ހަބަރު

އަދީބަށް ރައްކާތެރިކަން ދޭން ހުރިހާ ފިޔަވަޅެއް ވަނީ އަޅާފައި: ފުލުހުން

ޖިނާއި ބޮޑެތި މައްސަލަތަކުގައި 33 އަހަރަށް ޖަލު ހުކުމް އައިސްފައިވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދޭން ޖެހޭ ހުރިހާ ރައްކާތެރިކަމެއް ދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އަދީބު ދޫނިދޫ ގޮޅީގައި އޮތްވާ އޭނާ މަރާލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަދީބުގެ ސެކިއުރިޓީއަށް ކުރަން ޖެހޭ ކަންކަންކޮށް މިހާރު ވެސް އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ސޯޝަލް މީޑިއާ ތެރޭގައި އަދީބު މަރާލަން އުޅޭ ކަމުގެ ވާހަކައެއް ފެތުރިފައިވީ ނަމަވެސް އޭނައަށް ދޭން ޖެހޭ ރައްކާތެރިކަން ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި މިވަގުތު ހުރީމަ އަދީބުގެ ކަންކަމުގައި ދޭން ޖެހޭ ރައްކާތެރިކަން ދޭނަން. މިހާރު ވެސް މި އަންނަނީ ސަލާމަތީ ކަންކަން ޔަގީން ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން،" ޝިފާން ވިދާޅުވި އެވެ.

އަދީބު މަރާލަން އުޅޭ ވާހަކަ ފެތުރިފައިވާ އިރު ދޫނިދޫ އަދީބު އޮންނަވާ ކަމަށް ބުނާ ފޮޓޮއެއް ވެސް ވަނީ އާންމުވެފަ އެވެ. އަދި އެ ފޮޓޯ އާންމުވީ ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.