ހަބަރު

ވިއްސާރަ ގަދަވެ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ ގެއްލުން ތަކެއް ވެއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ބުނީ ލ. އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ބޯކޮށް ބާރޭ ވެހި ފެން ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށްް ފެން ބޮޑުވެ ގެއްލުން ލިބިފައިވަނީ ގއ. ވިލިނގިއްޔަށް ކަމަށާއި މީގެ އިތުރުން އިތުރު ރަށްތަކުގައި ފެން ބޮޑުވެފައިވާ ކަމުގެ މައުލޫމާތާއި ފޮޓޯ ލިބިފައިވާ ކަމަށް މެޓުން ބުންޏެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ އެރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި ގިނަ ގޭގޭގައި މިރޭ ނިދާވެސް ނުލެވޭ ހާލަތަށް ގޯސްވެފައިވާ ކަމަށެވެ. އަދި ބައެއް ގޭގޭގައި 18 އިންޗިއާ ހަމަޔަށް ފެން ވަދެފައިވާ ކަމަށާއި ރަށުގެ ބައެއް ސަރަހައްދު ތަކުގައި ތިން ފޫޓަށް ވުރެ މައްޗަށް ފެން ބޮޑުވެފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވޭ. ގިނަ ގޭގޭގެ މީހުންނަށް މިރޭ ނިދާވެސް ނުލެވޭނެ. އެހާ ބޮޑަށް ގެއްލުން ވެފައިވަނީ. އެމްއެންޑީއެފް އާއި ޕޮލިހުން މިރަށުގައި ހަރަކާތްތެރިވއ ފެން ހިންދުމުގެ މަސައްކަތް ވަނީ ފަށާފައި" މުސްތަފާ ވިދާޅުވި އެވެ.

އިއްޔެ ކުރި ވިއްސާރާގައި ލ. ކުނަހަންދޫއަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެރަށު ކައުންސިލްގެ ނައިބު ރައީސް ރިލުވާން ސައީދު ވިދާޅުވީ ރޭ އެރަށަަށް ކުރި ވިއްސާރާގައި ސުކޫލުގެ ތިން ކްލާސް ރޫމުގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި އަދި ފަޅުގައިވާ ދެ ލޯންޗެއް ވެސް ވަނީ އަޑިއަށް ގޮސްފައި ކަމަށެވެ. އަދި އެރަށުގެ އަށް ގެ އެއްގެ ފުރާޅު އެެއްލާލާއި ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށާއި ފެން ބޮޑުވުމުގެ ސަބަބުން 12 ވަރަކަށް ގެއަށް ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް ރިލުވާން ވިދާޅުވި އެވެ.

"ރޭ 9:00 އެހާއިރުު ކުރަން ފެށި ވިއްސާރާގައި ވައިގަދަވެ ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވޭ. ދަނޑުތަކަށާއި ބައެއް ގޭގޭގެ ފުރާޅު އެއްލާލައި ބައެއް ރުއްގަސް ތަށް ގޭގެއަށް ވެއްޓި ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވޭ." ރިލުވާން ވިދާޅުވި އެވެ. "އެމްއެންޑީއެފް އިން މިހާރު ހަރަކާތްތެރިވަމުން އެބަ ގެންދޭ. އެންމެ ބޮޑު އިސްކަމެއް ދީގެން މި ކުރަނީ ސުކޫލު މަރާމާތުކޮށް ވީ އެންމެ އަވަހަކަށް ކިޔެވުން ފެށޭވަރު ކުރުން."

މީގެ އިތުރުން ރޭ ކުރި ވިއްސާރާގައި ލ. ފޮނަދޫ އަށް ބޯކޮށް ވާރޭ ވެހި ދެ ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ލިބި 10 ވަރަކަށް ގެއަށް ފެން ވަދެފައި ވެއެވެ. އެރަށަށް ވެސް ވަނީ ގިނަ ގެއްލުން ތަކެއް ވެފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެެވެ. އެގޮތުން ރޭ 7:30 ހާއިރު ވެސް ވަނީ މުދާ އުފުލާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން ވިލިމާލޭ ތޮއްޓަށް އަރައިފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަނޑުމަތީ ތިން ހާދިސާއެއް ހިނގާފައި ވެއެވެ.

މެޓްން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނަށް ވިއްސާރަވެ ކަނޑު ގަދަވާނެ ކަމަށާއި އެހެން ކަމުން އާންމު ގޮތެއްގައި ފެން ބޮޑުވާ ރަށްރަށުގެ ރައްޔިތުން އެކަމަށް ސަމާލުވެ ކުރީބައިގައި ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ.