ކުޅިވަރު

13 އަހަރަށް ފަހު ޓީނޭޖް "ކޮޅަށް ޖެހީ" މި ދެބެއިން

ނިމިދިޔަ ފިތުރު އީދަ ގުޅިގެން ކުރިއަށް ގެންދިޔަ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖް ހޯދުމުގައި، މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިންގެ، ތެރެއިން މުހިންމު ދެކުޅުންތެރިޔަކީ، ޔުނައިޓަޑް ވިކްޓަރީގެ ފުޓްބޯޅަ ޓީމަށް ކުޅެމުން އަންނަ، އަހްމަދު މުހައްމަދު (އަންމަޑޭ) އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހިމް މުހައްމަދު (އިބުޓީ) އެވެ. ޓީނޭޖްގެ ޓީމު ހާއްސަ ވަނީވެސް މި ދެ ތަރިން އެޓީމުގައި ހިމެނޭތީ އެވެ. ގޭދޮށު މީހުންނާއެކު ބައިބަލާ މުބާރާތުގެ ޗެމްޕިއަން ގޭދޮށުން ނިކުޓް ޓީމަށް ގެނައުމުގައި މުހިންމު ހިއްސާއެއް ވާތީ އެވެ.

ފަނަރަ ވަރަކަށް އަހަރު ކުރިން ފެށިގެން ރާއްޖޭގެ އެންމެ މަތީ ލެވަލްގައި ފުޓްބޮޅަ ކުޅެމުން އަންނަ އަންމަޑޭ އަކީ، މިހާރުގެ ޒުވަން ކުޅުންތެރިންނާ އެއްވަރަށް، މިހާރު ފުޓްބޯޅައިގައި އަންމަޑޭ ފިޔަ ޖަހައި ނުލެވުނަސް، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ އަކީ ނިއުރޭޑިއަންޓްގެ މުހިންމު ނަމެކެވެ. ނިއުރޭޑިއަންޓުން 2005 ވަނަ އަހަރު، އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި އރު، އަންމަޑޭ އަކީ އެ ޓީމުގައިވެސް ތަރިއެކެވެ. އަދި އޭނާ ވަނީ ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ނަމަވެސް ބައިބަލާގައި، އަންމަޑޭ އަދިވެސް ފަނޑެއް ނުވި އެވެ. ބައިބަލާގައި ރާއްޖޭގައި އޭނާ އަކީ ވަރުގަދަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ މިފަހަރުވެސް، ބައިބަލާގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އަމަޑޭ މިފަހަރު އެންމެ ބޮޑަށް ވިދާލީ ވެސް އޭނާ ދެއްކި ތަފާތު ކުޅުމާއި ގަދަ ހިފުންތަކުގާ އަމަޑޭއަށް ވުރެ އެއްވެސް ބަޔަކު ގަދަ ނުވުމުންނެވެ. ކުއާޓާ އާއި ސެމީ ފައިނަލް އަދި ފައިނަލް ރައުންޑުގައި ވެސް ޓީނޭޖަށް ޖެހުނީ ގަދަ ހިފުމަށް ދާންށެވެ. އެ ތިން ފަހަރު ވެސް އެ ޓީމު ބަރޯސާވީ އަންމަޑޭއަށެވެ. އަދި ތިން މެޗުން ވެސް އެއްވެސް ބަޔަކަށް އަންމަޑޭ ހިފަހައްޓާލެވޭ ގޮތެއް ނުވެ ޗެމްޕިއަންކަން ހޯދި އެވެ.

"އިބުއާ އެއްކޮށް ޕްރެކްޓިސްތަކަށް ގޮއްސަ އެންމެން ވެސް ގުޅިގެން ވަރަށް ސަކަރާތްޖަަ މަަޖާ ނަގަން. އަނެއްކޮޅުން ކުޅޭ ގަޑީ ސީރިއަސްވާ ގަޑިތަކުގައި އެކަކު އަނެކަކުގެ ހުރި މައްސަލަތަކާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ކިޔާދީ ހަދަން. މެޗުތަކުގައި ވެސް އިބޫ އެތެރޭގައި ހުންނަ ހިނދަކު 100 ޕަސަންޓު ޔަގީންކަން އޮވޭ އަރާ މީހަކަށް އަތްލާފަ ދާކަށް. އިބޫ ހުރެއްޖެއާ ކަން ނިންމާނެ. ފުރަތަމަ މެޗުގައި ކުޑަކޮށް ދަށްކޮށް ދިޔައީ ވެސް އިބޫ ނެތީމަ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި އަންމަޑޭ ބުންޏެވެ.

ދެން ހުރީ ގަދަފަދަ އިބުޓީ އެވެ. އޭނާ އަކީވެސް، ބައިބަލާގެ ކުއްލި ޓެކްނިކް ހުރި ކުޅުންތެރިޔެކެވެ. ބޭރުން އަރައި އެތެރޭގެ ތިބި ކުޅުންތެރިން ނުބައި ކޮށްލުމުގައި ހުށިޔާރު ކުޅުންތެރިޔަކަށް އިބުޓީގެ ބޭބެ އަންމަޑޭ ހުރި ނަމަވެސް އެއާހިލާފަށް އިބުޓީ އަކީ ބުރު އެތެރޭގައި ވަރުގަދަ ކުޅުންތެރިޔެކެވެ. އޭނާގެ ސަޕޯޓަރުން ބުނާހެން "ވަން މޭން އަމީ" އެވެ. ބޭރުން އަރާ އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ، ބައިބަލާ ކޯޓްގެ ވެލިގަނޑު ތެރެއަށް ވައްޓާލާ ދޫނުކުރާނެ އެވެ. ބިޔަކޮށް ބޮޑުކޮށް ހުންނަ ވަރުގަދަ އިބުޓީ އަތުގަ ޖެހިއްޖެއާ ސަލާމަތެއް ނުވެވޭނެ އެވެ.

