލްމު "ނަމަސްތޭ ލަންޑަން" ގެ ސީކުއަލްއިން ވެސް ޕަރިނީރީ ފެނިގެންދާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

އެ ފިލްމުގެ ލީޑްރޯލު ކުޅެން ޕަރިނީތީ އަށް ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އޭނާ ބުނެފައިވަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެން އޭނާ ކުޅޭނެ ފިލްމު އިއުލާންކުރާނެ ކަމަށެވެ.

ޕަރިނީތީ މިހާރު އަންނަނީ ރޯހިތު ޝެޓީގެ ކޮމެޑީ ސިލްސިލާ ފިލްމު "ގޯލްމާލް 4" ގެ މަންޒަރުތައް ނަގަމުންނެވެ.

ދެ އަހަރުގެ ބްރޭކަކަށްފަހު ޕަރިނީތީގެ ފިލްމަކަށް ރިލީޒްވި ފިލްމަކީ އާޔުޝްމާން ކުރާނާ އާއެކު ކުޅެގެން މެއި މަހު ނެރުނު ފިލްމު "މެރީ ޕިޔާރީ ބިންދޫ" އެވެ.