މި އަހަރަކީ ގިނަ އެކްޓަރުންގެ ދަރިން ބޮލީވުޑަށް ތައާރަފުވާނެ އަހަރެެކެވެ. އޭގެ ތެރޭގައި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އާއި ސްރީދޭވީގެ ދަރިފުޅު ޖާންވީ ހިމެނެ އެވެ.
ސާރާ އާއި ޖާންވީ އަށް ދޫނުކުރާނެވަރުގެ އިތުރު ކުއްޖުކު ވެސް ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަ ކަމަށްވެ އެވެ. ހެއްވާ މަޖާ ރޯލކުތަކުން ފެނިގެން ގޮސްފައިވާ ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޓައިގާ ޝްރޮފާ އެކު ފެނިގެންދާނެ އެވެ.
ކަރަން ޑައިރެކްޓްކޮށް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ މި ފިލްމު އިއުލާންކޮށްފައި އޮންނަތާ ވަރަށް ދުވަސްވެފައީ ނަމަވެސް ފިލްމުގެ ތަރިންގެ ތެރެއިން ޔަގީންވާ އެކްޓަރަކީ ޓައިގާ އެވެ.
ޓައިގާ އާއެކު ދެ ބަތަލާއިން ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ އެއް ބަތަލާ އަކަށް އަނަންޔާ ހަމަޖައްސަން ކަރަން ނިންމާފައިވާއިރު ދެވަނަ ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު އަދި ނޭނގެ އެވެ.
ކުރިން އަޑުތައް އަރާފައިވާ ގޮތުން ސާރާ އާއި ޖާންވީ އަދި ދިޝާ ޕަޓާނީ އަށް ވެސް މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހަޅާފަ އެވެ. ނަމަވެސް މިއިން އެެއްވެސް ތަރިއަކު މި ފިލްމުން ފެނިގެންނުދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އުމުރުން 18 އަހަރުގެ އަނަންޔާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަކަން އޭނާގެ ބައްޕަ ޗަންކީ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މީގެ ދެމަހެއްހާ ދުވަސްކުރިން ކޮލެޖުން ގްރެޖުއޭޓްވި އަނަންޔާ އަކީ އިންސްޓަގްރާމްގައި ވަރަށް އެކްޓިވްކޮށް އުޅޭ ކުއްޖަކެވެ. އޭނާގެ އިންސްޓަގްރާމް ފީޑަށް ބަލާލުމުން ވެސް ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަކަން އިނގެ އެވެ. އެގޮތުން ސެލެބްރިޓީ ފިޓްނަސް ޓްރެއިނަރު ޔާސްމީން ކަރާޗީވާލާ ކައިރިން އަންނަނީ ތަމްރީނުތައް ހަދަމުންނެވެ.
ދެހާސް ބާރަ ވަނަ އަހަރު ކަރަން އުފެއްދި މި ސިލްސިލާގެ ފުރަތަމަ ފިލްމު، "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ވަނީ މިހާރު އެންމެ ހުނަރުވެރި ޒުވާން ތިން އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ ތައާރަފުވެފަ އެވެ.