ކުޅިވަރު

މޮޅު ކޯޗަކަސް މޮޅު ޕްލޭނަކަށް ރާއްޖޭގައި ނުކުޅެވޭނެ

Jul 4, 2017
1

ކިތަންމެ މޮޅު ކޯޗަކު އައިސް، ކިތަންމެ މޮޅު ޕްލޭނަކަށް ރާއްޖޭގައި ކުޅުވަން އުޅުނަސް، ދިވެހި ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން، އެ ޕްލޭނަކަށް ރާއްޖޭގައި ނުކުޅުވޭނެ ކަމަށް ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނެފި އެވެ.

މާލޭ ލީގްގައި މިއަދު ޔުނައިޓަޑް ވިކްޓަރީ ނިކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. ޔޫވީއާ ދެކޮޅަށް ނިއު ނިކުންނަ މެޗަކީ، ނިއުގެ އާ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮންގެ ކޯޗް ކަމުގެ ދަށުން ނިއު ކުޅޭ ފުރަތަމަ މެޗެވެ. ޕްރީ މެޗު ޕްރެސްގައި ނިއުގެ ކޯޗް އެންމެ ބޮޑަށް ދެއްކީ ނިއުގެ ގޭމް ޕްލޭން ބަދަލު ކުރުމަށް އޭނާ މަސައްކަތް ކުރާނެ ވާހަކަ އެވެ.

ނަޒީހް ބުނީ، ރާއްޖޭގެ ފުޓްބޯޅަ ހާލަތު އޮތް ގޮތުން، ސްޕެއިންގެ ކޯޗަކު އަޔަސް ބޭނުންވާ ގޮތަކަށް ބަދަލު ކޮށްލަން ދެ އަހަރު ވަރު ނަގާނެ ކަމަށެވެ.

"ބޭރުން ކޯޗެއް ގެނައި ކަމުގައި ވިޔަސް، ޕްރެކްޓިސް އަށް އައިސް ބަލައިލީމަ އެނގޭނެ ހަދާ އެކްސަސައިޒް ތަކާ، މިކުރާ ކަންތަތަކުގެ ތެރެއިން، ގާތްގަނޑަކަށް 20 ޕަސަންޓް ނުނީ 15 ޕަސަންޓް ދަނޑު މަތީގައި މަސައްކަތް ކޮށްފިއްޔާވެސް ހަމަ އަލްހަމްދު ﷲ، އެއީ އެވަރުގައި މިއޮންނަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު،" ނަޒީހް ބުންޏެވެ. އެވާގޮތަކީ އިރުއަރައި އޮއްސޭއިރު ކޯޗަކު ބަދަލުވޭ، ކުޅުންތެރިން ޓީމުން އެބަ ބަދަލުވޭ، ހަ މީހުން އެއް ޓީމެއްގައި ތިބެގެން ސީޒަނެއް ނިންމާލާ ޓީމެއް މަދުވާނެ އެހެންވީމަ (ރާއްޖޭގައި) އެކަހަލަ އެޑްވާންޓޭޖެއް ތަކެއް ނެގުމަކީ އުނދަގޫ ކަމެއް ސަބަބަކީ މި ކޯޗް އަތުން ގޭމް ދޫވާނެ ގާތްގަނޑަކަށް ބައިގަޑިއެއްހައިރު ތެރޭ."

ނަޒީހް ބުނީ ނިއުރޭޑިއަންޓްގައި ގައުމީ ލެވަލްގެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި ޔޫވީގެ އަމާޒަކީ ކުރީކޮޅު ބައިކޮޅަށް ގޯލެއް ނުވަދެ ހިފެހެއްޓުން ކަމަށެވެ. ބައިކޮޅަށް ނުވަދެ ގިނައިރުތަކެއް ވާކަމަށްވާނަމަ ނިއު ޕްރެޝަރަށް ދާނެ ކަމަށާއި އޭނާގެ އަމާޒަކީ މިއަދުގެ މެޗުގައި ނިއު ޕްރެޝަރަށް ދުއްވާލުން ކަމަށް ނަޒީހް ބުންޏެވެ.

"އަބަދުވެސް ހުރިހާ ކޯޗުންވެސް ދައްކާނެ ފުރަތަމަ 20 މިނެޓެއްގެ ވާހަކަ 15 މިނެޓެއްގެ ވާހަކަ، އެއީ ގޭމްގެ ޓެމްޕޯ އެންމެ ހައި ވަގުތު، ސެޓިލްވެ [ހަމަޖެހުނީމަ] ދެން އުނގދޣޫ ވާނެ، އާދައިގެ ޑިފެންސެއްވެސް އޮގަނައިޒް ކޮށް ކުޅޭ ކަމަށް ވަންޏާ ބްރޭކް ކުރަން އުނދަގޫ ވާނެ،" ނަޒީހް ބުންޏެވެ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ، ގާތގަނޑަކަށް އެ 20، 25 މިނެޓް ޓެމްޕޯ ހައިކޮށް އިންދާ އެއްޗެއް ޖެހިޔަ ނުދީ ހިފެހެއްޓިއްޖެ ކަމަށްވާންޏާ ނިއުރޭޑިއަންޓް ވެސް އަދި މާޒިޔާވެސް ޕްރެޝަރަށް ދާނެ."

ނަޒީހް ބުނީ ބައެއް ބޮޑެތި ޓީމުތަކުގެ، މުސާރައިގެ މައްސަލަ ދިމާވެ، ކުޅުންތެރިން ޕްރެކްޓިހަށް ނުނިކުންނަ މައްސަލަ ކުރިމަތި ވިޔަސް، ޔޫވީގައި އެ މައްސަލަ ދިމާ ނުވާ ކަމަށާއި ކޮންމެ ޕްރެކްޓިސްއަށް މަދު ވެގެން، 15 ކުޅުންތެރިން އަންނަ ކަމަށެވެ.