ހަބަރު

ބޭރަށް ހިންގުން ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި

Jul 4, 2017

މި ދުވަސްވަރު މާލެ އާއި އަތޮޅުތަކުގައި ބޭރަށް ހިންގުން ފެތުރޭތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި، ފެނުގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސާފުތާހިރުކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބޭރަށް ހިންގައި ހޮޑުލެވޭނަމަ ވީހާވެސް ގިނައިން ދިޔައި ތަކެތި ބޭނުން ކުރުމަށާއި ދިޔާތަކެތި ބޭނުން ކުރުމުގައި ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫހާއި ފިޒީ ޑްރިންކްސް ބޭނުން ނުކުރަން އެދިފައި ވެއެވެ. އަދި ކެއުމުގައި އެތި އެތިކޮޅުން އަވަސް އަވަހަށް ކެއުމަށާއި ތެޔޮ، ކުޅި އަދި ހަވާދު ހިމެނޭ ކާއެއްޗެހި ބޭނުން ނުކުރުމަށެވެ.

މީގެ އިތުރުން ތުއްތު ކުދިންނަށް އަވަސް އަވަހަށް ގާތުން ދިނުމުގެ އިތުރުން ކުޑަކުއްޖަކުނަމަ އެއްކޮށް ބަލި ރަނގަޅުވަންދެން ސްކޫލަށް ނުފޮނުވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޭރަށް ހިންގުން ޖެހުމުން ރައްކާތެރިވުމަށް ފެން ކްލޮރިނޭޓްކޮށްގެން ބޭނުން ކުރުމަށާއި ވާރޭފެން ނެގުމުގައި ފުރާޅު ރަނގަޅަށް ސާފުކޮށްފައި ފެން ނެގުމަށް އެޗްޕީއޭ އިން އެދެ އެވެ.