ކުޅިވަރު

މާޒިޔާގެ ދެ ކޯޗުން ސަސްޕެންޑް، ވައިސްޗެއާމަނަށް ބޮޑު އަދަބެއް

Jul 7, 2017
2

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ކުލަބު އީގަލްސްއާ މާޒިޔާ ބައްދަލު ކުރި މެޗުގެ އެންމެ ފަހު ވަގުތުގައި ދަނޑުން ބޭރުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މާޒިޔާގެ ދެ އެސިސްޓެންޓް ކޯޗުން ސަސްޕެންޑްކޮށް، ވައިސް ޗެއާމަން އަބްދުﷲ މޫސާ ހަ މަހަށް ދަނޑަށް ނުވަދެވޭ ގޮތަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ފިޔަވަޅު އަޅައިފި އެވެ.

މާޒިޔާގެ ދެ އެސިސްޓެންޓް ކޯޗުންގެ ތެރެއިން، އަހްމަދު ޝުޒެއިރު ވަނީ ހަ މެޗަށް ސަސްޕެންޑް ކޮށް، 12000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

ދެ ވަނަ އެސިސްޓެންޓް ކޯޗް، މުހައްމަދު ސުވައިދު (ސުވެޓޯ) ވަނީ ތިން މެޗަށް ސަސްޕެންޑްކޮށް 3000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

އީގަލްސްއާ ދެކޮޅަށް ކުޅުނު އެ މެޗުން މާޒިޔާ ވަނީ، 4-0 ބަލިވެފަ އެވެ. މެޗުގެ ހަމަނުޖެހުން ފެށުނީ، އީގަލްސްއިން ހަތަރު ވަނަ ލަނޑު ޖެހުމުން، ޝުޒެއިރު، ބަދަލު ރެފްރީ އަހްމަދު ޝިފާންގެ މޭޒާ ކައިރިއަށް ގޮސް ބަދަލު ރެފްރީއަށް ނިސްބަތްކޮށް އެއްޗިހި ކިޔައި ގައްޔަށް އަތް ލުމުންނެވެ. އެގޮތުން ޝުޒައިރު ވަނީ ޝިފާންގެ "ދަތް ދޮޅީގައި (އަނގަ މައްޗަށް ވާގޮތަށް) ބާރަށް ހިފާ ކޮށްޕާލާފައިވާ ކަމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެ އަމަލު ތަކުގެ ސަބަބުން އޭނާ ބެންޗުން ފޮނުވާލުމުން، (ޓެކްނިކަލް އޭރިއާ އަށް) ދަމުން ގޮސް ޝިފާނަށް މަރުގެ އިންޒާރުދީ ދަނޑުގެ ޓަނަލްގައި ހުންނަ ބޯޑް ވައްޓާލައި ރެފްރީ ރޫމުގެ ދޮރުގައި ފައިން ޖަހާފައި ވެސް ވެއެވެ.

ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައި ވަނީ ޝުޒެއިރުގެ އަމަލުތަކުން މައްސަލަ އިތުރަށް ހޫނުވެގެން ގޮސް، މާޒިޔާގެ ވައިސް ޗެއާމަން މޫސަ، ސަޕޯޓަރުންގެ ބައިގައި ހުރެފައި އައިސް ޝިފާންއަށް ބަހުންނާއި ޖިސްމާނީ ގޮތުން ހަމަލާ ދީފައިވާ ކަމަށެވެ. މިގޮތުން، ޝުޒެއިރު، ޝިފާންގެ ދަތް ދޮޅީގައި ހިފައި ބާރަށް ކޮށްޕާލުމުން މޫސަ، ޝިފާންގެ ފަހަތުން ކަރުގައި ހިފައި އޭނާގެ "ގަޔާލާ ފިއްތާލި" ކަމަށް ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

މޫސަ ވަނީ އެފަދަ އަމަލެއްގެ ސަބަބުން މީގެ ކުރިން އަހަރަށް ތިން އަހަރަށް ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް، ފަހުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އޭނާ އަށް އަދަބު މާފް ކޮށްދީފައިވާ ކަން ފާހަގަކޮށް، އޭނާ ފިޔަވަޅު އެޅުމުގައި އެކަމަށް ކޮމިޓީން ވަނީ ރިއާޔަތް ކޮށްކޮށްފަ އެވެ. އަދި ދަނޑަށް ނުވަދެވޭ ގޮތަށް، ދިން ހަ މަސް ދުވަހުގެ މުއްދަތުގައި އެފްއޭއެމްގެ ޑިސިޕްލަނަރީ ކޯޑާ ހިލާފް އެއްވެސް އަމަލެއް ކޮށްފިނަމަ، މޫސަގެ އަދަބު ބޮޑު ކުރުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބޭ ގޮތަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ކަނޑައަޅާފަ އެވެ.

ސުވެއިދު ސަސްޕެންޑް ކޮށްފައި ވަނީ މޫސަ އާއި ސުޒެއިރުގެ އަމަލުތަކުން ހިތްވަރު ލިބިގެން ޝިފާން އަށް ބަހުގެ ހަމަލާ ދިނުމުން ނެވެ. މާޒިޔާ ވައިސް ޗެއާމަނާއި ދެ އެސިސްޓެންޓް ކޯޗުންގެ ފަރާތުން، މިފަދަ އަމަލުތައް ހިނގާފައި ވުމުން، އެ ކުލަބު 8000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.

ޑިސިޕްލިނަރީ ކޮމިޓީން ދިން އަދަބު، އިސްތިއުނާފް ކުރުމުގެ ހައްގު މާޒިޔާ އަށާއި ދެ ކޯޗުންނާއި ވައިސް ޗެއާމަށް އެބައޮތެވެ. އެގޮތުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެކަން، އެފްއޭއެމްގެ އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅުމުގެ ފުރުސަތު ލިބިގެން ވެއެވެ.