ކުޅިވަރު

މޮރާޓާ ޔުނައިޓަޑަށް ބަދަލުވާން ފިޔަވަޅަކާ ގާތަށް

Jul 6, 2017

ރެއާލް މެޑްޑިރްގެ ސްޓައިކަ އަލްވަރޯ މޮރާޓާ، މެންޗެސްޓާ ޔުނައިޓަޑަށް ގެންދިއުމުގެ މަސައްކަތް ފިޔަވަޅާކާ ގަތަށް ޖެހިލައިފަ އެވެ. ރެއާލުން މޮރާޓާ ޔުނައިޓަޑަށް ދޫކޮށްލުމަށް، ހުރަހަކަށް އޮތީ އެންމެ ފަސް މިލިއަން ޔޫރޯގެ ތަފާތެކެވެ.

ޔުވެންޓަސްގައި ހުއްޓައި މިދިޔަ ސީޒަން ފެށުމުގެ ކުރިން، އަލުން ރެއާލް އަށް ގެނައި މޮރާޓާ ޔުނައިޓަޑަށް ދޫކޮށްލަން، ރެއާލްއިން އެއްބަސް ވަނީ 80 މިލިއަން ޔޫރޯ އަށެވެ. ޔުނައިޓަޑުން މިހާރު ހުށަހަޅާފައި ވަނީ 75 މިލިއަން ޔޫރޯ އެވެ.

ސްޕެއިންގެ މާސާއިން ބުނެފައި ވަނީ، މޮރާޓާ ލައްވައި ސޮއި ކުރުވުމަށް ރެއާލުން ބުނާ އަގު، ޔުނައިޓަޑުން ދޭނެ ކަމަށެވެ. ނުވަތަ، ރެއާލް އާއި ޔުނައިޓަޑާ ދެމެދު ވާހަކަ ދެކެވިގެން، އިތުރު ގޮތަކަށް އެއްބަސްވެ، މޮރާޓާ ގެ ސޮއި ޔުނައިޓަޑް ލިބުމަކީ ވަރަށް ގާތުގައި އޮތް ކަމަކެވެ. އަދި މިވަގުތު ޗުއްޓީގެ ދުވަސްތައް ހޭދަ ކުރަމުން އަންނަ މޮރާޓާ ކުރިއަށް ދުވަސްތަކުގައި ޔުނައިޓަޑްގެ ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މާސާއިން ބުނެ އެވެ.

ޔުނައިޓަޑުން ވަނީ، ރެއާލްގެ ހަމޭސް ރޮޑްރިގޭޒްއަށްވެސް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ނަމަވެސް، ރެއާލުން ބުނެފައި ވަނީ، ހަމޭސް އަށް އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާ ކަމަށެވެ.

ރެއާލްގެ ކޮންޓްރެކްޓް ހަމަވުމުން، ޕެޕޭ ވަނީ، ފްރީ ޓްރާންސްފާ އެއްގައި ތުރުކީގެ ބެސިކްޓަސްއަށް ބަދަލުވެފައެވެ. ރެއާލުއިން ކުރިން އޮތީ، ޕެޕޭ އަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހުށަހަޅަން ތައްޔާރު ވެގެންނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ، ދެ އަހަރުގެ ކޮންޓްރެކްޓެއް ޕެޕޭ ބޭނުންވުމުން ނެވެ.