ދުނިޔެ

ސޫރިޔާގައި އުދުހުން މަނާ ސަރަހައްދެއް ގާއިމް ކުރާނަން: އެމެރިކާ

ހަނގުރާމަ ހިނގާތާ ހަ އަހަރު ވެފައިވާ ސޫރިޔާއަށް ހަމަ ޖެހުން ގެނައުމަަށް މަޝްވަރާ ކުރަން ތައްޔާރުވެފައިވާ ކަަމަށާއި އުދުހުން މަނާ ސަރަހައްދެއް ގާއިމް ކުރަން ވެސް މަޝްވަރާ ކުރާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ބުދަދުވަހު ވިދާޅުވީ ބިމުގެ ހަމަލާ ބަދަލުކުރުން ހުއްޓުވައި އެކަން ބަލަހައްޓުމާއި ސޫރިޔާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތް ކުރަން ރަޝިޔާއާ މަޝްވަރާ ކުރަން އެމެރިކާއިން ބޭނުންވާ ކަމަށެވެ.

" އަހަރެމެން ދެގައުމުން ގުޅިގެން ހަމަޖެހުން ގާއިމް ކުރަން މަސައްކަތް ކޮށްފި ނަމަ ކުރިމަގުގައި ސޫރިޔާއަށް ސިޔާސީ ހަމަޖެހުން ގާއިމް ކުރުމުގައި ކުރިއެރުން ހޯދުމަަށް ބިންގަލެއް އެޅޭނެ،" މިހަފްތާގައި ބާއްވާ ޖީ20 ސަމިޓްގެ ކުރިން ނެރުއްވި ބަޔާނެއްގައި ޓިލާސަން ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަަރުގައި ވެއެވެ.

ޓިލާސަންގެ ބަޔާނުގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވާހަކަ އެއްގޮތަކަށް ވެސް ބަޔާންކޮށްފައެއް ނުވެއެވެ. ސޫރިޔާ ހަނގުރާމައިގެ ޒިންމާ އެމެރިކާއިން ކުރިއްސުރެ އަޅުވާފައި ވަނީ އަސަދުގެ ބޮލުގައެވެ. އަދި އޭނާ މަގާމުން ދުރުވެވަޑައިގަތުމަށް އެމެރިކާއިން ދަނީ ގޮވައިލަމުންނެވެ.

އަސަދުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރުން ހުއްޓުވުމުގައި ރަޝިޔާގެ ޒިންމާއެއް އެބަ އޮތް ކަމަށް ވެސް ޓިލާސަންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ސޫރިޔާގައި އެންމެ ފަހުން ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެގައުމުގެ ސިފައިންގެ މަރުކަޒަކަށް އެމެރިކާއިން ބޮން އެޅިއެވެ. އަސަދުގެ ސަރުކާރުން އޭރު ބުނެފައި ވަނީ ކެމިކަލް ހަމަލާ ދިނީ އެމީހުން ނޫން ކަމަށެވެ.

ޖަރުމަނުގެ ހަމްބާގްގައި ހުކުރު ދުވަހު ފަށާ ޖީ ޓްވެންޓީ ސަމިޓްގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާނެ ކަަމަށް ވަނީ ބެލެވިފައެވެ. ޓިލާސަން ވިދާޅުވެފައި ވަަނީ އެފަދަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވާނެ އެއް ކަމަކަށް ވާނީ ސޫރިޔާގެ މައްސަލަ ކަމަށެވެ.
ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި މިދިޔަ ޖޫން މަހު އެކަނިވެސް 2280 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް އެހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ޖަމާއަތަކުން ބުނެފިއެވެ.

ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް) އިން ބުނީ ޖޫންމަހު ޖުމްލަ 2282 މީހުން މަރުވި އިރު އޭގެ ތެރެއިން 740 މީހުންނަކީ އާއްމުން ކަމަށެވެ. އޭގެ ތެރޭގައި 265 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.

އެސްއޯއެޗްއާރްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސޫރިޔާ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ރަޝިޔާ ސިފައިންގެ މަތިންދާބޯޓްތަކާއި ހެލިކޮޕްޓަރުތަކުން އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 151 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 40 ކުޑަކުދިންނާއި 28 އަންހެނުން ހިމެނެއެވެ. ސޫރިޔާ ސަރުކާރު ސިފައިން ރޮކެޓާއި ބޮޑުބަޑިން ދިން ހަމަލާތަކުގައި 43 މީހުން މަރުވި އިރު އޭގެ ތެރޭގައި 15 ކުޑަކުދިންްނާއި ތިން އަހެނުން ހިމެނެއެވެ.

ސޫރިޔާ ހަނގުރާމައިގައި ޖޫންމަހު މަރުވި މީހުންގެ ތެރެއިން 290 މީހަކު މަރުވެފައި ވަނީ އިސްލާމިކް ސްޓޭޓް ( އައިއެސް)އާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދައިގެން އުޅޭ އިއްތިހާދުގެ މަތިންދާބޯޓްތަކުން ދިން ވައިގެ ހަމަލާތަކުގައެވެ. އެހަމަލާތަކުގައި މަރުވިމީހުންގެ ތެރޭގައި 46 ކުޑަކުދިންނާއި 43 އަންހެނުން ހިމެނެއެވެ.

މަރުވިމީހުންގެ ތެރޭގައި ސޫރިޔާގެ ޖަލުތަކުގައި ދިން ލާއިންސާނީ އަނިޔާތައް ދީގެން މަރައިލި 12 މީހަކާއި ސޫރިޔާ ސަރުކާރާ ދެކޮޅު ބައެއް ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކުގައި މަރުވި 12 މީހަކު ހިމެނެއެވެ.

އެސްއޯއެޗްއާރް އިން ޖޫން މަހު ރެކޯޑްކޮށްފައިވާ 2283 މަރުގެ ތެރޭގައި އިސްލާމިކް ސްޓޭޓް އައިއެސް އިން މަރުގެ އަދަބު ދިން 31 މީހަކު ހިމެނެއެވެ. އެމީހުންގެ ތެރޭގައި އަންހެނަކު ނުވަތަ ކުޑަކުއްޖަކު ހިމެނޭ ކަމަކަށް އެޖަމާއަތަކުން ނުބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި ސޫރިޔާ ސިފައިންގެ 205 މީހަކު ހިމެނޭ އިރު އެމީހުންނަށް ވާގިވެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲގެ 32 މީހަކު ހިމެނެއެވެ.

މަރުވި މީހުންގެ ތެރެއިން 479 މީހުންނަކީ އިސްލާމިކް ސްޓޭޓް ( އައިއެސް) އާއި ހަނގުރާމަވެރި އެހެން ދެ ޖަމާއަތެއްގެ ހަނގުރާމަވެރިންނެވެ.

ސޫރިޔާ ހަނގުރާމައަށް ހަ އަހަރު ވެފައި ވާއިރު އެ ހަނގުރާމައިގައި ބައިމިލިޔަނަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިޔަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަހުލީ ހަނގުރާމައެއްގެ ގޮތުގައި ފެށުނު އެހނގުރާމައިގައި މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއް ވަނީ ޝާމިލުވެފައެވެ. އެގޮތުން އެހަނގުރާމައިފައި ސީދާ ގޮތުން ޝާމިލުވެފަައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާއައި ރަޝިޔާ އާއި ތުރުކީއާއި އީރާނު ހިމެނެއެވެ.