"އަހަރުންގެ މުޅި ޓީމު ކަހަލަ ގޮތަކަށް އޮތީ ބޭބެއަށް ބަރޯސާވެފަ. އެއީ އެކްސްޕީރިއަންސްވީމަ. އޭގެ ފައިދާ ވަރަށް ބޮޑަށްވޭ. އެއީ އަންމަޑޭ ވަރަށް ގިނަ އެއްޗެހި ބުނެދީ ކުރަންވީ ކަންކަން ކިޔާދޭނެ. އެހެންވެ އަމިއްލަ މީހާއަށް ވެސް ވަރަށް ކޮންފިޑަންސް އޮތް. އެގޮތަށް ކުޅެގެން ގަދަ ޓީމުތަކާ ވާދަކޮށް މޮޅު ވެވުނީމަ ބުނެދޭން ވެސް ނޭންގޭހާ އުފާވޭ. އެ ރޭ ޓީމު މޮޅުވި ގަޑި ހަމަ ހުރީ ގަބޫލު ވެސް ނުކުރެވިފައި. މިއީ ވަރަށް ބޮޑު އުފަލެއް،" އިބުޓީ ބުންޏެވެ.

ޓީނޭޖުގެ ފަހުރަކަށް އަންމަޑޭއާ އިބުޓީވާ ބޮޑު އެއް ސަބަބެއް އޮވެ އެވެ. އެއީ ކޮންމެ އަހަރަކު އޮފާތައް ލިބިގެން އެންމެން އެހެން ޓީމުތަކަށް ދިޔަ ނަމަވެސް އިބޫއާ އަންމަޑޭ މި ފަހަރު ނިކުތީ ތަފާތު އަޒުމަކާގެނެވެ. ގޭ ކައިރިން ކުދިންކޮޅު އެއްކޮށްގެން ކުރިން އޮތް ޓީނޭޖު އަންބުރާ ގެެންނަންށެވެ. އެހެންވެ މުބާރާތް ކައިރިވަމުން ދިޔަަ އިރު އައި ބޮޑެތި އޮފާތަކަށް ވެސް ނޫނެކޭ ބުނެ ވަރަށް ސާބިތުކަމާއެކު ތިއްބެވެ. ޓީމު ފޯރީގައި މިދެކުޅުންތެރިންވެސް ކެކިގެން އަންނަނީ އެއް ރޫހެއްގައެވެ.

ޓީމަށް ބޮޑު ސަޕޯޓެއް ހިސާބުގަނޑު މީހުންގެ ފަރާތުން ވެސް ލިބުނެވެ. އެގޮތުން ޕްރެކްޓިސްތައް ފެށި ހިސާބުން ހިތްވަރު ދިނުމާއި ޓީމްވޯކް ވަރުގަދަ ކުރުމަށް ހަދިޔާ ބަހާ ޓީމަށް ކެއުންތައް ދީ ހިތްވަރުލާދެ އެވެ. މި ފަހަަރުގެ މުބާރާތުގައި ކުުޅުނު އިރު ވެސް ޓީނޭޖުގެ ސަޕޯޓަރުންގެ އަޑު ނުކެނޑެއެވެ.

"އަޅުގަނޑުމެންނަށް މި ކާމިޔާބެއް ނުލިބުނީސް މިހާ ތަފާތު ކޯޗެއް ނުލިބުން ނަމަ. އަޅުގަނޑު މިހާތަނަށް ވަރުގަދަ ތިން ކޯޗެއްގެ ދަށުން ޕްރެކްޓިސް ކުރިން. ނަމަވެސް މި ވަރުގެ ކޯޗަކާ އެކު މަސައްކަތް ކުރަން މި ލިބުނީ ފުރަތަމަ ފަހަރަށް. އަދި މުޅި ޓީނޭޖު ޓީމުން ދެއްކި މޮޅު ކުޅުމާއި ހިތްވަރު ވެސް ފަހަގަ ކުރަން ޖެހޭ،" އަންމަޑޭ ބުންޏެވެ.

މިއީ އަންމަޑޭއާ އިބޫއާ އެއް ޓީމަކަށް ބައިބަލާ ކުޅުނު ދެ ވަނަ އަހަރެވެ. ދެބެއިން އެތަށް ދުވަހެއް ވަންދެއް ދެކެމުން އައި ހުވަފެން ތެދަކަށް ހަދާލެވުނެވެ. މިއި ކޮއްކޮއާއި ބޭބެއަކަށް ލިބޭނެ އެންމެ ބޮޑު އުފަލެކެވެ. އަދި 13 އަހަރު ފަހުން އަނެއްކާ ވެސް ޓީނޭޖަށް ތަށި އުފުލާލަން ފުރުސަތު ދިނުމުގައި ބޮޑު ރޯލެއް އަދާ ކުރި އެ ޓީމުގެ ފަހުރެވެ.