ހަބަރު

ރައީސަށް ތާއީދު އޮތްކަން ހާމަކުރަން ޒުވާނުންތަކެއް އެއްވެއްޖެ

ޒުވާނުންތަކެއް ހެންވޭރު ކާނިވަލު ސަރަހައްދުގައި ހަރަކާތެއް ބާއްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެ މީހުންގެ ތާއީދު އޮތް ކަން ދައްކާލައިފި އެވެ. މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު ފެށި މި ހަރަކާތުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މި ހަރަކާތުގައި ބައިވެރިވި ޒުވާނުން ވަނީ ރައީސް ޔާމީން އެ މަނިކުފާނުގެ ދައުރުގައި މިހާރަނަށް ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްގީއާ ބެހޭ ގޮތުން އެ ފަރާތްތައް ދެކޭ ގޮތާ މެދު ޝުއޫރުތައް ފާޅުކޮށްފަ އެވެ. އޭގެ އިތުރުން މިނިސްޓަރު ޝައިނީ ވެސް ވަނީ ޒުވާނުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރި ނަމަވެސް ޒުވާނުންގެ ތާއީދު އަބަދުވެސް އޮންނާނީ ރައީސް ޔާމީނާއެކުގައި ކަމަށާއި ޒުވާނުން ތަރައްގީއާއެކު އަމާން ބަނދަރަކަށް ގެންގޮސް ދިނުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށެވެ.

"ޒުވާނުންނަށް ކޮށްދޭން ބޭނުންވާ ހުރިހާ ކަންތަކެއް އަޅުގަނޑުމެންނަށް ކޮށްދެވޭނެ. މިހާރު ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާ މެދު ވެސް ވިސްނާލަން ޖެހޭނެ. ލާދީނީ އެއްވެސް ފަރާތަކުން ރާއްޖޭގެ ވެރިކަމަށް އަޔަ ދީގެން ނުވާނެ. މިހާރު މި ތާއީދާއެކު 2018 ވެސް ކާމިޔާބު ކުރާނަން،" ޝައިނީ ވިދާޅުވި އެވެ.

ގަޑިއެއްހާ އިރަށް ކުރިޔަށް ދިޔަ މި ހަރަކާތުގައި ޝައިނީ ފިޔަވާ އެހެން ސަރުކާރަކުގެ އިސް ބޭފުޅަކު ބައިވެރިއެއް ނުވެ އެވެ.