ނެޝަނަލް އެވޯޑް ލިބިފައިވާ މަޝްހޫރު ކޮރިއޮގްރާފާ ގަނޭޝް އަޗާރިޔާ ވަނީ މަޝްހޫރު އެތަކެއް އެކްޓަރުންނެއް އޭނާގެ ފަރި ހަރަކާތްތަކަށް ނައްޓުވާފަ އެވެ.
އުމުރުން 13 އަހަރުގައި ކޮރިއޮގްރާފަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށި ގަނޭޝް އެންމެ ފުރަތަމަ ފިލްމަކަށް ކޮރިއޮގްރާފްކޮށްދީފައިވަނީ 2000 ވަނަ އަަހަރު އެވެ. މިހާތަނަށް އެތަކެއް ސަތޭކަ ލަވަ ކޮރިއޮގްރާފްކޮށްދީފައިިވާ ގަނޭޝް ހުންނަލެއް ފަލަ ކަމުން އޭނާ އަކީ މޮޅަށް ނަށާ ނެށުންތެރިއެކޭ ބުނުމުން ގިނަ މީހުން ގަބޫލެއް ވެސް ނުކުރާނެ އެވެ.
މާބޮޑަށް ފަލަކަމަށް ބުނެ އެތަކެއް ބަޔަކު ގަނޭޝް އަށް ވަނީ މީގެ ކުރިން މަލާމާތްވެސް ކޮށްފަ އެވެ. ގާތްގަނޑަކަށް ބަރުދަނުގައި 200 ކިލޯ ހުރި ގަނޭޝް މިވަނީ ބެލުންތެރިން ހައިރާންކޮށްލާވަރަށް ހިއްކާލާފަ އެވެ. ކުރިން ބޮޑު ބަނޑަކާއެކު ހުރި ބިޔަ ހަށިގަނޑުގެ ދެގުނަ ދުއްވާލައި އާޝޯހުކުރުވާފަ އެވެ.
އިއްޔެއިން ފެށިގެން ގަނޭޝް ހިކިފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާ އާއި ބޮލީވުޑްގެ ނޫސްތަކުގައި ދައުރުވަމުން އަންނައިރުު، އޭނާ މިހާރު ހުރި ވަރު ފެނުމުން އެއީ ގަނޭޝް ކަމަށް ފަހަރުގައި ގަބޫލުވެސް ނުކޮށްފާނެ އެވެ. އެހާ ވެސް ހިކިފައި އޭނާގެ ގައިގައި ޒުވާން ވައްތަރު ޖަހާތީ އެވެ.
އުމުރުން 46 އަހަރުގެ ގަނޭޝް ކުރިން ހުރިލެއް ފަލަކަމުން އޭނާ ބަލާބެލުމަށް ހީވަނީ އުމުރުން އެއަށްވުރެން ވެސް ދޮށިހެނެވެ.
ފާޑުކިޔަމުން ދިޔަ ފަރާތްތަކާއި މީޑިއާގެ ލޯތަކަށް ފިލައިގެން ހުރެ ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ގަނޭޝް ވަނީ ބަރުދަނުން 85 ކިލޯ ހިއްކާލާފަ އެވެ.
ބަރުދަނުން އެހާ ބޮޑުތަން ހިއްކާލައި، އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ގަނޭޝް ވަނީ ބަރުދަން ލުއިކުރުމަކީ އޭނާ ކުރިމަތިލި ވަރަށް އުނދަގޫ ދަތުރެއް ކަމަށާއި ނަމަވެސް އެކަން އޭނާ ހާސިލްކޮށްފި ކަމަށެވެ.
ފާޑުކިޔަމުން ދިޔަ ފަރާތްތަަކަށް އޭނާ މުޅިން އެހެން ސިފައެއްގައި ދައްކާލުމުގެ އަޒުމުގައި ބަރުދަން ލުއިކުރަން ފަށައި، މިހާރު މީހުނަށް އޭނާ މުޅިން އެހެން ގޮތަކަށް ދައްކާލާފައިވާ ކަމަށް ގަނޭޝް ވަނީ ބުނެފަ އެވެ.
