ޒުވާން އެކްޓަރު ރަންބީރު ކަޕޫރުގެ ލޯބީގެ ހަޔާތަކީ މާ ކާމިޔާބު އެއްޗެއް ނޫނެވެ. ފިލްމީ ދާއިރާ އަށް އޭނާ ނިކުތް ދުވަހުން ފެށިގެން މިހާތަނަށް ވަނީ ބަތަލާ ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.
އެ ދެ ލޯބީގެ ގުޅުމުގެ ތެރެއިން އެއްވެސް ގުޅުމެއް މާގިނަ ދުވަހު ދެމި އޮންނަ ގޮތް ވަނީ ނުވެފަ އެވެ. ފަހަރުގައި މާގިނަ މީހުންގެ އެސްްފީނާ ޖެހެނީ ކަމަަށްވެދާނެ އެވެ.
ބައެއް މަޝްހޫރު އެހެން ތަރިންނެކޭ އެއްގޮތަށް ރަންބީރު ވެސް އެންމެފަހުން ފިލްމީ ދާއިރާއަށް ނިސްބަތްނުވާ ލޯބިވެރިޔަކު ހޯދާފައިވާ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.
ރަންބީރުގެ ހަޔާތަށް މިފަހަރު އައި ލޯބިވެރިޔަކީ މުމްބައި އަށް ނިސްބާތްވާ ކުއްޖެއް ކަމަށްވެ އެވެ. އެ ނަސީބުވެރި ކުއްޖާގެ އެއްވެސް މައުލޫމާތެއް އަދި މީޑިއާގައި ދައުރުނުވާއިރު ޔަގީންވާ ހަމައެކަނި ކަމަކީ އޭނާ އަކީ ފިލްމީ ދާއިިރާއާ ގުޅުން އޮތް މީހެއް ނޫން ކަމެވެ.
ރަންބީރުގެ ހަޔާތަށް އާ ލޯބިވެރިޔަކު އައިސްފިކަން ޔަގީންކޮށްދެމުން އެކަން އެނގޭ ފަަރާތަކުން ބުނެފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ވަނީ މިފަހުން ރަންބީރާ އެކު "ޖައްގާ ޖާސޫސް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިވެފަ އެވެ. އަދި އެ ކުއްޖާ ވަނީ ރަންބީިރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާއާ ބައްދަލުވެފައި ކަމަށް ވެސް ބުނެފަ އެވެ.
ރަންބީރު އާ ލޯބިވެރިޔަކު ނެގުމުން އެކަމާ އެންމެ ހިތާމާކުރާ އެކަކަކީ ކެޓްރީނާ އެވެ. ރަންބީރުގެ އާ ލޯބިވެރިޔާ ކެޓްރީނާ އަށް ތައާރަފުކޮށްދީފައިވާއިރު އެކަމަކީ އޭނާ މާ ގަޔާވި ކަމަކަށްނުވާ ކަަމަށް ހަބަރުތައް ބުނެ އެވެ.
މިފަހުން ވަނީ ރަންބީރު އާއިލާއިން ދައްކާ ކުއްޖަކާ ކައިވެނިކުރަން ނިންމާފައިވާ ކަމުގެ ވާހަކަތަައް ވެސް ދެކެވިފަ އެވެ. އެގޮތުން މަންމަ ނީތޫ އާއެކު ކައިވެނިކުރަން އުޅުނު ކުއްޖާއާ ބައްދަލުކުރަން ލަންޑަނަށް ރަންބީރު ދިޔަ ކަމުގެ ހަބަރުތައް އުޅުނު ނަމަވެސް އެ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރަންބީރު ވަނީ ކައިވެނިކުރާނީ ލޯބިވާ ކުއްޖަކާ ކަމަށާއި އާއިލާއިން ވަކި މީހަކާ ކައިވެނިކުރަން ބާރުނާޅާ ކަމަށް ބުނެފަ އެވެ.
ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރަންބީރާއި ކެޓްރިނާ ރުޅިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މިދެތަރިން އެންމެފަހުން ކުޅުނު ފިލްމު "ޖައްގާ ޖާސޫސް" އަންނަ ހަފްތާ ބަންދުގައި ރިލީޒްވާނެ އެވެ.