ދުނިޔެ

ބެލިސްޓިކް މިސައިލްގެ ފަރިތަކުރުމެއް އެމެރިކާއާއި ދެކުނުކޮރެއާއިން ބާއްވައިފި

Jul 5, 2017

އުތުރު ކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އެއް ޓެސްޓްކުރި ދަނޑިވަޅާ ދިމާކޮށް އެ ބާވަތުގެ މިސައިލްތައް އުދުއްސުމުގެ ފަރިތަކުރުންތަކެއް އެ ގައުމުގެ ހަތުރުން ކަމަށްވާ އެމެރިކާއި ދެކުނު ކޮރެއާއިން ބާއްވައިފި އެވެ.

ބީބީސީން މިއަދު ބުނީ އެމެރިކާއާއި ދެކުނު ކޮރެއާއިން ބޭއްވި ފަރިތަކުރުންތަކުގައި މިސައިލްތައް ފޮނުވާލީ ޖަޕާނު ކަނޑަށް ކަމަށެވެ. އުތުރު ކޮރެއާއިން ހޯމަދުވަހު ޓެސްޓްކުރި މިސައިލް ވެސް ފޮނުވާލީ އެސަރަހައްދަށެވެ. ފަރިތަކުރުންތަކަކަށް ފަހު އެ ދެ ގަައުމުން ބުނީ "ހަތިޔާރު ބޭނުން ކުރުމާއި ހަނގުރާމައާ ދެމެދު އޮތް ހަމަ އެކަނި ހުރަހަކީ" އަމިއްލައަށް ގެންގުޅޭ ކެތްތެރިކަން ކަަމަށެވެ. އަދި އެކަން ކޮންމެ ވަގުތެއްގައި ވެސް ބަދަލުވެދާނެ ކަމަށް ބުނެ، ދެގައުމުން ވަނީ އުތުރުކޮރެއާއަށް އިންޒާރުކޮށްފަ އެވެ.

"އުތުރުކޮރެއާއިން އެހެން އެނޫން ގޮތަކަށް ވިސްނުން ވާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށް،" އެމެރިކާއާއި ދެކުނު ކޮރެއާއިން ބުނެފައި ވެެއެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން ވިދާޅުވީ ފަރިތަކުރުންތަކުގެ ބޭނުމަކީ އެގައުމުގެ ދިފާއީ ފެންވަރު އަމަލީ ގޮތުން ދައްކައިލުން ކަމަށެވެ. ދެކުނު ކޮރެއާއާއި އެމެރިކާއިންް މިފަދަ ރައްދެއް ދީފައި މިވަނީ އުތުރުން ކުރި ބެލިސްޓިކް މިސައިލް ޓެސްޓް ކާމިޔާބު ވުމުންނެވެ.
އެ ގައުމުން ކުރިން ޓެސްޓް ކުރި ބެލިސްޓިކް މިސައިލް ވެސް ފޮނުވާލާފައި ވަނީ ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަށެވެ.

ރޮއިޓާސް ބުނީ އުތުރު ކޮރެއާއިން ފޮނުވައިލި ބެލިސްޓިކް މިސައިލް އުދުއްސާލީ އެ ގައުމުގެ ހުޅަނގު ސަރަހައްދުން ކަމަށެވެ. އަދި ބުނީ ގާތްގަނޑަކަށް 40 މިނެޓް ވަންދެން އުދުހުމަށް ފަހު އެ މިސައިލް ވެއްޓުނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ކަމަށެވެ. ޖަޕާނު ސަރުކާރުން ބުނީ އުތުރު ކޮރެއާގެ އެ އަމަލަކީ އުުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން ފާސްކޮށްފައިވާ ގަރާރުތަކާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ސީފްސް އޮފް ސްޓާފްގެ އޮފީހުން އިއްޔެ ބުނީ އުތުރުން ފޮނުވައިލި މިސައިލް ގާތްގަނޑަކަށް 580 މޭލުގެ ރާސްތާއަކަށް ދަތުރުކުރި ކަމަށެވެ. އަދި ބުނީ އެ މިސައިލް އެރީ ކިހާ މައްޗަކަށްތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންއާ އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނީ އުތުރު ކޮރެއާއިން ނިއުކްލިއަ ބާރު ކަނޑުވައިލަން ގުޅިގެން މަސައްކަތް ކުރަން ދެގައުމުން ވެފައިވާ ވައުދު އެ ދެބޭފުޅުން އާ ކުރެއްވި ކަމަށެވެ. އަދި ބުނީ އެމެރިކާގެ ވިޔަފާރީގެ ބައިވެރިންނާއި އެގައުމާ ދެމެދު އޮންނަ ގުޅުން ހަމަހަމަކޮށް ގެންދަވަން މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ޝީއާ ދެއްކެވި ވާހަކަފުޅުގައި ތަކުރާރުކުރެއްވި ކަމަށެވެ.

ޗައިނާގެ ރައީސާ ޓްރަމްޕް ވާހަކަފުޅު ދެއްކެވި ނަމަވެސް އުތުރުކޮރެއާގެ ނިއުކްލިއަ މަަސައްކަތްތައް ހުއްޓުވުމުގައި ޗައިނާ ނާކިޔާބު ވަމުން ދާތީ އެކަމުގެ ހިތް ހަމަ ނުޖެހުން އެމެރިކާއިން ދަނީ ވަރަށް ބޮޑަށް ފާޅުކުރަމުންނެވެ. ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ޗައިނާއިން ކުރާ ދައުވާއަށް ގޮން ޖެހުން އެމެރިކާއިން އިތުރުކޮށްފައި ވަނީ އެހެންވެ ކަމަށް ބެލެވެ އެވެ.