"މިއީ އެއްވެސް ގޮތަކަށް ފަސޭހަ ކަމެއް ނޫން. ބަރުދަން ލުއިކޮށް ހަށިގަނޑު ރީތިކުރަން މަސައްކަތްކުރަމުން އަންނަނީ ފާއިތުވި ދޮޅު އަހަރުން ފެށިގެން. ބަރުދަން ލުއިކުރަން އިތުރަށް އުނދަގޫވީ 2015 އަހަރުު ކުޅުނު ފިލްމު "ހޭ ބްރޯ" އަށް ސާޅީހަކަށް ކިލޯ ބަރުކުރަން ޖެހުމުން ބަރުދަން 200 ކިލޯ އަށް އެރީ. އެހެންވެ މިކަންވި ވަރަށް އުނދަގޫ ކަމަކަށް. ހިކެން އެންމެ ބޮޑު ހިތްވަރެއް ލިބުނީ މީހުން ކިޔަމުން ދިޔަ ފާޑުކިޔުންތަކުން. އަބަދުވެސް މީހުންނަށް އަހަރެން ފެނުނީ ފަލަކޮށް ހުއްޓާ. ބަދަލުވެފަ ދައްކާލަން ބޭނުންވީ. މިހާރު 85 ކިލޯ ހިއްކާލައިފިން" ހިކުނު ގޮތާ ބެހޭގޮތުން ގަނޭޝް ބުނެފައިވެ އެވެ."
"ބާގް މިއްކާ ބާގް" ގެ ލަވަ މަސްތޯކާ ޖުންދްއިން ނެޝަނަލް އެވޯޑް ލިބުނު ގަނޭޝް ސިފަކުރާ ގޮތުގައި ބަރުދަން ލުއިވުމުން ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. ފަލަކޮށް ހުރެ ހެލިފެލިވެ އުޅެން އުނދަގޫ ނަމަވެސް ގަނޭޝް އޭރުވެސް ނަށަ އެވެ. އެކަމަކު އޭރު ގައިގަ އެހާ ހަކަތަ ނުހުން ކަމަށާއި ހިކުމުން ކުރިން ނުހުންނަ ވަރަށް ބުންވަރު ރަނގަޅުވެ، ނެށުމުގައި އޭނާގެ ހަކަތަ ދެގުނަ އިތުރަށް މިހާރު ފެންނަ ކަމަށް ވަނީ ބުނެފަ އެވެ.
ކެޓްރިނާގެ "ޗިކްނީ ޗަމޭލީ" އާއި ގޯވިންދާގެ ސަޅި ޑާންސް ސްޓެޕްތަކަކީ ހައްތަހާ ވެސް ގަނޭޝްގެ އުފެއްދުމުވެ. ބަރުދަނުން ބޮޑު ތަނެއް ލުއިކޮށް ބެލުންތެރިން ހައިރާންކޮށްލައި ގަނޭޝް މިވަނީ ހިކެން ބޭނުންވާ މީހުންގެ އެންމެ ބޮޑު އެއް އިންސްޕިރޭޝަނަށް ވެފަ އެވެ.
އަދިވެސް ބަރުދަން ލުއިކޮށް ފިޓް މީހަކަށްވާން ކުރަމުން އަންނަ ދަތުރު ހުއްޓާނުލާނެ ކަމަށް ބުނަމުން ގަނޭޝް ވަނީ އޭނާ ހިކުނު ގޮތުގެ ވީޑިއޯ ވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ބުނެފަ އެވެ.
ގަނޭޝްގެ އިންސްޓަގްރާމް ބަލާލުމުން ވެސް ހިކެން އޭނާ ކުރި ބުރަ މަސައްކަތް އެނގިގެންދެ އެވެ.
ބޮލީވުޑްގެ ގިނަ ސިގްނޭޗާ ޑާންސް މޫވްސްތަކުގެ ބާނީ ގަނޭޝް ވަނީ ބައެއް ފިލްމުތަކުގެ އެކްޓަރެއްގެ ގޮތުގައި ވެސް ފެނިގެން ގޮސްފަ އެވެ. އޭގެތެރޭގައި ޑާންސް ފިލްމު 'އޭބީސީޑީ" ހިމެނެ އެވެ. އޭނާ މިހާރު އަންނަނީ މަރާޓީ ފިލްމެއް ޑައިރެކްޓް ވެސް ކުރަމުންނެވެ.