ޓީވީ ތަރި މޯނީ ރޯއި އަކްޝޭ ކުމާރާއެކު "ގޯލްޑް" އިން ބޮލީވުޑަށް ތައާރަފުވާނެ އެވެ. އެ ފިލްމުގެ ޝޫޓިން ފެށި ނަމަވެސް މޯނީ އެ ފިލްމުގެ މަންޒަރުތައް އަދި ނަގާކަށް ނުފަށަ އެވެ.
ކާމިޔާބު ގިނަ ޓީވީ ޑްރާމާތަކެއް ކުޅެފައިވާ މޯނީގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ "ގޯލްޑް" ނަމަވެސް އެ ފިލްމުގައި އޭނާ ނަގަން ޖެހޭ މަންޒަރުތައް ނަގަން ފެށުމުން ކުރިން ދެވަނަ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށްވެ އެވެ.
މިފަހަކަށް އައިސް ބައެއް ތަރިން ބޮލީވުޑަށް ނެރެމުން އަންނަ ސުޕަސްޓާ ސަލްމާން ޚާންގެ ޕްރޮޑަކްޝަން ހައުސް، ސަލްމާން ޚާން ފިލްމްސް އިން އުފައްދާ ފިލްމެއްގެ ބަތަލާގެ ރޯލު މޯނީ އަށް ވަނީ ހުށަހަޅާފަ އެވެ.
"ރާތް ބާކީ" ނަމަކަށް ކިޔާ އެ ފިލްމަކީ ސަލްމާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަ ފިލްމެވެ.
ފަރްހާން އަހަތަރާއި ރިތޭޝް ސިދްވާނީ އުފައްދާ "ގޯލްޑް" އިން މޯނީ ބޮލީވުޑަށް ނިކުތް ނަމަވެސް ސަލްމާން ވަރަށް ކުރިން ވަނީ އޭނާގެ ބެލުމުގެ ދަށުން މޯނީ ބޮލީވުޑަށް ނެރޭނެ ކަމުގެ އިޝާރާތްތައް ދީފަ އެވެ.
އެކި ފަހަރުމަތިން ސަލްމާން ވަނީ އެކްޓަރެއްގެ ގޮތުގައި އޭނާ އަށް މޯނީ ވަރަށް ކަމުދާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ސަލްމާން އުފައްދާ ފިލްމަކުން އޭނާ އަށް ފުރުސަތު ލިބޭނެ ކަމަށް މާކުރިން ވެސް އޮތީ ބެލެވިފަ އެވެ
ސަލްމާން ވަނީ އޭނާ ބަތަލާ ސޮނާކްޝީ ސިންހާ "ދަބަންގް" އިން ބޮލީވުޑަށް ނެރުނުއިރު އޭނާގެ ފާރަތުން ފެނިގެންދިޔަ ކަހަލަ ޖާދޫލެއް މޮނީގެ ފަރާތުން ފެނިގެންދާ ކަމަށް ބުނެފަ އެވެ. އަދި މޮނީގެ ހުންނަ އިންޑިއާ ވަންތަ ސިފަޔަކީ ސަލްމާނަށް އޭނާގެ ފަރާތުން އެންމެ ކަމުދިޔަ އެއް ސިފަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެގޮތުން ސަލްމާން ވަނީ އާޔުޝް ބޮލީވުޑަށް ނެރޭ ފިލްމުގެ ބަތަލާގެ ރޯލު މޯނީ ލައްވާ ކުޅުންވަން ނިންމާފަ އެވެ.
ބޮލީވުޑްގެ އިތުރު ހަބަރުތައް ބުނާގޮތުން "ރާތް ބާކީ" އިން މޮނީ ފެނިގެންނުދާނަމަ ސަލްމާންގެ "ދަބަންގް 3" ގެ ދެވަނަ ބަތަލާގެ ރޯލުން އޭނާ ފެނިގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ.
އާޔުޝް އާއެކު ސަލްމާން އުފައްދާ "ރާތް ބާކީ" ފެނިގެންދާނެކަން ނުވަތަ ނޫންކަން މޯނީ ވެސް އަދި ސަލްމާންގެ ފަރާތުން ވެސް އަދި ޔަގީންކޮށްދީފައެއްނުވެ އެވެ.
"ރާތް ބާކީ" އަކީ ކުރިން ކަރަން ޖޯހަރު އުފައްދަން އުޅުނު ފިލްމެކެވެ. ބަތަލާ ކެޓްރީނާ ކައިފާއި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން ލީޑްރޯލުގައި ހިމަނައިގެން އެ ފިލްމު އުފައްދަން ނިންމި ނަމަވެސް ޕާކިސްތާނުގެ އެކްޓަރުންނަށް ބޮލީވުޑްގައި ހަރަކާތްތެރިނުވެވޭ ގޮތަށް ނިންމުމުން މި ފިލްމުގެ މަސައްކަތް އޮތިީ މަޑުޖެހިފަ އެވެ.
ފަހުން ކަރަން އަތުން މި ފިލްމު އުފެއްދުމުގެ ރައިޓްސް ސަލްމާން ގަތީ ކަމަށްވެ އެވެ.