ކުޅިވަރު

ކަސިއަސް އިތުރު އެއް އަހަރަށް ޕޯޓޯގައި މަޑު ކޮށްފި

Jul 6, 2017

ޔޫރަޕްގެ ބޮޑެތި ކުލަބު ތަކުން، ހުށަހެޅުންތައް ލިބިފައި ވަނިކޮށް، ޕޯޓޯގައި އިތުރު އެއް އަހަރަށް މަޑު ކުރަން، ގޯލްކީޕަރު އިކާ ކަސިއަސް ނިންމައިފި އެވެ. ޓްވިޓާގައި ކަސިއަސް ބުނެފައި ވަނީ އަންނަ ސީޒަންގައި، އޭނާ ޕޯޓޯގައި މަޑުކުރަން އެއްބަސްވެފައިވާ ކަމަށެވެ.

ލިވަޕޫލާއި، ޕީއެސްޖީ އާއި ސްޕެއިންގެ މަލާގާ އާއި ފްރާންސްގެ އޮލިމްޕިކް މާސެލޭ އިން ވަނީ ކަސިއަސް ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ޓީމަކަށް ބަދަލު ވިޔަސް، މަލާގާއަށް ބަދަލުވަން ކަސިއަސް ބޭނުން ނުވެ އެވެ. އޭނާގެ ފަރަތުން ބައެއް ނުރަސްމީ ރިޕޯޓްތައް ބުނެފައި ވަނީ، ކަސިއަސްގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަށް ޖެހޭ ހާލަތެއް ގެންނަން އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި މަލާގާއަށް ވެސް އޭނަ އެޖަވަބު ވަނީ ދީފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރަށް ފަހު ރެއާލް ދޫކޮށްލި ކަސިއަސްއާ ރެއާލްއާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތެވެ. އޭނާގެ މުސާރައިން، ޕޯޗްގަލްގެ ސަރުކާރަށް ދަައްކަންޖެހޭ، އިންކަމް ޓެކްސް ދައްކައި ދެނީ ރެއާލުން ނެވެ.

"އިތުރު އެއް އަހަރަށް ޕޯޓޯގައި މަޑުކުރަން ނިންމިކަން އަހަރެން މި އިއުލާން ކުރަނީ އުފަލާއެކު،" ޓްވިޓާގައި ކަސިއަސް ބުނެފައި ވެއެވެ. "ހިތްހަމަޖެހުމާއެކު އިތުރު ޗެލެންޖަށް ކުރިމަތިލާން ތައްޔާރު."

ރެއާލުން ކަސިއަސް ދޫކޮށްލީ އޭނާގެ ޕާފޯމަންސް ދަށް ވުމުން ނެވެ. އެޔާއެކު މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ އަށް ސްޕެއިންގެ ފުރަތަމަ 11 އިން ފުރުސަތު ގެއްލުނެވެ. ފަހުން އޭނާ އަށް ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތެއްވެސް ނުދެއެވެ. ނަމަވެސް މިދިޔަ ސީޒަންގައި ކަސިއަސްގެ ފަރާތުން ވަނީ އޭނާގެ ކުރީގެ ކުޅުން ފެނިގެން ގޮސްފަ އެވެ.