ބޮލީވުޑް

ޑްވާފް ފިލްމުގައި ސަލްމާން ފެނިލާތީ ހަދިޔާ އަކަށް ކާރެއް

Jul 5, 2017

މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ރިލީޒްވި ސުޕަސްޓާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ދިރުމަަކީ އެ ފިލްމުގައި ކުޑަ މަންޒަރަކުން ފެނިގެންދިޔަ ބޮލީވުޑްގެ ކިންގް ޝާހްރުކް ޚާން އޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ.

މިފަހަރު ޝާހްރުުކް ޑްވާފެއްގެ ރޯލު ކުޅޭ ފިލްމުގައި އޭނާ އާއެކު ލަވަޔަކުން ސަލްމާން ފެނިގެންދާނެ އެވެ.

ކުރީއްސުރެން ވެސް ވަރަށް ގާތް އެކުވެރިންގެ ގޮތުގައިި ތިބި ސަލްމާން އާއި ޝާހްރުކްގެ ދެެމެދުގައި މައްސަލަތަކެއް ޖެހި މި ދެ މިތުރުން ވަނީ ހަތުރުންނަށް ވެފަ އެވެ. ނަމަވެސް ޒަމާންވީ ރުޅިވެރިކަން އެއް ފަރާތްކުރުމަށްފަހު މިދެތަރިންގެ އެކުވެރިން އަލުން އިހުނަށް ވުރެން ބަދަހިވެފައިވާއިރު އަބަދުވެސް ފެންނަމުން ދަނީ އެކަކު އަނެކަކަށް އެހީތެރިކަމުގެ އަތް ދިއްކުރާ ތަނެވެ.

ސަލްމާން "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން އާއި އެހެނިހެން ބައެއް މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެމުން ވެސް ވަނީ ޝާހްރުކްގެ ފިލްމުގައި މެހެމާނެއްގެ ރޯލުން ފެނިލަން އެދުމުން އެކަމަށް އާނބަސް ބުނެފަ އެވެ.

އިއްޔެ ސަލްމާން، ޝާހްރުކާ އެކު އަނަންދް އެލް ރާއީގެ ފިލްމުގެ ލަވައިގެ ޝޫޓިން ނިންމާނެ ކަމަށްވާއިރު މި ލަވައިގެ މަންޒަރުތަައް ނެގުމަށް ސަލްމާން ވަނީ އޭނާގެ އެއް ދުވަހުގެ މުޅި ޝެޑިއުލް ކެންސަލްކޮށް، ހުރިހާ ވަގުތެއް ޝާހްރުކަށް ދޭން ނިންމާފަ އެވެ.

ވަރަށް ބުރަކޮށް އުޅެމުން ވެސް ސަލްމާން ޝާހްރުކްގެ ފިލްމަށް ވަގުތު ދީފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަލްމާނަށް ޝާހްރުކް މިވަނީ ވަރަށް އަގުހުރި ހަދިޔާއެއްދީފަ އެވެ.

އިއްޔެ މި ލަވައިގެ މަންޒަރުތައް ނެގުމަށް ސަލްމާން ސްޓޫޑިއޯ އަށް ދިޔައިރު ޝާހްރުކް ވަނީ އޭނާ ޝުކުރު އަދާކުރުމުގެ ކުރުމުގެ ގޮތުން ހަދިޔާ އަކަށް އަގުބޮޑު ކާރެއް ދީފަ އެވެ.

އަނަންދްގެ ފިލްމުގެ ސެޓުގައި އެ ވަގުތު ހަރަކާތްތެރިވަމުން ދިޔަ ފަރާތްތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ޝާހްރުކް، ސަލްމާނަށް ހަދިޔާއެއްގެ ގޮތުގައި ކާރު ދީފައިވަނީ ސަޕްރައިޒެއްގެ ގޮތުގަ އެވެ. ސަލްމާން ލަވައިގެ މަންޒަރުތައް ނެގުމަށް ސެޓަށް ދިޔައިރު ޝާހްރުކް އޭނާ އަށް މަރުހަބާ ކިޔާފައިވަނީ އެ އަގުބޮޑު ކާރު ހަދިޔާއެއްގެ ގޮތުގައި ދެމުން ކަމަށްވެ އެވެ.

އެ ފިލްމުގައި މަންޒަރެއް ކުޅެދޭތީ ޝާހްރުކް ފަރާތުން ހަދިޔާއެއްގެ ގޮތުގައި ކާރެއް ލިބޭނެ ކަމަށް ސަލްމާން އުންމީދުވެސް ނުކުރާއިރު، ޝާހްރުކްގެ ހަދިޔާއިން އޭނާ އަށް ލިބުނީ ޝޮކެއް ކަމަށް ވެސް ވެ އެވެ.

ބުނެވޭ ގޮތުގައި ސަލްމާނަށް ހަދިޔާއެއްގެ ގޮތުގައި ޝާހްރުކްް ދިން ކާރަކީ އަދި އަލަށް ބާޒާރަށް ނެރުނު ލަގްޒަރީ ބްރޭންޑެއްގެ ކާރެކެވެ.

މި ހަފްތާގެ ތެރޭގައި ސަލްމާން "ޓައިގާ ޒިންދާހޭ" ގެ މަންޒަރުތައް އަލުން ނެގުމަށް މޮރޮކޯ އަށް ފުރާނެ އެވެ. އަދި ޝާހްރުކް އަންނަ މަހު ރިލީޒްވާ އޭނާގެ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" އާއި އަނަންދްގެ ފިލްމުގެ ޝޫޓިން އެކުގައި ކުރިއަށް ގެންދާނެ އެވެ.