ބޮލީވުޑް

އަކްޝޭގެ "ޓޮއިލެޓް" ވެސް ގާނޫނީ މައްސަލައެއްގެ ތެރެއަށް

Jul 3, 2017

ސުޕަސްޓާ އަކްޝޭ ކުމާރާއި ބޫމީ ޕަޑްނޭރްކަރް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ޓޮއިލެޓް: އެކް ޕްރޭމް ކަތާ" ގެ ފުރަތަމަ ޓްރެއިލާ އާއެކު މި ފިލްމު ވަނީ އިންޑިއާގެ ހުރިހާ ރައްޔިތުންނާ ވަރަށް ގުޅޭ ފިލްމެއްކަން ހާމަވެފަ އެވެ.

ންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވަޗް ބާރަތު" ކެމްޕޭނުގައި ހިމެނޭ އިންޑިއާގެ އެކި ޝަހަރުތަކުގައި އެތަކެއް ހާސް ފާހާނާ ގާއިމުކޮށްދިނުމަށް އޭނާ ވެފައިވާ ވައުދު ޕްރޮމޯޓްކޮށްދޭނެ ފިލްމެކެވެ. އިޖްތިމާއީ ވަރުގަދަ މެސެޖެއް ގެނެސްދޭނެ މި ފިލްމު މިވަނީ ގަނޫނީ މައްސަލައެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ޑޮކިއުމެންޓްރީ ފިލްމުތައް އުފައްދާ ޕްރަވީން ވިޔާސް މިވަނީ "ޓޮއިލެޓް" އަކީ އޭނާގެ އުފައްދާފައިވާ ޑޮކިއުމެންޓްރީ މަނީނީގެ އިރައިގެން އުފައްދާފައިވަ ފިލްމެއް ކަމަށް ބުނެ މި ފިލްމު ޑިސްޓްރިބިއުޓްކުރާ ވިއަކޮމް 18 މޯޝަން ޕިކްޗާސް އަށް ވަނީ ލީގަލް ނޯޓިސް ފޮނުވާފަ އެވެ.

މިދިޔަ އަހަރު އިންޑިއާގެ ގޯއާ ގައި ބޭއްވި އިންޓަނޭޝަން ފިލްމު ފެސްޓިވަލް އޮފް އިންޑިއާގެ ތިން ވަނަ މަނީނީ އަށް ވަނީ ލިބިފަ އެވެ.

"ޓޮއިލެޓް" އުފެއްދި ފަރާތަށް ގާނޫނީ ގޮތުން ލިޔުމެއް ފޮނުވާފައިވާ ކަމަށް ބުނަމުން ޕްރަވީން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ފިލްމަކީ އޭނާގެ ޑޮކިއުމަންޓްރީގެ ކޮޕީއެއް ކަމަށާއި އެ ޑޮކިމަންޓްރީގެ ޑައިލޮގްތަކާއި މަންޒަރުތަކުގެ އިތުރުން ޕްލޮޓް ވެސް ކޮޕީކޮށްފައިވާ ކަމަަށެވެ.

އޭނާ ވަނީ މިިދިޔަ އަހަރު އޮތް ފިލްމު ފެސްޓިވަލްގައި އޭނާގެ ފިލްމު ދައްކާލިއިރު ގާތްގަނޑަކަށް 4500 އެއް ހާ މީހުން އެ ފެސްޓިވަލްގައި ބައިވެރިވި ކަމަށާއި އެ ފަހަރު ދައްކާލ ހުރިހާ ފިލްމަކީ އިންޑިއާގެ ސާފުތާހިރުކަން ޕްރޮމޯޓްކުރަން އުފެއްދި ފިލްމުތަކެއް ކަމަށް ބުނެފަ އެވެ.

"ޓޮއިލެޓް" ގެ ޓްރެއިލާ ރިލީޒްކުރި ފަހުން، ޓްރެއިލާއިން މަނީނީގެ ގިނަ މަންޒަރުތަކެއް ކޮޕީކޮށްފައިވާކަން ޔަގީންވާތީ އެ ފިލްމު އުފެއްދި ފަރާތަށް ނޯޓިސް ފޮނުވުމުން އޭނާ އަށް ލިޔުމަކުން ޖަވާބު ދީފައިވަނީ ދިހަ ދުވަސް ފަހުން ކަމަށާއި ޖަވާބުގައި ވަނީ ވެސް އެމީހުންގެ ނޯޓިސް ބެލުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ނޯޓިސްގެ ޖަވާބު ފޮނުވާފައި ކަމަށެވެ.

