ދުނިޔެ

އެމެރިކާގައި ހެލިކޮޕްޓަރެއް ވަގަށް ނަގަން އުޅުނު މީހަކު މަރާލައިފި

އެމެރިކާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ އޮރެގަންގެ މައިރަށް ހިލްސްބޮރޯ ނަމަކަށް ކިޔާ ރަށުގެ އެއާޕޯޓަކުން ހެލިކޮޕްޓަރެއް ވަގަށް ނަގަން އުޅުނު މީހަކު ފުލުހުންގެ ހަމަލާތަކުގައި މަރުވެއްޖެ އެވެ.

ހިލްސްބޮރޯގެ ފުލުހުންގެ ލެފްޓިނެންޓް ހެންރީ ރީމާން އާ ހަވާލާދީ ސީއެންއެން ބުނީ އިއްޔެގައި ހެލިކޮޕްޓަރު ވަގަށް ނަގަން އުޅުނު މީހާ އެއާޕޯޓަށް ވަނީ ފެންސް މަތިން އަރައިގެން ކަމަށާއި އޭނާ މަސައްކަތް ކުރީ އިންޖީނު ހިންގާފައި އޮތް ހެލިކޮޕްޓަރަކަށް އަަރަން ކަމަށެވެ. އަދި ބުނީ އޭނާ އުޅުނީ ހެލިކޮޕްޓަރުގައި އެވަގުުތު ތިބި ދެ މީހުންނަށް ބަޑިއަކުން ބިރު ދައްކައިގެން އެއަށް އެރުމަށް ކަމަށެވެ.

ބަޑި ހިފައިގެން ހުރި މީހާ ވަގަށް ނަގަން އުޅުނީ ވައިގެ އުޅަނދުތައް ދުއްވަން ދަސްކޮށްދޭ އެކަޑަމީއެއް ކަމަށްވާ ހިލްސްބޮރޯ އޭރޯ އެކަޑަމީގެ ހެލިކޮޕްޓަރެކެވެ. ހެލިކޮޕްޓަރުގައި ތިބި ދެ މީހުންނަށް ބަޑިން ބިރު ދެއްކުމުން އެކަޑަމީގެ މުވައްޒަފުން ހަތިޔާރާ އެކު އޭނާއާ ކުރިމަތި ލިއެވެ. އަދި އެހާދިސާގެ މައުލޫމާތު ލިބުމުން އެތަނަށް ދިޔަ ފުލުހުންނާ ހެލިކޮޕްޓަރު ވަގަށް ނަގަން އުޅުނު މީހާއާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރިއެވެ. އެ ހަމަލާތަކުގައި ވަގު ވަނީ މަރުވެފަ އެވެ.

ހެލިކޮޕްޓަރު ވަގަށް ނަގަން އުޅުނު މީހާ އަތުގައި އޭނާއަކީ ކާކުކަން އަންގައިދޭ އެއްވެސް ލިއުމެއް ނެތުމުން އެއީ ކާކުކަން އަދި ކަށަވަރުކުރެވިފައެެއް ނުވެއެވެ. ނަމަވެސް އެހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.