ކުޅިވަރު

ޑޮނަރުންމާއަށް މިލާނުން ބޮޑު ހުށަހެޅުމެއް

Jul 3, 2017

އޭސީ މިލާންގެ ޒުވާން ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ އެ ޓީމުގައި ބެހެއްޓުމަށް، އެ ކުލަބުން، އޭނާ އަށް ފަސް އަހަރު ދުވަހުގެ އެއް ބަސްވުމަކާއެކު ޖުމުލަ 50 މިލިއަން ޔޫރޯގެ ބޮޑު އަގެއް ހުށަހަޅަން ތައްޔާރު ވެއްޖެ އެވެ.

ޑޮނަރުންމާ18، މިލާންއާ އެކު މިހާރު އޮތް އެއްބަސްވުމުގައި، ބާކީ އޮތީ ކުރިއަށް އޮތް ސީޒަން އެކަންޏެވެ. އޭނާ ގެންދަން، އެންމެ ބޮޑަށް މަސައްކަތް ކުރީ، ސްޕެއިން އާއި ޔޫއެފްއާ ޗެމްޕިންސްލީގް ގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ.

އިޓަލީގެ ކުޅިވަރު ޖާނަލިސްޓް ޖިއާންލޫކާ ޑި މާޒިއޯ އާ ހަވާލާދީ، ސްޕެއިންގެ މާސާއިން ބުނެފައި ވަނީ، ޑޮނަރުންމާގެ އެޖެންޓް، މިނޯ ރެއޯލާ، މިހާރު ހުރީ އޭނާގެ ކްލައިންޓް ޑޮނަރުންމާގެ ކޮންޓްރެކްޓާ ބެހޭގޮތުން، ވާހަކަ ދައްކަން މިލާނަށް ގޮސް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، ޕޮލެންޑްގައި ނިމިގެންދިޔަ، ޔޫރަޕްގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކުރިން، މިލާންއިން ވަނީ ޑޮނަރުންމާއަށް އާ އެއްބަސްވުމެއް ހުށަހަޅާފަ އެވެ. ނަމަވެސް އޭރު އެއްބަސްވުމަށް ޑޮނަރުންމާގެ ފާރާތުން އާނ ބަސް ލިބިފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓްތައް އޭރު ބުނެފައި ވަނީ، ޑޮނަރުންމާއަށް، މިލާނުން ހުށަހެޅި އެއްބަސްވުމަށް އޭރު ޖަވާބު ނުދިނީ ރެއާލުން އޭނާ އަށް އިޝާރާތެއް ދީފައި އޮތުމުން ކަމަށެވެ.

ނަމަވެސް، މުބާރާތުގެ ތެރޭގައި ޑޮނަރުންމާ ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓެއްގައި، އޭނާ ބުނެފައި ވަނީ، މިލާންގައި ދެމިހުންނާނެ ކަމަށެވެ.