"މަނިނީ ބަލާފައި "ޓޮއިލެޓް" ގެ ޓްރެއިލާ ބެލުމުން އިނގޭނެ އެ ފިލްމަކީ އަހަރެންގެ ފިލްްމުގެ ކޮޕީއެއްކަން. މަނީނީ އަކީ ވެސް ކައިވެނިކޮށްގެން ފިރިހެން ކުއްޖާގެ ގޭގައި ދިރިއުޅެން ދާތަނުން އެގޭގައި ފާހާނާއެއް ނީންނަކަން އެނގުމުން އަންހެން ކުއްޖާ ގެއިން ނިކުމެގެން ދާ މައްސަލައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެއް" ޕްރަވީން ބުނެފައިވެ އެވެ.

ޕަރްވީން އިތުރަށް ވަނީ އޭނާގެ ފިލްމު ވަނީ ނެޝަނަލް ފިލްމު ޑެވެލޮޕްމަންޓްގެ އޮފިޝަލް ވެބްސައިޓަށް ވެސްް ލާފައިި ކަމަށާއި އޭނާގެ ފިލްްމުގެ މޮޅުކަމުން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓް މިނިސްޓާ ވަނީ އެމީހުންގެ މަސައްކަތަށް ތައުރީފުކޮށްފައި ކަމަށާއި އޭނާގެ ހުއްދަނެތި އެމީހުންގެ ފިލްމުގެ ވާހަކަ ކޮޕީކޮށްގެން އިތުރު ފިލްމެއް ހެދިގެންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

މަނީނީގެ ސްކްރީންޕްލޭ ލިޔުނު ޝަންކަރް އަރްނިމޭޝް ވެސް ވަނީ "ޓޮއިލެޓް" ގެ ޓްރެއިލާ ބެލުމުން އޭނާ އަށް ވެސްް ލިބުނީ ހައިރާން ކަމަށް ބުނެފަ އެވެ.

"އަހަރުމެން ތުހުމަތުތަކަށް އެމީހުން އިންކާރުކުރަނީ، ފައިސާ ދޭން އެދުމުން އެކަމަށް ވެސް ހެދީ ދެކޮޅު. ހައްގު ހޯދަން ދެން އަހަރުމެން ދާނީ ކޯޓަށް" ޝަންކަރް ބުނެފައިވެ އެވެ.

މަނީނީ އުފެއްދި ފަރާތުން "ޓޮއިލެޓް" ގެ ޕްރޮޑިއުސަރުންގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވާފައިވާއިރު މި ފިލްމުގެ އެއް ޕްރޮޑިއުސަރު ޝީތަލް ބާޓިއާ ވަނީ އެމީހުންގެ ބޮލުގައި އަޅުވާފައިވާ އިލްޒާމުތަކަކީ އެއްވެސް ތާކުން ތާކު ނުޖެހޭ އިލްޒާމުތަކެއް ކަމަށާއި މި ފިލްމަކީ ކޮޕީއެއް ކަމަށް ބުނެ އެފަރާތުން އެމީހުން ކުރަމުން ދަނީ ޖެއްސުން ކަމަށް ބުނެފަ އެވެ.

ޝީތަލް ވަނީ "ޓޮއިލެޓް" ގެ ސްކްރިޕްޓް 2013 ވަނަ އަހަރު ވަނީ އެ ވާހަކަ ލިޔުނު ލިޔުންތެރިން ކަމަށްވާ ސިދާތް އާއި ގަރީމާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ކަމަށާއި އަދި މި ފިލްމު އުފައްދާކަން ނޫސްތަކުގައި ލިޔެވެމުން އަންނަނީ 2015 ވަނަ އަހަރުގެ ޖުލައިި މަހުން ފެށިގެން ކަމަށް ޝީތަަލް ވަނީ ބުނެފަ އެވެ.

އަކްޝޭގެ އެންމެފަހުން ރިލީޒްވި ފިލްމު "ޖޮލީ އެލްއެލްބީ 2" ގެ ނަމަކީ ފައިވާނާއި ބޫޓް އުފައްދާ ކުންފުންޏެއްގެ ނަން ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.