ކުޅިވަރު

އެއްވަނަ ދުވުންތެރިން އޭޝިއަން ޗެމްޕިއަންޝިޕްގެ ސެމީގައި

Jul 7, 2017
1

އިންޑިއާގެ ބުބަނޭޝަވަރުގައި، ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެންމެ މޮޅު ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާއި އަފާ އިސްމާއިލް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސާއިދު ސެމީ އަށް ދަތުރުކުރީ ހީޓްގެ އެއް ވަނަ ހޯދައިގެން ނެވެ. އޭނާ ރޭސް ނިންމީ 10.43 ސިކުންތުން ނެވެ. ސާއިދުއާ ވާދަ ކޮށް ދެ ވަނަ ހޯދީ، 10.53 ސިކުންތުން ރޭސް ނިންމި، ޖަޕާނުގެ ޓަކުމީ ކުކީ އެވެ. ތިން ވަނަ އަށް ދިޔަ މެލޭޝިއާގެ ޖޮނަތަން ވެސް ރޭސް ނިންމީ، 10.53 ސިކުންތުންނެވެ.

އަންހެނުންގެ 100 މީޓަރު އިވެންޓްގެ ސެމީފައިނަލަށް، އަފާ ދަތުރު ކުރީ، އޭނާ ދުވި ހީޓްގެ ތިނެއްގެ ތިން ވަނަ ހޯދައިގެން ނެވެ. އެ ހީޓްގެ އެއް ވަނަ އަށް ދިޔައީ އިންޑިއާގެ ޑުޓީ ޗަންދު އެވެ. އޭނާ ރޭސް ނިންމީ 11.40 ސިކުތުންނެވެ. އަދި އޭނާ އަކީ ހުރިހާ ހީޓަކުން އެންމެ އަވަހަށް ރޭސް ނިންމި ދުވުންތެރިޔާވެސް މެއެވެ.

ހީޓް ތިނެއްގެ ދެ ވަނަ ހޯދީ، ކަޒަކިސްތާންގެ އޮލްގާ ސަފަރުނޯވާ އެވެ. 11.55 ސިކުންތުން ނެވެ. އަފާ ރޭސް ނިންމީ 12.80 ސިކުންތުންނެވެ. އަންހެނުންގެ 100 މީޓަރު އިވެންޓްގެ ހީޓް ބުރުގައި، ހީޓް ހަތަރެއްގައި، ރާއްޖޭގެ ޒުވާން ދުވުންތެރިޔާ ނަޝާ ނިޒާރު ވެސް ވާދަ ކުރި އެވެ. ސެމީ ފައިނަލަށް ނުދިޔަ ނަމަވެސް، މިއީ ނަޝާގެ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތެރެއިން އޭނާ ވާދަ ކުރި އެންމެ ބޮޑު އެއް މުބާރާތެވެ. އޭނާ ރޭސް ނިންމީ ހީޓްގެ ފަސް ވަނައިގައި 13.12 ސިކުންތުން ނެވެ.

އަފާ އާއި ސާއިދު އަކީ، އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރު އެވޯޑް ނައިޓްގައި މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހާސިލު ދެ ދުވުންތެރިންނެވެ. މި ދެ ދުވުންތެރިންވެސް ވާދަ ކުރާ ސެމީ ފައިނަލު އިވެންޓް އޮންނާނީ މިއަދު ހަވީރު އެވެ.