ބޮލީވުޑް

އަރްޖުން އާއި ޕަރިނީތީ އެނބުރި އަންނަނީ

Jul 4, 2017

މީގެ ފަސް އަހަރު ކުރިން އެކްޓަރު އަރްޖުން ކަޕޫރު ބޮލީވުޑަށް ތައާރަފުވެފައިވަނީ ޕަރިނީތީ ޗޯޕްޅާ އާއެކު "އިޝަގްޒާދޭ" އިންނެވެ. އެ ފިލްމު ޕަރިނީތީ އަރްޖުން އާއެކު ކުޅުނުއިރު އެ ފިލްމަކީ އޭނާގެ ދެވަނަ ފިލްމެވެ. އަރްޖުން އެކޭ އެއްގޮތަށް ޕަރިނީތީ އަށް ވެސް އެ ފިލްމުން ވަނީ ބެލުންތެރިންނާއި ކްރިޓިިކްސްއިން ތައުރީފު ކޮށްފަ އެވެ.

ދެ ތަރިން އެކުގައި ފިލްމެއް ކުޅުނުތާ ފަސް އަހަރު ފަހުން އަލުން އެކުގައި ފިލްމެއް ކުޅެން އަންނަނީ ތައްޔާރުވަމުންނެވެ. ޑައިރެކްޓަރު ދިބާކަރް ބެނެޖީ އުފައްދާ "ސަންދީޕް އޯރް ޕިންކީ ފަރާރް" ކިޔާ ފިލްމަކުންނެވެ.

މަޖާ ނަމެއް މި ފިލްމަށް ކިޔަސް މި ފިލްމަކީ ޑްރެމެޓިކް ތްރިލާއެއް ކަމަށްވެ އެވެ. ޔާޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކުރާ މި ފިލްމަކީ އިންޑިއާގެ ތަފާތު ދެ ދަރިކޮޅެއްގެ ދެމީހުން ބައްދަލުވެ އެމީހުންގެ ހަޔާތުގެ ވާހަކަ ފެނިގެންދާނެ ފިލްމެކެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު ދިބާކަރް ވަނީ މިއީ ވަރަށް ތަފާތު ފިލްމެއް ކަމަށެވެ. މި ފިލްމަކީ ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްޓައި އޮންނަ ނަފްރަތުގެ ސަބަބުން އެ ދެ މީހުންނަށް އެކުގައި ނުޅެވޭއިރު ދެމީހުންނަށް އެކަކު އަނެކަކާ ނުލައި ނުވެސް އުޅެވޭނެ ވާހަކައެއްގެ މައްޗަށް އުފަައްދާ ފިލްމެއް ކަމަށެވެ.

މި އަހަރުުގެ ފަހުކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އެކުގައި މަސައްކަތް ކުރެވޭތީ އަރްޖުން އާއި ޕަރިނީތީ ވެސް ތިބީ އުފަލުންނެވެ.

"ސަންދީޕް އޯރް ޕިންކީ ފަރާރް" އާ ގުޅޭގޮތުން ވާހަކަދައްކަމުން އަރްޖުން ވަނީ ޔާޝް ރާޖް އަދި ޕަރިނީތީ އާއެކު އަނެއްކާ ވެސް މަސައްކަތް ކުރުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި ތަފާތު ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން އޭނާ ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ. އަދި ބަތަލާ ޕަރިނީތީ ވަނީ "އިޝަކްޒާދޭ" އަށް ފަހު އޭނާ އާއި އަަރްޖުން ދިބާކަރާ އެކު ފިލްމެއް ކުޅުމުގެ ހުވަފެން ދެކެވެމުން އައި ކަަމަށެވެ. ދިބާކަރް ފިލްމުތައް އަބަދުވެސް ވަރަށް ތަފާތު ކަމަށް ވެސް ޕަރިނީތީ ވަނީ ބުނެފަ އެވެ.