- ޖުމުލަ 40،000 ހައުސިން ޔުނިޓު ކުރިއަށް
- ކުރިން އެކަށީގެންވާ ވަރަށް ފްލެޓެއް ނޭޅޭ
- ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ގިނަ ފްލެޓް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން ގެންދާ 7،000 ފްލެޓުގެ މަސައްކަތް އަންނަ އަހަރު ނިންމާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" ހުޅުއްވައި ދެއްވަމުން އިމާރާތް ކުރުމާ ބެހޭ މިނިސްޓަރު މުއިއްޒު ވިދާޅުވީ ސޯޝަލް ހައުސިންގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރާ 7،000 ފްލެޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާ، އެކަމަށް ބޭނުންވާ ފައިނޭންސް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"ހަތްހާސް ފްލެޓުގެ ފައުންޑޭޝަން މަސައްކަތް ވަނީ ނިމިފަ. މިހާރު އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި އިޖުތިމާއީ ބޯހިޔާވަހިކަންގެ މަޝްރޫއަކީ 7،000 ހައުސިން ޔުނިޓު އެޅުން. މިހާރު 2،000 ހައުސިން ޔުނިޓުގައި ދިރިއުޅެނީ. މި ޔުނިޓުތައް އަޅަން މިވަނީ އަމަލީ ގޮތުން މޮބިލައިޒް ކުރެވި. ލޯން އެގްރީމެންޓްގައި ސޮއިކުރުމާ ހަމާގަ ވަނީ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު މި 7،000 ހައުސިން ޔުނިޓަށް ވަންނާނެ މީހުން ކަނޑައަޅާނެ ކަމަށެވެ.
"މީގެ އިތުރުން އެތަށް މަޝްރޫއެއް ކުރިއަށް ގެންދޭ. ޖުމްލަ ގާތްގަނޑަކަށް 40،000 ހައުސިން ޔުނިޓުގެ މަޝްރޫއު ކުރިއަށްދާނެ. މީގެތެރޭގައި އަތޮޅު ތެރޭގެ ގިނަ ރަށްތަކެއް ވެސް ހިމެނޭ. މިހާތަނަށް އަމަލީ މަސައްކަތް ނިމިފައި އެތަށް ސަތޭކަ ހައުސިން ޔުނިޓުތަކެއް އައްޑޫ އާއި ފުވައްމުލަކުގައި ވެސް އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ހުޅުމާލޭގައި އެކަށީގެންވާ މިންވަރަށް ގެދޮރު ހެދިފައިނެތް ކަމަށާ އެތަނުގައި މީހުން ދިރިއުޅެނީ ގާތްގަނޑަކަށް 2،400 ހައުސިން ޔުނިޓްގައި ކަމަށެވެ.
"ރައީސް ޔާމީންގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ދެވަނަ ފިޔަވައްސެއް ހިއްކައި ހުޅުމާލެ ޔޫތު ސިޓީގެ ގޮތުގައި 240 އެއްހާ ހެކްޓަރު ވަނީ ހިއްކާފަ،" މުއިއްޒު ވިދާޅުވި އެވެ.