ބޮލީވުޑް

"ޖައްގާ ޖާސޫސް" ހުއްޓާލަން އުޅުނިން: ރަންބީރު

Jul 3, 2017

އެކްޓަރު ރަންބީރު ކަޕޫރު އަލަށް ޕްރޮޑިއުސްކުރާ ފިލްމު "ޖައްގާ ޖާސޫސް" އުފައްދަމުން އަންނަތާ ތިން އަހަރުވެފައިވާއިރު، މި މަހުގެެ 14 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަންބީރު އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަަލާ ކެޓްރީނާ ކައިފާ އެކު ކުޅެފައިވާ މި ފިލްމުގެ ޝޫޓިން ނުނިމި ލަސްވެގެން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިދެތަރިންގެ ހަ އަހަރުވީ ލޯބީގެ ގުޅުން ކުއްލިއަކަށް ނިމުމަކަށް އައުމެވެ.

މިދެތަރިންގެ ދެމެދުގައި އުފެދުނު ނުތަނަވަސް ކަމުގެ ސަބަބުން ކުރިން ހަމަޖެހިފައި އޮތް ތާރީހަށް ފިލްމުގެ ޝޫޓިން ނުނިމި، ފިިލްމު ރިލީޒްކުރުން ވަނީ ދެ ފަހަރެއްގެ މަތިން ލަސްކޮށްފަ އެވެ.

ދެހާސް ސާދަވަނަ އަހަރުން ފެށިގެން ރަންބީރު އާއި ޑައިރެކްޓަރު އަނޫރާގް ބާސޫ އުފައްދަން ފެށި މި ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ފިލްމުގެ މަސައްކަތް އެއްކޮށް ހުއްޓާލަން އެތައް ފަހަރަކު މަޝްވަރާ ކުރި ކަމަށް ރަންބީރު މިވަނީ ބުނެފަ އެވެ.

ތިން އަހަރުގެ ތެރޭގައި ވެސް ފިލްމުގެ ޝޫޓިން ނުނިމި، ދުވަހަކަށް ފަހު ދުވަހެއް ފިލްމު ރިލީޒްކުރާ ދުވަސްވެސް ދުވަހެއް ދުވަހަކަށް ލަސްކުރަން ޖެހުމުން އޭނާ އާއި ޑައިރެކްޓަރު އަނޫރާގް އަދި ކެޓްރީނާ، ފިލްމުގެ ޝޫޓިން މެދުކަނޑާލައި ފިލްމުގެ މަސައްކަތް ހުއްޓާލަން އެކި ފަހަރު މަތިން މަޝްވަރާކުރި ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.

މި ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ބާއްވަމުން އަންނަ އެކި އިވެންޓުތަކުގެ ތެރެއިން އިވެންޓެއްގައި ވާހަކަދައްކަމުން ރަންބީރު ވަނީ އޭނާގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ މި ފިލްމަށް ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގިނަ ދަތިތަކާ ކުރިމަތިވެފަ އެވެ. އެގޮތުން ފިލްމު ރިލީޒްކުރާ ތާރީހު އެކި އަހަރު މަތިން އެކި ފަހަރު ބަދަލުކޮށްފައިވާއިރު ފިލްމު ހުއްޓާލަން އޭނާ ނިންމި ކަމަށެވެ. "ޖައްގާ ޖާސޫސް" ރިލީޒްކުރުން ލަސްކުރަން ޖެހުމުން ޑައިރެކްޓަރު އަނޫރާގަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަަށް ވެސް ރަންބީރު ވަނީ ބުނެފަ އެވެ.

" މި ފިލްމު އުފެއްދުނީ ވަރަަށް ހިތްވަރުކޮށްގެން. ފިލްމުގެ މަސައްކަތް މިހާ ގިނަ ދުވަހުން ވެސް ނިމުނީ އަނޫރާގާ ހެދި. ފިލްމުގެ މަސައްކަތް އެއްކޮށް ހުއްޓާލަން ވާހަކަދެއްކި ކޮންމެ ފަހަރަކު ވެސް ފިލްމުގެ ނެގިފައި ހުރި މަންޒަރުތައް ފެނި ހުއްޓާލަށް ހިތްނުވީ،" ރަންބީރު ބުނެފައިވެ އެވެ.

"ޖައްގާ ޖާސޫސް" ލަސްވުމުގެ އެކަމުގެ އަސަރު އޭނާ އަށް ވެސް ވަަރަށް ބޮޑަށް ކުރި ކަމަށް ރަންބީރު ބުނެފައިވާއިރު، އޭނާ ވަނީ މިހާރު ފިލްމުގެ ފައިނަލް ކޮޕީ ބަލާފައިވާ ކަަމަަށެވެ. އަދި ފިލްމު ބަލާނިމުމުން އެންމެ ފުރަތަމަ ވެސް ހިތަށް އެރީ މީގެ ހަތަރު އަހަރުކުރިން އަނޫރާގް އޭނާ އަށް ކިޔައިދިން ވާހަކަ ކަމަށާއި އޭނާ އެވާހަކަ ފިލްމެއްގެ ސިފައިގައި ގެނެސްދީފއިވާލެއް ވަރަށް ފުރިހަމަ ކަމަށެވެ.

ރަންބީރު އިތުރަށް ވަނީ ފިލްމުގެ ޝޫޓިން އެހާ ބޮޑަށް ދިގުލައިގެން ދިޔައީ ދެ ޝެޑިއުލްގެ ދޭތެރެއިން މާ ގިނަ ވަގުތު ނެގުމުން ކަމަށެވެ. މި ފިލްމުގެ ޝޫޓިންގެ ތެރެއިން ރަންބީރާއި ކެޓްރިނާ ވަނީ ގިނަ ފިލްމުތަކެއްގެ މަންޒަރުތައް ނަގައި އެ ފިލްމުތައް ރިލީޒްވެސް ވެފަ އެވެ.

ޑިޒްނީ އާއި ގުޅިގެން ރަންބީރު އާއި އަނުރާގް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ މިއުޒިކަލް ޑްރާމާ އެކެވެ. ރަންބީރު ޖާސޫސެއްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ މެހެމާނެއްގެ ރޯލުން ގޯވިންދާ ފެނިގެންދާނެ އެވެ.